ގޭގައި ތިބެގެން މިއަދު ބޭނުން ކޮންމެ އެއްޗެއް ގަނެލެވެއެވެ. ބޭނުން ވަގުތެއްގައި ފޯނު ނަންބަރު ރީޗާޖް ވެސް ކުރަނީއެވެ. ބިލްތައް ވެސް ދައްކަނީއެވެ. އިންޓަނެޓާއި އެކު ދިރިއުޅުން ފަސޭހަ ވެއްޖެއެވެ. ކަންނެތް ވެސް ވެއްޖެއެވެ. ދުނިޔޭގެ ވިޔަފާރިއަށް މި އައި ބަދަލު، ނޫސްވެރިކަމަށް ވެސް އައިސްފިއެވެ. މިއަދު ކަމެއް ހިނގުމުން ވަގުތުން އެ ވާހަކަ ޝާއިއު ކުރާނެއެވެ. ގޭގައި ތިބެގެން ވެސް މައުލޫމާތު ހޯދައިގެން ޚަބަރުތައް ޝާއިއު ކުރެވެއެވެ. މީސް މީޑިއާ އޮތުމުން މައުލޫމާތު ހޯދަން އެހާ އުނދަގުލެއް ވެސް ނޫނެވެ. މީސް މީޑިއާގައި ޕޯސްޓް ކުރުމުން އެތައް ބަޔަކަށް ލިޔުންތައް ފޯރުކޮށްދެވުނީއެވެ.

އެހެން ވިޔަސް މީގެ އަހަރުތަކެއް ކުރިން ނޫސްވެރިކަމަކީ ވެސް މިހާ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. ފުރަތަމަ ކަމަކަށް މިފަދަ ވަސީލަތްތައް ވެސް ނެތީއެވެ. ދެވަނަ ކަމަކަށް ނޫސްވެރިންނަށް މިހާރު މި އޮތް ފަދަ މިނިވަން މާހައުލެއް ވެސް ނެތީއެވެ. ނޫސްވެރިކަމަކީ ބިނާ ކުރަނިވި ފާޑުކިޔުން ހިންގާ ހަރަކާތަކަށް ކިޔައި އުޅޭ ނަމެކެވެ. ރާއްޖޭގައި، އެއް އިރެއްގައި އެއީ ނިޒާމުގެ ތެރޭގައި ހިމެނޭ ކުށެކެވެ. ސަރުކާރާއި އިދާރާތަކަށް ފާޑުކިޔައިގެން ހުރަގޭގެ އަދަބާ ކުރިމަތި ނުލައި މީހަކު ވެސް މަދުވާނެއެވެ. ނޫސްވެރިކަން ވެސް އޭރު އޮތީ "ހުރަގޭ" ތެރޭ ތާށިވެފައި ކަހަލަ ގޮތަށެވެ.

ޓީވީ ނޫސްވެރިކަމަށް ތަފާތު އިންޤިލާބެއް ގެނެސްދެއްވި "ރާއްޖެ ޓީވީ" ގެ ކުރީގެ ސީއީއޯ އަދި މިހާރު "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވަނީ އޭނާގެ ޅައިރު ރަށުގައި ހިނގާ ކަންކަމަށް ފާޑުކިޔަން ޖެހުނު ގޮތާއި، ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގު އުފެދިގެން އައި ގޮތުގެ އިތުރުން އޭރު ނޫސްވެރިކަން ކުރަން ޖެހުނު ބުރަ ގޮތް "ވަގުތު" އާއި ހިއްސާ ކޮށްދެއްވައިފައެވެ. ދާދި ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ފުރުއްވި ފިޔާޒު ހިއްސާ ކުރެއްވި ވާހަކަތަކަށް ބަލާއިރު އެއީ "ހާލެއްގައި" ނޫސްވެރިކަން ކުރި ޒަމާނެކެވެ.

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ "ވަގުތު" އަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވިލުފުށީގައި ރަށު ކަންކަމަށް ފާޑުކިޔައި އުޅުނު ގޮތް

ޅައިރުގެ ހަނދާންތަކުގެ ތެރެއިން ފިޔާޒު އެންމެ ބޮޑަށް ހަނދާނުގައި ހުންނަ އެއް ކަމަކަށް އޮތީ މަގުމަތީގައި ފުޓްބޯޅަ ކުޅެގެން ގޭބަންދު ކުރި ދުވަހެކެވެ. ޅަ ފިޔާޒަށް ވެސް އެއީ ކުށެއް ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. އަދި ގޭބަންދު ކުރީ ވެސް އެންމެ އިންސާފުން ކަމުގައި ދެކެން ދަތިވިއެވެ. އެކަމަކު ކިޔަމަންތެރި މުޖުތަމައުގައި ކިޔަމަންތެރިކަމާއެކު ފިޔާޒު ވެސް އުޅުއްވީއެވެ.

"އަޅުގަނޑުމެން މަގުމަތީގަ ފުޓްބޯޅަ ކުޅެން ތިއްބަ ގޭބަންދު ކުރި. އެ ގޭބަންދުގަ އަދިވެސް މި ހުރީ. ގޭބަންދު ނިންމައެއް ނުލައި. އަޅުގަނޑު ވަކި ހިސާބަކުން އަމިއްލައަށް ނުކުމެ މިހެން ފަހުން އުޅެން ފެށީ ދެން. އެ ގޮތަށް ނުކުތް ގޮތަށް މި އުޅެނީ،" ކުޑައިރުގެ ހަނދާންތައް މަޖާޒީ ގޮތެއްގައި އާކުރައްވަމުން ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި، މިފަދަ ބައެއް ކަންކަމުގެ ސަބަބުން ރަށުގައި ހިނގާ ބައެއް ކަންކަމަށް އޭނާ ފާޑުވިދާޅުވާން ފެށްޓެވީއެވެ. މައި ސަރުކާރާއި ރަށުގެ އިދާރާތަކަށް މިއަދު ފާޑުކިޔަމުންދާ އުސޫލުން އޭރު ފާޑުކިޔޭކަށް ނޯވެއެވެ. ފާޑުކިޔައި އުޅުނީ ލިޔެގެންނެވެ. އެ ކަން ކުރަނީ ވެސް އެހެން މީހުނަށް ނޭނގި، ސިއްރުންނެވެ. މިއީ ފިޔާޒުގެ ނޫސްވެރިކަމުގެ ބިންގާ އެޅިގެން އައި ހިސާބު ކަމުގައި މިއަދު އޭނާ ޤަބޫލު ކުރައްވައެވެ.

ރަށުގެ ކަތީބާއި ސްކޫލާއި އޮފީސްތަކަށް ފާޑުކިޔައިގެން ފިޔާޒް ލިޔުއްވާފައި ހުންނެވި ލިޔުންތައް ރަށު ރައްޔިތުންނަށް ބެއްސެވިއެވެ. އެކަމަކު އެ ޒަމާނުގައި އެއީ ވެސް ކުރަން ފަސޭހަ ކަމެއް ނޫނެވެ. ފުރަަތަމަ ދުވަސްވަރު ކޮންމެ ލިޔުމެއް ޖެހެނީ އަތުން ލިޔާށެވެ. މި ގޮތަށް އެއް ލިޔުމެއް އެތައް ގަނޑެއްގައި އެކި ފަހަރު މަތިން ލިޔަން ޖެހެއެވެ. ފޮޓޯ ކޮޕީ ހެއްދޭނެ ގޮތް ވެސް ވީ މި ގޮތަށް ލިޔުންތައް ބަހަން ފެށިތާ ދުވަސްތަކެއް ފަހުންނެވެ.

"އަޅުގަނޑު މާލެ އާދެވުނީ 1993 ގައި. އުމުރުން 15 އަހަރު ވާނީ. ދެން ފޮޓޯ ކޮޕީ ހެއްދީ. ދެން މާލެއިން ލިޔެފައި ކޮޕީ ހައްދައިފަ ރަށަށް ގެންނާނީ. ދެން ރަށުގަ ގޭގެއަށް ގެންދިއުމުގެ އޮޕަރޭޝަން ޖައްސާނީ ރަށުގަ ތިބި ގްރޫޕް. ފަހުން ނޫސް ސްޓައިލް ވެސް ގެނައިން. ފަތް ވެސް ޖަހާލާފައި ނިއުސް ލީފްލެޓްއެއް ގޮތަށް،" ފިޔާޒު ވިދާޅުވިއެވެ.

ވަކި ހިސާބަކުން އެ ކަމުގެ ފަހަތުގައި ތިބި ފަރާތްތައް ވެސް އެނގެން ފެށިއެވެ. ފިޔާޒު ވެސް އެ ކަމުގައި އުޅުއްވާ ކަން އެނގެން ފެށިއެވެ. އެއީ އޭރު ކުށެއްގެ ގޮތުގައި އޮންނަ ކަމަކަށް ވާތީއާއި އެކަން ކުރިކަން ވެރިންނަށް ފަޅާ އަރައިފިނަމަ އަދަބު ވެސް އަންނާނެ ކަން އެނގޭތީ އެހާ ހިސާބުން އެ ކަން ހުއްޓާލީ ކަމަށް ފިޔާޒް ވިދާޅުވިއެވެ.

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ "ވަގުތު" އަށް ދެއްވި ބަސްދީގަތުމުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައްޔިތުންގެ މަޖިލިސް އޭރު ކަވަރު ކުރި ގޮތް

ނޫސްވެރިކަމުގެ ހަޔާތް ފިޔާޒް ފެށްޓެވީ "މިއަދު" ނޫހުގައެވެ. އެ ނޫހުގައި ދެ އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، "އާ ފަތިސް" ނޫހާ ގުޅިވަޑައިގަތެވެ. އެ ނޫހުގައި ފިޔާޒު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކަވަރު ކޮށްފައި ވަނީ ސެޕްޓެމްބަރު 2003 ގައި ޖަލުގައި ހިނގި ހަމަނުޖެހުންތަކެއްގައި މަރުވެގެން ދިޔަ އީވާން ނަސީމްގެ މަރުގެ މައްސަލައެވެ. އޭގެ ފަހުން 2005 ގައި "ހަވީރު" ނޫހާ އޭނާ ގުޅިވަޑައިގަތެވެ.

"ހަވީރު" އަކީ އޭރު ރާއްޖޭގައި ހިނގަމުން އައި އެންމެ ވަރުގަދަ ނޫހެވެ. އެ ނޫހުގައި ފިޔާޒު މައިގަނޑު ގޮތެއްގައި ކަވަރު ކުރަން ޖެހުނީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ކަންކަމެވެ. ރައްޔިތުންގެ މަޖިލިސް ކަވަރު ކުރުމަކީ ވެސް އޭރު ފަސޭހަ ކަމެއް ނޫނެވެ.

މިއަދު ޓީވީތަކަށް މަޖިލިސް އިދާރާއިން ލައިވް ފީޑް ދޫކުރެއެވެ. މަޖިލީހުގެ ޔޫޓިއުބް ޗެނަލް އިން މަޖިލިސް ޖަލްސާތައް ބަލައިލެވެއެވެ. އެ ޗެނަލް އިން ކޮމިޓީތަކުގެ އޯޑިއޯ ވެސް ލައިވް ކުރެއެވެ. ބައެއް ޓީވީތަކުން ކޮމިޓީތަކުގެ ވީޑިއޯއާއި އޯޑިއޯ ވެސް ލައިވް ކުރެއެވެ. މަޖިލީހުގެ ކޮމިޓީތަކަށް ވަންނަން ނޫސްވެރިން މަޖިލީހަށް ދަނީ ފޯނު ފަދަ ވަސީލަތްތައް ވެސް ހިފައިގެނެވެ. އޭރު ކަން އޮތީ އެހެނެއް ނޫނެވެ.

"އޭރު ޓީވީއަކުން ލައިވްއެއް ނުކުރާނެ. ފޯނެއް ވެސް ނުވެއްދޭނެ މަޖިލީހަކަށް. ބޮޑު ކަމެއް ވެއްޖެ ނަމަ ފޯނުން ގުޅައިފަ ވަގުތުން އަންގާނީ. އެއިން ކޮންމެ ފަހަރަކު ޖެހޭނީ ކައުންޓަރު ކައިރިއަށް އަންނަން، އެހެން ނޫނީ މަޖިލިސް ޖަލްސާ ވެސް އަދި ކޮމިޓީ ވެސް ކަވަރު ކޮށްފައި ދާނީ އޮފީހަށް. ގޮސްފައި ލިޔަން ޖެހޭނީ، ވާ ކަންކަމާއި ދައްކާ ވާހަކަތައް ވަރަށް ރަނގަޅަށް ފޮތުގައި ނޯޓް ވެސް ކުރާނެ،" ފިޔާޒް ވިދާޅުވިއެވެ.

މަޖިލީހުގެ ކަވަރޭޖްގައި ފިޔާޒް އެންމެ ހަނދާން ހުންނަނީ ޚާއްސަ މަޖިލީހުގެ ޖަލްސާއެކެވެ. އޭރު ޚާއްސަ މަޖިލީހުގެ މުހިއްމު އެޖެންޑާތައް ހިނގާ ވަގުތު އެމްޑީޕީގެ އޭރުގެ ޗެއާޕާސަން އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވައެވެ. ވަޑައިގެން މަޖިލީހުގެ ގެލެރީގައި އިންނަވައެވެ. އޭރު މަޖިލީހުގެ ޖަލްސާ ކަވަރު ކުރާ ނޫސްވެރިން ވެސް ތިބެނީ އެ ތަނުގައެވެ.

"ސަރުކާރު މެންބަރުން ނުހުންނާނެ އިދިކޮޅު ހެދުމުގެ ސިފަތައް، ވަރަށް މަޑުމައިތިރި ވާނެ، އަޑުގަދަވާނީ، މަދުވިޔަސް، އެމްޑީޕީގެ މެންބަރުން، ރައީސް ނަޝީދު ގެލެރީގައި ޖައްސަވައިފި، މުޒާހަރާ، ފަރުދާ ވައްޓަލައިފި މީހަކު، ނޭނގެ ކާކު ކަމެއް ވެސް، ރައީސް ނަޝީދު ދެން މަޖިލީހުގެ ޗެމްބަރުގެ ތެރެއިން އަޑު އުފުލަމުން ދަނިކޮށް ފެނުނީ، ދެން ބޭރަށް ނުކުމެ ސަޕޯޓަރުންނާ އެކީ މުޒާހަރާ ގެންދިޔައީ،" ފިޔާޒް ވިދާޅުވިއެވެ.

ހަވީރު ނޫހުގައި މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ކޮމިޓީއެއް ފޔާޒް ކަވަރު ކުރައްވަނީ

ރާއްޖެ ޓީވީގައި ތަފާތު ތަޖުރިބާއެއް

"ރާއްޖެ ޓީވީ" އަށް ފިޔާޒު ވަޑައިގެންނެވި ސަބަބަކަށް ވެސް ވިދާޅުވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ތަފާތެއް ގެނައުމަށެވެ. ކުރިން ނޫސްވެރިކަން އޮންނަނީ ހަމައެކަނި "ދެލިގަނޑެއް" ގައި އެކަނިކަމަށް ދެކެވަޑައިގަތެވެ. ނޫސްވެރިކަމުގެ އިނާމުތައް ވެސް ހާސިލް ކުރައްވާފައިވާ ފިޔާޒް ވިދާޅުވަނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު އެ ކަން ވެސް ބަދަލު ވާން ޖެހިއްޖެ ކަމުގައި ޤަބޫލު ކުރެވިގެން ނޫސްވެރިޔެއްގެ ވަޒީފާއަކަށް ރާއްޖެ ޓީވީއަށް ވަޑައިގަތީ ކަމަށެވެ.

އެހެން ވިޔަސް ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ހުށަހެޅުއްވީ ފިޔާޒަށް ސީއީއޯގެ ވަޒީފާއެވެ. ބްރޯޑްކާސްޓިންގެ ތަޖުރިބާ ވެސް ނެތި، ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީވީ ސްޓޭޝަންގެ ސީއީއޯއާ ހަވާލުވެވަޑައިގަތުމަކީ ޗެލެންޖެއްގެ ގޮތުގައި ފިޔާޒް ދެކެވަޑައިގަތެވެ. އަބަދުވެސް އެފަދަ ޗެލެންޖްތައް ފިޔާޒް ޤަބޫލު ކުރެއްވިއެވެ.

ރާއްޖެ ޓީވީ އިން އެ ދުވަސްވަރު އެހެން ޓީވީ ސްޓޭޝަންތަކަށް ހޯދިފައި ނުވާ ބައެއް މަންޒަރުތައް ހޯދިއެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ ގެނައި މަންޒަރެވެ. ފެބްރުއަރީ 1، 2018 ގެ އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރު ކުރަން ސިފައިންގެ ބަޔަކު ސުޕްރީމް ކޯޓަށް ވަންނަ މަންޒަރެވެ. މިހެން ކިތަންމެ މަންޒަރެއް ހޯދައިގެން އެ ޓީވީގައި ދެއްކިއެވެ. މި މަސައްކަތް ކުރަމުން ދިޔައީ އޭރުގެ ސަރުކާރުން އެކި ފަހަރު މަތިން "ރާއްޖެ ޓީވީ" ޖޫރިމަނާކޮށް އެކި ހުރަސްތައް ވެސް ކުރިމަތި ކުރަމުން ދަނިކޮށެވެ.

"ފެބްރުއަރީ އެއްވަނަ ދުވަހު އަމުރާ ގުޅިގެން ވަރަށް ހަރުކަށިކޮށް ހިނގައި ދިޔައީ. އެ ކަމަކު އަޅުގަނޑުމެން ވެސް ދުލެއް ނުދެން، އަޅުގަނޑުމެން އެކި ތަންތަނުގައި ކެމެރާ ބަހައްޓާފައި ހުންނާނީ. އަޅުގަނޑުމެންނަށް އެނގޭ މާ ކުރިން އެކަން ކުރާނެ ކަން. މެންބަރުން ނެރުނު ދުވަސްވަރު ވެސް ވީޑިއޯ ނަގަން. އެކި ތަންތަނުގަ ކެމެރާ ބަހައްޓައިފަ މަންޒަރުތައް ނަގާފައި ހުންނާނެ." ރާއްޖެ ޓީވީގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ފިޔާޒް ވިދާޅުވިއެވެ.

ހުސައިން ފިޔާޒު މޫސާ ރާއްޖެ ޓީވީގައި

ކަންނެތް ނޫން ގޮތަކަށް ނޫސްވެރިކަން ކުރެވޭނެ

"ރާއްޖެ ޓީވީ" ގައި މަސައްކަތް ކުރެއްވުމަށް ފަހު ފިޔާޒް ދެން ވަޑައިގަތީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށެވެ. އެ މަޤާމުގައި ހުންނަވާ ފިޔާޒް ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުން ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ލިބިދޭ ބާރުވެރިކަމާ މެދު ހޭލުުންތެރިކޮށްދީފައެވެ. މި ޤާނޫނުގެ ދަށުން ލިބިދޭ ބާރުވެރިކަން ބޭނުންކޮށް، މިއަދު ދައުލަތުގެ އިދާރާތަކުގެ ގިނަ މައުލޫމާތުތައް އާންމުން ދަނީ ހޯދަމުންނެވެ.

"އަދަދު" ނޫސް ހިންގެވުމަށް ދާދިފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުން އިސްތިއުފާ ދެއްވި ފިޔާޒް ދެކެވަޑައިގަންނަވާ ގޮތުގައި، ޓެކްނޮލޮޖީގެ ވަސީލަތްތައް އައުމުން ނޫސްވެރިކަން ވެސް އޮތީ ވަރަށް ކަންނެތް ވެފައެވެ. މި ކަން ބަދަލު ކުރެވޭނެއެވެ. އެ ވަސީލަތްތައް ވާން ޖެހޭނީ އިތުރު އާ މައުލޫމާތު ހޯދެން އޮތް މެދުވެރިއަކަށް ކަމަށް ފިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރަށް އަދިވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތަކެއް ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. ހުރަސްތައް ކުރިމަތި ނުވާނަމަ ރާއްޖޭގެ ގިނަ ނޫސްތައް ތަމްސީލް ވާނެހެން ނޫސްވެރިން މުޒާހަރާއަށް ނުކުުތުން ފަދަ މަންޒަރުތައް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން ލިބެން ޖެހޭނެއޭ. ޖުމުލަ ގޮތެއްގައި ނޫސްވެރިން އެ ގޮތަށް މަގުމައްޗަށް ނުކުތުމަކީ ނޫސްވެރިކަމަށް ކޮންމެ ވެސް ވަރަކަށް ހިޔަނި އެޅޭ ގޮތަކަށް އޮތުމުން ނޫސްވެރިން ނުކުންނާނީ. މިނިވަންކަން އަބަދުވެސް އޮންނަން ޖެހޭ ކަމަށް ވަކާލާތު ކުރަން ވާނެ. އަދި ސަރުކާރު ޒިންމާދާރު ކުރުމަށް ނޫސްވެރިން ބުރަކޮށް މަސައްކަތް ކުރާށޭ. ކަންނެތް ވެގެން ނުވާނެ،" ފިޔާޒް ވިދާޅުވިއެވެ.

މިއަދު އެތައް ނޫސްތަކެއް ރަޖިސްޓްރީވެ، ކޮންމެ ދުވަހަކު އެތައް ސަތޭކަ ލިޔުންތަކެއް ލިޔެވެމުން ދާއިރު އެލިޔުންތައް ލިޔުއްވަން ތިއްބެވި ޒުވާން ނޫސްވެރިންނަށް ޔަގީނުން ވެސް ފިޔާޒް ވާނީ މިސާލަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނުހާ

    ވަރަށް ގިނަ ކަންކަމުގަ ދޮ ގު ހަދާފަ ފިޔާޒު ހުރީ. ނޫސްވެރިންގރ ކިބައިގގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފަ ތެދުވެރިކަން ނެތް. ވިލުފުއްޓޭ ކިޔާފަވެސް ދޮ ގު ތިއޮތީ

    20
    1
  2. ޢިބުން އަލީ

    މުޅި މުޖުތަމަޢު ގެ އިޖުތިމާއީ ފޭރާން ވީދާ ހަލާކު ކޮށްލީ މިބައިމީހުން. ނޫސްވެރިންނެއްނޫން މީ އިނ ގޭތޯ މިއީ މި މުޖުތަމައު ގަ ފިތުނަ އުފެއްދި މީހުން

    26
    1
  3. ޖަހާލަބަލާ

    ނޫސްވެރިކަމުގައިވެސް އެންމެ ބޮދަށް އަނިޔާދީ ފިއްތާ ހެދީ ޔާމީނު ވެރިކަމުގަ

  4. އަލީ

    ނޫސްވެރިކަމަކީ ފިތުނަ ފަސާދައާއި ތޯތޯ ވާހަކަ ކައްކާ ފެތުރުން ކަމަށް ވަންޏާ ލައްކަ އެވޯޑެއް ތި ބޭފުޅާއަށް ލިބޭނެ.

    10
  5. ދަރަނި ދަންތުރަ

    ތިޔައީ ނޫސްވެރިޔެއްނޫން ތިޔައީ ފިތުނަ ފަސާދަ އުފައްދާ ވެރިޔެއް މީހުންގެ އަބުރުކަތިލުމުގައި މުޅިއުމުރު ހޭދަކުރި މީހެއް ކޮބައިބާ ސާހިދުގެ ކާޕެޓު ..

  6. ބޯޖަލީލު

    އެތައްބަޔެއްގެ އަބުރުކަތިލި ހާއިނެއް ގައުމަށް ގައްދާރުވި ގައްދާރެއް ހަރާމެއް ހަލާލެއްނުބަލާ މަގާމުތަށް ހޯދި މީހެއް

    10
  7. ޒަމީރު

    އެކަމަކު ކިޔަމަންތެރި މުޖުތަމައުގައި ކިޔަމަންތެރިކަމާއެކު ފިޔާޒު ވެސް އުޅުއްވީއެވެ

    އެފަދަ ކިޔަމަންތެރި މުޖުތަމަޢު އޭ އަހަރުން ބޭނުންވަނީ
    ތަނުގެ އިސްވެރިންނާ ދެކޮޅަށް ފާޑު ކިޔާ ރިބެލް ވާ މީހުންނޭ ހުރިހާ ފިތުނަ އަކީ

  8. ހިތާމަ

    މީ ނޫސްވެރިއެއްކަމަކަށް ގަބޫލެއްނުކުރަން. އެއްވެސް ސިފައެއްނެތް، ނޫސްވެރިއެއްގެ. އަނގައެއް އެކަނި އޮތީ. ހަދަނީ ހުސް ދޮގު. ކުޑައިރު ކޮންކަމެއްކުރިމީހެއްމީ. ކަލޭ އެކަނިތަ ގޭގަ ބަންދު ކުރަނީ. ތީ ރަށްރަށުގަ އާންމުކަމެއް. އަދަބު ނުދޭތީ ތިފާޑަށް ތި ތެޅިއަރުވަނީ. ހީވަނީ އަދަބަކީ އޮަންނަ އެެއްޗެއް ނޫންހެން މީނަގެ ނަޒަރުގަ

  9. ޙހހހ

    ކޯޗެއް މަތީ މަޤާމެއް ލިބުނީމަ މިހާރު އިންސާފާއި އަދުލު ބަސްވެސް އުވާލާފި

    9
    1
  10. ހުވަނދުއެދުރު

    ކަޑަ މީހެއްތީ
    ދުވަހަކުވެސް ތެދެއް ހެދެއް އޮތަސް ހަދާނީ ދޮގު..
    ތިމާޔަށް ތިމާވަރު މީހެއް ނެތްކަމަށް ދެކެގެން އުޅޭ މީހުންގެ މަލާމަތް އަބަދުވެސް ރައްދުވާ އަމިއްލަޔަށް މޮޅުމީހަކަށް ހެދިގެން އުޅޭމީހެއްތީ،
    ތިމީހާގެ ވާހަކަ މިކަހަލަ މާތް މަސްވަރެއްގައި ނުދެއްކޭނެ...

  11. ފަސާދަ

    މީ ދިވެހިރާއްޖޭގައި ފަސާދަ އުފައްދައި މީސްތަކުން މަގުފުރައްދަން އުޅުނު މީހުންގެ ތެރެއިން މީހެއް.

  12. އަތަމާގޭފާއިޒު

    މީނައަކީ ފޮނިކަނޑާ މީހެއް

  13. ދަންނަ

    ހަގީގަތުގައި ވަރަށް އަންނި މީހެއް. ބުނާ ބަހާ އަމަލާ ދިމާ ނުވާނެ. ފޮނިކެނޑުން އެއީ މޮޓޯއެއްކަމުގައި ދެކޭނީ. ނޫސްވެރިކަމުގެ ގޮތުން ލިޔުނު މާގިނަ ލިޔުންތަކެއް ދުށް ހަނދާނެއް ނުވޭ. މީހާރު ވެސް އެހެރީ ރަނގަޅުދިމާއެއް ނަގައިގެންނެކޭ ނުބުނެވޭނެ. ނަތީޖާ ފަހުން ފެންނާނެ. ވަރަށް ތަފާތު އަޑުތައް އިވޭ. ވާ ގޮތް ބަލަމާ