ފުލުހުންނަށް ފިލަން ދުވި މީހަކު ނޭވާ ހާސްވެގެން މަރުވެއްޖެއެވެ.
އެމެރިކާގެ މޭރީލޭންޑުގެ ސިޓީއެއް ކަމަށްވާ ފްރެޑްރިކްގައި މިހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.
ނޫސްތަކުން ބުނާގޮތުގައި އޭނާ މަރުވެފައިވަނީ، ފުލުހުން އޭނާ ހުއްޓުވުމުން ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ނޭވާލާން އުނދަގޫވެ ނޭވާ ހާސްވެގެންނެވެ. ފުލުހުން އޭނާ ހުއްޓުވަން މަސައްކަތްކުރީ، އޭނާއަކީ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ މީހަކަށް ވާތީއެވެ.
އޮފިޝަލުން ބުނެފައިވާގޮތުގައި، އޭނާ ވަނީ ފުލުހުންނަށް ފިލަންވެގެން އެއްހާސް ފޫޓަށްވުރެ ދުރަށް ދުވެފައެވެ. މިކަމުގެ ސަބަބުން އޭނާއަށް ނޭވާލާން އުނދަގޫވެ ދުވުން ހުއްޓާލުމާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައިރު، އޭނާ މަރުވީ ފަރުވާދެމުން ދަނިކޮށް، ރަނގަޅަށް ނޭވާނުލެވި ހިތް ހުއްޓިގެންނެވެ.
މި ހާދިސާ އިތުރަށް ތަހުޤީޤު ކުރަމުންދާއިރު، އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އޭނާގެ އޮޓޮޕްސީވެސް ހަދާފައެވެ. ނަމަވެސް އަދި އެ އޮޓޮޕްސީގެ ނަތީޖާ ލިބިފައިނުވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.