އިންޑިއާގެ މަހަރަޝްތްރާގޭ ޕޫނޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް އަންހެނެއް ކައިރީގައި ތުއްތު ކުއްޖަކު އޮއްވާ ފެނިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ އެތަނުގައި މަރުވެފައި އޮންނަތާ ދެ ދުވަސް ވެދާނެ އެވެ. އެއްވެސް މީހަކު އެ ކުއްޖާއަށް އެހީވުމަށް ކައިރިވެފައި ނުވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ހެދިއެވެ.

އެންމެ ފަހުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ އެ ގޭގެ ވެރިފަރާތުންނެވެ.

އެއާއެކު މިދިޔަ ހަފްތާ ހޯމަ ދުވަހު ފުލުހުން އެގެއަށް ވަދެފައި ވަނީ ދޮރު ވައްޓާލައިގެންނެވެ. ފުލުހުން އެގެއަށް ވަންއިރު، އެ ތުއްތު ކުއްޖާ މަރުވެފައި އޮތް އޭނާގެ މަންމަ ކައިރީގައި އޮއްވާ ވަނީ ފެނިފައެވެ. ބެލެވޭގޮތުގައި އެ ކުއްޖާގެ މަންމަ މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެހެންކަމުން އުމުރުން 18 މަހުގެ އެ ކުއްޖާ އޮތީ ދެ ދުވަސް ވަންދެން ކާ އެއްޗަކާއި، ފެންފޮދެއްވެސް ބޮއެ ނުލާ ކަން މި ވަނީ އެނގިފައެވެ.

ކޮވިޑްގެ ބިރަށް އެ ކުއްޖާ އެހީވުމަށް އާއިލާއިން ދެކޮޅުހެދި ނަމަވެސް ޕޮލިސް ކޮންސްޓަބަލްސް ސުޝިލާ ގަބްހަލޭ އާއި ޜޭޚާ ވޭޒް ވަނީ އެ ކުއްޖާއަށް އެހީވެ އެ ކުއްޖާއަށް ގާތުން ދީފައެވެ.

"އަހަރެންގެވެސް ތިބޭ އުމުރުން އަށް އަހަރުގެ ކުއްޖަކާއި، ހަ އަހަރުގެ ކުއްޖެއް. އަހަރެންނަށް ހީވީ އެއީ އަހަރެންގެ އަމިއްލަ ދަރިއެއްހެން. އަހަރެން އެ ކުއްޖާއަށް ގާތުން ދޭން އުޅުމުން ވަރަށް އަވަހަށް ބޯން ފެށި، އެ ކުއްޖާ ހުރީ ވަރަށް ބަނޑުހައިވެފައި" ފުލުސް އޮފިސަރު ބުންޏެވެ.

ރޭޙާ ބުނީ، އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، އެހެން ނަމަވެސް އެ ކުއްޖާ ހުރީ ކޮންމެވެސް ވަރަކަށް ހުންވައްތަރުވެފައި ކަމަށެވެ.

"އެ ކުއްޖާ ހުން ވައްތަރުވީމަ އަހަރުމެން ޑޮކްޓަރަށް ދެއްކީ. ޑޮކްޓަރު ބުނީ އަހަރުމެން ކައިރީގައި އެ ކުއްޖާއަށް ރަނގަޅަށް ގާތުން ދޭން، ފަހުން އެ ކުއްޖާއަށް ވަނީ ބިސްކޯދާއި ފެން ދީފައި. އަހަރުމެން ވަނީ ފަހުން އެ ކުއްޖާ ސަރުކާރު ހޮސްޕިޓަލަކަށް ގެންގޮސް ކޮވިޑަށް ޓެސްޓްކޮށްފައި"

އެ ކުއްޖާ ކޮވިޑަށް ޓެސްޓު ކުރުމުން އެ ބައްޔަށް ނައްސިކަން ވަނީ އެނގިފައެވެ.

އެ ކުއްޖާގެ މަންމަގެ އޮޓޮޕްސީ ވަނީ ހަދާފައެވެ. އޭނާ މަރުވީ އަދި ކޮން ސަބަބަކާއި ހެދިކަން ނޭނގެއެވެ. އެހެންކަމުން އެއީ އަދި ކޮވިޑްގެ މަރެއް ކަމަށް ނުނިންމައެވެ.

އެ އަންހެން މީހާއަކީ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. ނަމަވެސް މިކަން ހިނގިއިރު ފިރިމީހާ ހުރީ އުއްތަރްޕްރަދޭޝްގައެވެ. މިހާރު ފުލުހުން ތިބީ އޭނާ އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު