ބައެއް ފަހަރު މަޝްހޫރު ކަމާއި، ބާރާއި، ނުފޫޒަކީ ނަސީބެކެވެ. ނަމަވެސް އަނެއްބައި ފަހަރު އެއީ ބަދުނަސީބެކެވެ. މަޝްހޫރުވެ، މަތީ މަގާމަކުން ޖާގަ ލިބުމުުން އެމީހަކަށް ފާރަލާނެ މީހުން ހަފަރާތުގައި ވެސް ތިބެއެވެ. އެމެރިކާގެ އެކްޓްރެސް މޭގަން މާކެލް ޕްރިންސް ހެރީ އާއި ކައިވެނި ކުރި ފަހުން މޭގަންގެ ހުރިހާ ކަމަކަށް ފާރަވެރިވާނެ މީހުން ވެސް ވަށައިގެން ތިބެއެވެ.

ކައިވެންޏަށް ފަހު މީގެ ކުރިން މޭގަން ބައިވެރިވި ދެރަސްމިއްޔާތުގައި ވެސް އޭނާ ހެދުން އެޅިގޮތައް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ފުރަތަމަ ދުވަހު މައްސަލައަކަށްވީ މޭގަން މާބޮޑަށް ހަންގަނޑު ފޮރުވަން އުޅުމުންނެވެ. އެއީ އޭނާ އަކީ ކަޅު ނަސްލުގެ މީހަކަށް ވާތީ ލަދުން ކުރިކަމެއް ކަމަށް ފާޑުކިޔާ މީހުން ބުންޏެވެ.

ދެވަނަ ދުވަހު މައްސަލައަކަށްވީ މޭގަން މާބޮޑަށް ނިވާކަން ކުޑަ ހެދުމެއް ލައިގެން ހުރުމެވެ. ފާޑުކިޔާ މީހުން އެދުވަހު ބުނީ އެއީ އަޙްލާޤީ ފެންވަރު ދަށް އަމަލެއް ކަމަށެވެ.

ކޮންމެއަކަސް އިއްޔެ އަނެއްކާވެސް މޭގަން މިވަނީ ރަސްމިއްޔާތެއްގައި ބައިވެރިވެފައެވެ. ރާނީ އެލިޒަބަތު އާއި މޭގަން ބައިވެރިވި ރަސްމިއްޔާތުގައި މައްސަލައަކަށްވީ މޭގަން ތޮފި ނާޅާ ހުރުމުންނެވެ. އެކަމުގެ ސަބަބުން މޭގަންގެ ބޮލުގެ އިސްތަށިގަނޑު ވިއްސި، އިސްތަށިގަނޑު ރީތި ކުރަން ވަގުތުތަކެއް ނެގުން ވެގެން ދިޔައީ ފާޑުކިޔާ މީހުންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި މޭގަން ބައިވެރިވަނީ

މީގެ ކުރިން މޭގަން ބައިވެރިވި ދެރަސްމިއްޔާތުގައި ވެސް އޭނާ ހުރީ ތޮފިއަޅައިގެންނެވެ.

މިއަދު މީޑިއާތަކުގައި ސުވާލު އުފައްދާފައި ވަނީ މޭގަން ރީތިކޮށް، މޭކަޕް ކުރަން ތިބޭ މީހުންގެ ގާބިލްކަމާއި މެދުގައެވެ. ކޮންމެ ރަސްމިއްޔާތަކާއި ވެސް ގުޅޭ ގޮތައް މޭގަން އަށް ހެދުން ތައްޔާރުކޮށްދޭނެ މީހުން ހޯދަން ޖެހޭ ކަމަށް ބައެއް މީޑިއާތަކުން އެބަބުނެއެވެ.

މީޑިއާތަކަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ މީޑިއާތައް އުޅެނީ މޭގަން އާއި ޖައްސާލައިގެންނެވެ. އެއީ މޭގަން އަކީ ކަޅު ނަސްލުގެ މީހަކަށް ވާތީ ކަމަށް އެއްބަޔަކު ބުނެއެވެ. އަނެއްބަޔަކު ބުނާ ގޮތުގައި މައްސަލައަކީ އެހެން ގައުމެއްގެ މީހަކު އިނގިރޭސި ޝާހީ އާއިލާގެ މެންބަރަކަށް ވުމެވެ.