ކަސްރަތު ކުރުމަކީ ދުޅަހެޔޮކަމާއި ގުޅިފައިވާ، އެކަމެއްގެ ސަބަބުން ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް މުޙިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެކި ކަހަލަ ބަލިތަކާއި ސިއްޙީ ހާލަތްތަކުގެ ނުރައްކާ ކުޑަކުރުމަށް ކަސްރަތުކޮށް ދުޅަހެޔޮކަންމަތީ ހުރުމަކީ މުޙިންމު ކަމެއްކަން ކުރީގެ ގިނަ ހޯދުންތައްވެސް ހެކިދެއެވެ.

ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކޮވިޑް-19 ގެ ވަބާއެވެ. މި ބަލިމަޑުކަމުން އަރައިނުގަނެވި މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު، މި ބަލިމަޑުކަމާއި އެކު އުޅެން ގިނަ ޤައުމުތަކަށް ވަނީ މަޖުބޫރުވެފައެވެ. އެހެންކަމުން ބަލީގެ ހާލަތުން އެކީ އަރައިނުގަނެވުނު ނަމަވެސް ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

މިގޮތުންނ ދާދިފަހުން އިނގިރޭސިވިލާތުގެ ޖާނަލްއެއްގައި ޝާޢިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ، އާދަކޮށް ކޮންމެ ދުވަހަކު ކަސްރަތުކުރާ މީހުންނަށް ކޮވިޑް-19 ގެ ސަބަބުން ނުރައްކާ ޙާލަތު މެދުވެރިވުމުގެ ފުރުސަތު ދަށްކޮށްދޭ ކަމަށެވެ. ޚާއްސަކޮށް މިގޮތުން ދުޅަހެޔޮ މީހުންނަށް ކޮވިޑް-19 ޖެހުނަސް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ މިންވަރު މަދުކަން ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.

މި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކަސްރަތުކޮށް ދުޅަހެޔޮކަންމަތީ ހުންނަ މީހާއަށް ކޮވިޑް-19 ގެ ނުރައްކާ ކުޑަވަނީ، ހެލިފެލިވެ އުޅުމުން މީހާގެ ދިފާޢީ ބާރު އިތުރުކޮށް ހަށިގަނޑު ފިޓްކޮށްދޭތީ ކަމަށެވެ. އަދިހަމަ އެހެންމެ އެއީ ނަފްސާނީގޮތުން ވެސް މީހާ ދުޅަހެޔޮކޮށް، ކޮވިޑްގެ ސަބަބުން ނަފްސާނީ ގޮތުން ކުރިމަތިވެދާނެ ހާލަތަކުންވެސް ދުރުކޮށްދޭނެ ކަމެއް ކަމަށް ދިރާސާފައި ބުނެފައި ވެއެވެ.

މި ދިރާސާގައި އާދަކޮށް ކޮންމެ ދުވަހަކު ކަސްރަތު ކުރުން މާނަކޮށްފައި ވަނީ އެންމެ މަދުވެގެން 22 ވަރަކަށް މިނެޓުވަންދެން ހެލިފެލިވެ އުޅުމަށެވެ. މިގޮތުން ކޮންމެ ދުވަހަކު ހިނގަން ދިއުން ނުވަތަ ކުޅިވަރުކުޅެން ދިއުންފަދަ ކަންކަމަކީ ހަށިގަނޑަށް ފައިދާހުރި ބަދަލުތަކެއް ގެނުވައިދޭނެ ކަމެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.

ކުރީގެ ހޯދުންތަކުން ހާމަވާގޮތުން ސިއްޙީ އެހެނިހެން ނުރައްކަލަށް ހުށަހެޅިފައިވާ މީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ވެސް ދެގުނައަށް ބޮޑެވެ. އެހެންކަމުން ކަސްރަތު ކުރުމަކީ، ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރަންޖެހޭ މުޙިންމު ކަމެކެވެ.