އިންޑިއާގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނަކަށް ޕްރިންސް ހެރީ ލޯބި ހުށަހަޅައި ކައިވެންޏަށް އެދުނު ކަމަށް ބުނެ މައްސަލައެއް ފެންްމަތި ވެއްޖެއެެވެ. މި އަންހެން މީހާ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޕްރިންސް ހެރީ ވައުދު އުވާލިކަމަށް ބުނެއެވެ.

ޕަލްވިންޑާ ކައޫރް ހަރްޔާނާ ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މީސް މީޑިއާ ޕްލެޓްފޯމެއް މެދުވެރިކޮށް ޕްރިންސް ހެރީ އާއި ވާހަކަ ދައްކަން އުޅެ ކުރިއެރުމެއް ނުލިބުމުންނެެވެ. ކައޫރް ބުނެފައިވަނީ ޕްރިންސް ހެރީ އޭނާ އާއި ކައިވެނި ކުރަން އެދުނު ކަމަށެވެ.

ކައޫރް އެދިފައިވަނީ ޕްރިންސް ހެރީ ހައްޔަރު ކުރުމަށެވެ. ކައޫރް އުންމީދު ކުރަނީ ކޯޓުން ހުކުމް ކުރާ ހިސާބަށް ދިޔުމުން ލަސް ކުރުމެއް ނެތި ހެރީ އޭނާއާއި ކައިވެނީގެ ގޮތުން ގުޅޭނެ ކަމަށެެވެ.

ނަމަވެސް، ކައޫރު ދެކެމުން އައި ހުވަފެން ބިލާހަކަށްވީ ކޯޓަށް އޭނާ ހުށަހެޅި މައްސަލަ ބަަލައި ނުގަތުމުންނެވެ. ކޯޓުން ބުނެފައިވަނީ ޕްރިންސް ހެރީ އާއި ޕަލްވިންޑާ ކައޫރް އާއި ދެމެދުގައި ވާހަކަ ދެކެވިފައިވާ ކަމުގެ ހެކި ނެތުމުން މައްސަަލަ ބަލައި ނުގަންނަ ކަމަށެވެ.

އިންޑިއާގެ މި އަންހެނާއާއި ކޯޓުން ސުވާލް ކުރުމުން އޭނާ ބުނެފައިވަނީ ދުވަހަކުވެސް ޕްރިންސް ހެރީ އާއި ދިމާވެފައި ނުވާ ކަމަށާއި، ވާހަަކަ ދެކެވުނީ މެއިލް އާއި މީސް މީޑިއާ މެދުވެރިކޮށް ކަމަށެވެ. އޭގެ އިތުރުން ކޯޓުގައި އޭނާ ބުނެފައިވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ހެރީގެ ބައްޕަ ޕްރިންސް ޗާލްސްއަށް އޭނާ އާއި ކައިވެނި ކުރާނެކަމަށް ހެރީ ބުނިކަން އަންގާލުމަށް ފަހުގައި ކަމަށެވެ.

މިހާރަކަށް އައިސް ފޭކް އެކައުންޓްތައް މީސް މީޑިއާގައި ބޭނުން ކުރާ މީހުން ގިނަވެފައި ވާ ކަމަށާއި އޭގެ އެކައުންޓަކުން ޕްރިންސް ހެރީގެ ނަމުގައި ވާހަކަ ދައްކާފައި ވެދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.