މެއި 11 ވަނަ ދުވަހު ގެނެސްދިން ބައި

ނިހާގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އައިސް ތުރުތުރު އަޅަން ފެށިއެވެ. އިލްހާމްއާ ދިމާއަށް އަތް ދިއްކުރަމުން އެއްޗެއް ބުނަން އުޅުނެވެ. ނިހާގެ ދަތްތަކަށް ބާރުވެގެން ދިޔަ ތަން އިލްހާމަށް ފެނުނެވެ. އެޔާއެކު މެޝިނުތަކުން ގޮވަމުން ދިޔަ އަޑު ގަދަވެ އެލާމް އަޅަން ފެށިއެވެ. އިލްހާމް އަވަހަށް ޖެހިގެން ހުރި އެނދުކައިރިއަށް ޖެހިލިއެވެ. އެކި ދިމަދިމާލުން ނަރުސް ކުދިންތައް އައިސް ނިހާގެ އެނދުކައިރިއަށް ޖަމާވެ ފޮތިގަނޑު ކަހާލިއެވެ. ވިހަ ހިނިތުންވުމެއް ވެރިކޮށްގެން ހުރެ އިލްހާމް ބޭރަށް ނުކުތެވެ.

ނިހާގެ ކުރީގެ މެޑިކަލް ފައިލު ހިފައިގެން އައިސީޔޫއާ ދިމާއަށް ދިޔަ އިންޝާއަށް އިލްހާމް ނިކުމެގެން ދިޔަ ތަން ފެނުނެވެ. ނިހާގެ ހާލު ރަނގަޅުވެ ބައްދަލުކުރުމުގެ ފުރުޞަތު ދިނީކަމަށް ހީކޮށް، އޭނާ ނިކާލަށް ގުޅާފައި އެ ޚަބަރު ދިނެވެ. ނިކާލް ހޮސްޕިޓަށް އައިއިރު ނިހާގެ އެހީތެރިޔަކު ހާޟިރުވުމަށް އެދި ހޮސްޕިޓަލުން ގުޅަން ވެސް ގުޅައިފިއެވެ. ޑޮކްޓަރ ބައްދަލު ކޮށްލައްވަން ބޭނުންވާ ވާހަކަ ބުނުމުން އިންޝާއާއި ނިކާލް ވެސް ތިބީ ހިތްހަމަޖެހިފައެވެ. ނަމަވެސް ޑޮކްޓަރުގެ މޫނު ފެނުމާއެކު އެމީހުންގެ ހިތްތެޅެން ފެށީ ނުރައްކާތެރި އިންޒާރުތަކެއް ސިކުނޑިން ދިނުމުންނެވެ.

"ބަލިމީހައާ ބައްދަލުކުރުން މަނާކުރެވިފައިވަނިކޮށް ބައްދަލުކުރަން އައީ ކާކު؟" ޑޮކްޓަރު ހިތްހަމަނުޖެހިފައި އެހިއެވެ.

"ބައްޕަ އެތެރެއަށް ވަނީ ހުއްދަ ދެއްވައިގެން ނޫންތޯ؟" ނިކާލް ހައިރާންވެފައި އެހިއެވެ.

"ބައްޕަ ދޯ؟ އިލްހާމް.." ޑޮކްޓަރގެ އަޑުގައި ހިސާބަކަށް ރުޅިވެރިކަން އެކުލެވިފައިވެއެވެ. "މިވަގުތުން ފަށައިގެން ނިހާއަށް ދިމާވާ ކޮންމެ ގެއްލުމެއްގެ ޒިންމާ ނަންގަވަން ޖެހިލައްވާނީ އިލްހާމަށް ކަން އެބޭފުޅާ ކައިރީ ނަންގަނެލަ ދެއްވާތި. ނިހާގެ ހާލު މިހާރު ކުރިޔަށްވުރެން ގޯސްވެއްޖެ. ނިހާގެ ފިޓް ޖެހި ހޭދަބައި ވެއްޖެ. މިވަގުތު ހޭވެރިކަމެއް ނެތް. މިކަހަލަ ކަމެއް މެދުވެރިވެދާނެތީ ކުރިން ވެސް ތަކުރާރުކޮށް ބުނީ އެއްވެސް ބޭފުޅަކު ނިހާއާ ބައްދަލުކޮށްގެން ނުވާނޭ."

"ދެން ނިހާ ރަނގަޅުވާނެތޯ؟" ނިކާލްގެ މޫނުން ކުލަ އޮއްސުނެވެ. ދެރަވިއެވެ. އޭރު އެ ހިތުގައި ބައްޕަގެ މައްޗަށް ކިލަނބުކަމެއް އުފެދިފައިވެއެވެ. ނިހާ ރަނގަޅުވުމަށް ބައްޕަ ނޭދެނީ ހެއްޔެވެ؟ ޑޮކްޓަރުން މަނާކޮށްފައިވަނިކޮށް ބައްޕަ ނިހާއާ ބައްދަލުކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

"އެއްޗެއް ބުނަން އެނގޭނީ ހޭ އެރީމަ." ޑޮކްޓަރ ބުނެލިއެވެ. އެ ވަގުތު ނަރުސް ކުއްޖެއް ކޮޓަރިތެރެއަށް ވަދެ ނިހާ ހޭ އަރައިފިކަމުގެ އުފާވެރި ޚަބަރު ދިނެވެ. އަދި ނިހާ ވާހަކަ ދައްކާކަމަށް ވެސް ބުނެލިއެވެ. ނިކާލް ކިޔާ ބޭފުޅަކަށް ގޮވާލަދިނުމަށް އެދެމުންދާ ވާހަކަ އިވުމުން ނިކާލަށް ބަލައިލެވުނީ އިންޝާއަށެވެ. ހިތް އަވަސްވެފައިވާ ހާލުގައެވެ.

ނަރުސް ކުއްޖާ ބޮލުގެ އިޝާރާތުން އައުމަށް އެދުމާއެކު ނިކާލް އޭނާގެ ފަހަތުން ދިޔައެވެ. ދެއަތް ދެއަތާ ޖޯޑުކުރަމުން އޭނާ ނިހާގެ އެނދު ކައިރިއަށް ހުއްޓުނެވެ. ނިހާ އޮތް ހާލު ފެނި ނިކާލްގެ ހިތުގެ ދިރުން ކެނޑިގެން ދިޔަކަހަލައެވެ. ބަލިބަލި އަޑަކުން ނިހާ ގޮވައިލިއެވެ. ނިކާލް ވަގުތުން ފެން ކަޅިވިއެވެ. ނިހާގެ އަތް ތިލާގައި ފިރުމާލަމުން ނިތްކުރި މަތީގައި ނިކާލްގެ ތުންފަތް މަޑުމަޑުން ޖައްސާލަމުން ލޯ މަރާލިއެވެ. އެޔާއެކު ލޮލުން ކަރުނަ ތިކި ތަކެއް ފައިބައިގަތެވެ.

"ނިކް އަދިވެސް އަހަރެން ބޭނުންތަ؟" ނިހާގެ ދެލޯ ފުރިގެން ދިޔައީ ހޫނު ކަރުނައިންނެވެ. އޭނާ ފުރަތަމަ ވެސް އެނގެން ބޭނުންވީ އެ ހާލުގައި ނިކާލް އޭނާ ބަލައިގަންނާނަންތޯއެވެ.

"އަހަރެން ހަމައެކަނި ލޯބިވީ ނިހާދެކެ." ނިކާލް ނިހާގެ އަތުގައި ބާރަށް ހިފައިލަމުން ގާތުގައި އިށީނެވެ. "ނިހާގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ދުވަހަކު އަހަރެން ނިހާ ދޫކޮށެއް ނުލާނަން. މަށަށް ނިހާ ދުވަހަކު ވެސް ބަލެއް ނުވާނެ. އަދި ފޫއްސެއް ވެސް ނުވާނެ. އަދި ހަޑިއެއް ވެސް ނުވާނެ. ނިހާ އަވަހަށް ރަނގަޅުވޭ. އިންތިޒާރުގައި ތި ބަހައްޓަނީ މިހާރު މާ ގިނަ ދުވަހު. މަ ބޭނުން ވީހާވެސް އަވަހަކަށް ނިހާއާ އިންނަން."

"އެކަމު މިއަދު އަހަރެންގެ އަތުގަ ނިކްއަށް ދޭނެ އެކައްޗެއް ވެސް ނެތް." ނިހާ ގިސްލަމުން ބުންޏެވެ. "ނިކް އަހަރެން ދޫކޮށްލަން ބޭނުން ވިޔަސް މިވަގުތު ބުނެދީ. ހަމައެކައްޗެއް ވެސް."

ކުއްލިއަކަށް ނިހާގެ އަނގަމަތީގައި ނިކާލް އަތް އެޅިއެވެ.

"އަހަރެން ނިހާ ދެކެ ވަރަށް ލޯބިވޭ. އަހަރެން އިންނާނީ ވެސް ނިހާއާ. ކޮންކަހަލަ މޮޔަ ވާހަކައެއް ތި ދައްކަނީ. މަ ލޯބިވާވަރު ނިހާއަށް ހަމަ ނޭނގެނީތަ؟ ނިހާ ހޭ ނާރައިގެން މަ ހާދަހާ ހާލެއްގައޭ މި އުޅެނީ. ނިހާ ގެއްލިދާނެތީ ހާދަހާ ބިރެއްގަތޭ. ރަނގަޅަށް ނުނިދޭތާ ވެސް ހާދަހާ ދުވަހެއްވެއްޖެއޭ. ލޯ މަރާލިއަސް އިވެނީ ނިހާގެ އެ ހަޅޭކުގެ އަޑު. މަ ސަމާސަކުރަން ހަދައިގެން ނިހާއަށް ލިބުނު ބޮނޑިއެއް މީ.. އަހަންނަށް މާފު ކުރޭ. ދެން ދުވަހަކު ވެސް އެކަހަލަ ސަމާސާއެއް ނުކުރާނަން. އަހަންނަށް މާފުކުރޭ." ނިކާލް ދެތުންފަތް ފިއްތާލަމުން ކަރުނަ ހިފަހައްޓަން މަސައްކަތް ކުރިއެވެ. އެހެނަސް އެކަންވީ ބޭކާރުކަމަކަށެވެ. ހިފެހެއްޓުމެއް ނެތި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތުމާއެކު ނިކަން އަވަސް އަވަހަށް އެ ކަރުނަތައް ފޮހެލިއެވެ. ނިހާގެ ކުރިމަތީގައި އޭނާ ހިތްވަރުކުރަންޖެހޭނެ ކަން ހިތަށް ވިސްނައިދިނެވެ.

"ބޭކާރު އެއްވެސް ކަމަކާ ނުވިސްނާ މަގޭ ދޫނި. އަވަހަށް ރަނގަޅުވޭ." ނިހާގެ ކޯތާފަތުގައި އަތް ޖައްސައިލަމުން ނިކާލް ބުންޏެވެ. "ތީ ހަމައެކަނި އަހަރެންގެ މިލްކެއް. ޑޮކްޓަރާ ބައްދަލުކޮށްލައިފައި އެބަ އަންނަން އެނގޭ."

ނިހާ ދޫކޮށްނުލާނެކަމުގެ ޔަޤީންކަން ނިކާލްގެ ފަރާތުން ލިބުމުން ނިހާ ލުއި ހިނިތުންވުމެއް ދިނެވެ. ނިކާލް ލޯ މަތިން ގެއްލުމާއެކު އެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އިލްހާމްގެ އެ ބަސްތައް ސިކުނޑީގައި ގުގުމާލިއެވެ.

"ނިހާ މި އިލްހާމް މަތިން ހަނދާންވޭތަ؟ މި މޫނަށް ބަލާބަލަ. ހަމަ ހަނދާނެއް ނުވޭތަ؟ އެ މަސްތީ ވަގުތުތައް ހަނދާން ނެތުނީތަ؟ ކަލޭގެ އަބުރު ވެއްޔާ މޮޑެލި އިލްހާމް މިހިރީ އަދިވެސް ގަދަވެ ސަލާމަތުން. މި އިލްހާމް ލެވޭވަރުގެ ޖަލެއް މި ރާއްޖެއަކު ނުހުންނާނެ. ހެހެހެ."

އިލްހާމް ދެއްކި ވާހަކަތަކުން އޭނާގެ ހަނދާނުގައި ހުރީ ހަމައެކަނި އެ ޖުމްލަތަކެވެ. ނިކާލްގެ ނަން އިވިފައި އޭނާގެ ސިކުނޑި މަސައްކަތްކުރަން ފެށި ނަމަވެސް އިލްހާމްގެ ހުނުމުގެ އަޑާއި އެ މޫނު ފެނުމުން އޭނާއަށް އެ ހާދިޘާ ހަނދާނަށް އައެވެ. ލިބުނު އިތުރު ޝޮކަކާއެކު ފިޓު ޖެހުނަސް ހަމައަކަށް ވެސް އެޅުނީއެވެ. އިލްހާމް މިނިވަންކަމާއެކު އުޅޭކަން އެނގުމުން އޭނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ނުކުޅަދާނަވީއެވެ. އެ ހާދިޘާގެ ހުރިހާ މަންޒަރެއް ސިފަވިއެވެ. އޭނާ މިހާރު ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ބަލި އެނދުން ތެދުވާށެވެ. އިލްހާމްގެ ކުރި މައްޗަށް އަރާށެވެ. އިލްހާމް މުޅި ދުނިޔެއަށް ބޭޒާރުކޮށް އޭނާއަށް ލިބެންޖެހޭ ހައްޤު އަދަބުދޭށެވެ.

ނިހާ ހޭ އެރި ޚަބަރު ލިބުމާއެކު ފައިރޫޒް ހޮސްޕިޓަލަށް އައެވެ. އޭނާ ނިހާއާ ބައްދަލުކުރީ ދެ ބޭނުމެއް އޮވެގެންނެވެ. ނިހާގެ ކުރި މައްޗަށް އަރަން ބޭނުން ނުވި ކަމުގައިވިޔަސް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާ ފަސްޖެހޭކަށް ބޭނުމެއް ނޫނެވެ. ދެވަނަ ސަބަބަކީ ނިހާގެ ހާލު ހަމަލޮލުން ދެކިލުމެވެ. ނިހާ އޮތް ހާލު ފެނުމުން ފައިރޫޒްގެ ހިތަށް ވެސް ވަރަށް އުނދަގޫވިއެވެ.

"ނިހާ ހާލުކިހިނެއް؟" ފައިރޫޒް ގޮނޑީގައި އިށީންނަމުން އެހިއެވެ.

ނިހާ އޮތީ ކަޅިޖަހައިނުލައި ފައިރޫޒަށް ބަލާށެވެ. އެތައް ދުވަހަކަށްފަހު ފައިރޫޒް ފެނުނުއިރު ކުރިޔަށްވުރެ ހިކިކަމަށް ފާހަގަކުރެވެއެވެ. އެއީ އޭނާގެ ހަޔާތުގައި ލިބުނު ހިތްދަތި ތަޖުރިބާގެ ހިތާމައިގެ އަސަރުކަން ޔަޤީންނެވެ. ނިހާ މަޢާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ދޫ ހަރަކާތް ކުރަން ނުކުޅެދުނު ކަހަލައެވެ.

ނިހާގެ ފަރާތުން ޖަވާބެއް ނުލިބުމުން ފައިރޫޒް މައްސަލައާ ގުޅޭ ސުވާލުތައް ކުރަން ފެށިއެވެ. އެވަރުން ވެސް ނިހާގެ އަނގައިން އެންމެ ލަފުޒެއް ވެސް ބޭރު ނުކުރިއެވެ. އިބްރާހީމްބެ ހައްޔަރު ކުރެވުނު ވާހަކައާއި އިބްރާހީމްބެގެ ބަޔާނުގެ ވާހަކަ ވެސް ފައިރޫޒް ކިޔައިދިނެވެ. އެއްވެސް ކަމަކާ ޖެހިލުންވެ ބިރު ނުގަތުމަށް އެދުނެވެ. ހަޤީޤަތް ހާމަކުރުމަށް ތަކުރާރުކޮށް ބުންޏެވެ.

"ނިހާ ހެޔޮނުވާނެ. ކޮންމެސް އެއްޗެއް ބުނެބަލަ." ފައިރޫޒް އާދޭހާއެކު ބުންޏެވެ. "ނިހާ ބޭނުމެއް ނުވޭތަ ކުށްވެރިންނަށް އަދަބުލިބޭކަށް. ނިހާގެ މަންމަގެ މަރުގެ ހަޤީޤަތް ވެސް އިބްރާހީމް ކިޔާދީފި. ޤާޠިލަކީ ވެސް އިލްހާމް ކަމަށް ބުނެފި. އަހަރެން އެ ކޭސް ހާވާ ބަލައިވެސްފިން. ނިހާގެ ބަޔާނުގައި އެބައޮތް އިލްހާމްއާ އިތުރު ފިރިހެނެއް އެކަމުގައި ބައިވެރިވިކަމަށް ބުނެފައި. އެހެންވީމަ އެ ބުނާ ފިރިހެނަކީ އިބްރާހީމް އެހެންނު. އޭނަ އެ ދައްކާ ވާހަކަތަކަކީ ހަޤީޤަތެއްނު. އެކަމަކު އެ މައްސަލަ އޮތީ މަންމަ އަމިއްލައަށް މަރުވީކަމަށް ކަނޑައަޅާ މައްސަލަ ނިންމާފަ. ނިހާއަށް ތި ލިބުނު އަނިޔާގަ ވެސް އިލްހާމް ބައިވެރިވިކަމަށް އިބްރާހީމްބެ އެބަ ބުނޭ. އެއީ ތެދެއްތަ؟ ނިހާ ވާހަކަ ދައްކަބަލަ."

"މަ ބަޔާން ދިނަސް ނުދިނަސް ތި މައްސަލަ ހަމަ ނިމޭނެ." ނިހާ މަޑުމަޑުން ބުންޏެވެ. "ކުށްވެރިވާ މީހާ އެހެރީ ފުލުހުންގެ ހައްޔަރުގައި. އެ ކުށުގަ ބައިވެރިވި އެހެން މީހަކު ހުރިކަމަކަށް ނުވާނެ. މަންމަގެ މައްސަލަ ނިމުނު ގޮތަށް މަގޭ މައްސަލަ ވެސް ނިމިގެން ދާނީ."

"ނިހާ ބަޔާން ދިނީމަ އިލްހާމް ހައްޔަރުކުރެވޭނެ." ފައިރޫޒް ޔަޤީންކަން ދިނެވެ.

"އިލްހާމްއާ ދެކޮޅަށް އެއްވެސް ހެތްކެއް ލިބުނުތަ؟" ނިހާ އެހިއެވެ.

ފައިރޫޒް ދެކޮޅަށް ބޯ ހޫރުވާލިއެވެ. އިލްހާމްއާ ދެކޮޅަށް އެއްވެސް ހެތްކެއް ލިބިފައެއް ނެތެވެ. އިބްރާހީމްބެގެ ބަޔާން ފިޔަވައެވެ. ނަމަވެސް ނިހާގެ ބަޔާނާ އެކު އިލްހާމް ހައްޔަރު ކުރެވިގެންދާނެ ކަމަށް ފައިރޫޒު ބުންޏެވެ.

"ނެގުނު ސާންޕަލްތަކުގެ ނަތީޖާ ލިބުނީމަ ދެން އެއްޗެއް ބުނަން އެނގޭނީ." ފައިރޫޒް އިތުރަށް ބުންޏެވެ. "ނިހާގެ ބޮލުގައި ޖެހިކަމަށް ބެލެވޭ މާވަށިގަނޑުގައި ވެސް ހުރީ އިބްރާހީމްބެގެ އިނގިލީގެ ނިޝާން. އެހެންވީމަ މި ބުނީ އެއީ ތެދެއްތޯ؟"

"އަހަރެން އަދި ބަޔާންދޭކަށް ބޭނުމެއްނޫން." ނިހާ ބުންޏެވެ. "މި އެނދުން ތެދުވެވޭ ވަރުވީމަ ބަޔާންދޭނަން. ފައިރޫޒް ކަމެއްކޮށްދެންޏާ އިތުރަށް އަހަންނާ ސުވާލުނުކޮށް މިތަނުން ދޭ. މަށަށް ދެފައި މައްޗަށް ކޮޅަށް ހުރެވޭވަރު ވީމަ އާދޭ. މަންމަ މައްސަލައިގައި އެޅުނު ކަހަލަ ޅަ އެއްޗެއް މިފަހަރަކު ނާޅާނަން. ފައިރޫޒްގެ ކުރި މައްޗަށް އެ ކުށްވެރިޔާ ގެންދާނަން. އަދި އަހަންނާ ސުވާލުނުކޮށް ވަގުތު ކޮޅެއް ދީ. އަދި އަހަންނަށް ހިރިލެވޭ ވަރުވަންދެން އިލްހާމް މިނިވަންކަންމަތީ ބަހައްޓައިދީ. މީ މަގޭ ވަރަށް ބޮޑު އެދުމެއް."

ފައިރޫޒް ތެދުވިއެވެ. މާޔޫސްވެފައި ހުރެ ނިހާއަށް ބަލާލައިފައި ހިނގައިގަތެވެ. ނިހާ ގޮވައިލިއެވެ.

"މަޢާފުކުރޭ." ނިހާ މަޢާފަށް އެދުނީ ފައިރޫޒްގެ ހިތް ހަލާކުކޮށްލެވުނީތީއެވެ. އެކަން ފައިރޫޒަށް ދެނެގަނެވުނީ ބަލަހައްޓައިގެން ހުއްޓައި ދެވަނަ ފަހަރަށް ވެސް ނިހާ މަޢާފަށް އެދުމުންނެވެ. އޭނާ މަޑުމަޑުން ބޯ ޖަހައިލީ ނިހާގެ މައްޗަށް ހިތްސާފޭ ބުނުމުގެ ގޮތުންނެވެ.

ނިކާލް ގެޔަށް ގޮސް ނިހާ ރަނގަޅުވަމުން އަންނަ ޚަބަރު ދިނުމާއެކު އިލްހާމަށް ޝޮކެއް ލިބުނެވެ. އޭނާ މޫނަށް ވެރިވި ނުތަނަވަސްކަން ފޮރުވަން އުޅެނިކޮށް ނިހާއާ އޭނާ ބައްދަލުކުރިކަން ވެސް އެނގޭކަމުގައި ބުނުމުން އޭނާ ނިކަން ހާސްވެއްޖެއެވެ.

"އެއީ ނިހާ ރަނގަޅުވޭތޯ؟" އިލްހާމް ސިކުނޑިއަށް ބާރުކުރަމުން ބުނެލިއެވެ. "ބައްޕަގެ ރައްޓެހި ޑޮކްޓަރަކު ބުނި އެގޮތަށް ޝޮކެއް ލިބުނީމަ ގުނަވަންތައް މަސައްކަތްކުރަން ފަށާނޭ. ނިކާލްމެން ގާތުގައި ނުބުނީ އެކަމަށް އެއްބަސް ނުވެދާނެތީ."

"ބައްޕަ ނެގީ ބޮޑު ރިސްކެއް." ނިހާ ރަނގަޅުވުމުން ހިތްހަމަޖެހުން ލިބުނަސް ނިކާލް ހުރީ ބައްޕަ ނެގި ހިރާހުގެ ސަބަބުން ހިތްހަމަނުޖެހިފައެވެ. އެވަރުގެ ބޮޑު ހިރާހެއް އިލްހާމް ނެގި ސަބަބާމެދު ނިކާލް ކުޑަކޮށް ވެސް ވިސްނައެއް ނުލައެވެ. ނިކާލަށް ހީވާކަހަލައެވެ. ނިހާއަށް ލިބުނު އަނިޔާގެ ސަބަބުން އިލްހާމްގެ ހިތުގައި ވެސް ހަމްދަރުދީ އުފެދުނީއެވެ. އޭނާ ބައްޕައަށް އިތުބާރު ނުކުރި ނަމަވެސް ބައްޕަ ނިހާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭނެއެކޭ ހިތެއް ނުބުނެއެވެ. ދެފަހަރު ވެސް ނިހާގެ ފުރާނަ ސަލާމަތް ވީ ބައްޕަގެ ސަބަބުންކަން އޭނާ ހަނދާނުގައި ހުއްޓެވެ. އޭނާ ކުޑަކޮށް ވެސް ބައްޕައަށް ޝައްކު ނުކުރީ އެހެންވެއެވެ. ނަމަވެސް އިންޝާ ޝައްކުކުރިއެވެ. ނިކާލް އެތަނުން ދިޔައިރު ވެސް އިންޝާގެ ތޫނު ނަޒަރުން އިލްހާމް އެއް ފަރާތްވާ ގޮތެއް ނުވިއެވެ.

"ކިހިނެއްވީ؟" އިލްހާމަށް އުނދަގޫވެގެން އެހިއެވެ.

"ބައްޕައަކީ ނިހާއަށް ހެޔޮ އެދޭނެ މީހެއްނޫން." އިންޝާ ދިމާއަށް ބުންޏެވެ. "އެއީ ހަމަ ޔަޤީންކަމެއް. އެހެންވީމަ ޑޮކްޓަރު މަނާކޮށްފައި އޮތް ކަމެއް ބައްޕަ ކުރާނީ ވަރަށް މުހިންމު ބޭނުމެއް އޭގަ އޮތީމަ؟ ބައްޕަ ކޮންމެވެސް ކަމެއް ސިއްރުކުރަން ބޭނުންވީމަ؟ ނިހާއަށް ދިމާވި ހާދިޘާގައި ބައްޕަގެ އަތެއް ވެސް ވޭދޯ؟"

އިންޝާ ޝައްކުކުރާކަން އެނގުމުން އިލްހާމް ހުރީ ޖަވާބުދޭން ޖެހޭނެ ގޮތް ވިސްނައިގެންނެވެ. އިންޝާ ސީދާސީދަލަށް ކުރި ސުވާލާއެކު އިލްހާމްގެ ގާތަށް އައީ ރުޅިއެވެ.

"ތި ކަހަލަ މުޑުދާރު ވިސްނުން އަންނާނީ ކަލޭގެ ބޮލަށް އެކަނި. ދެން ކަލޭގެ ހިޔަނި ނިހާގެ ބޮލަށް. ތީ ހަމަ އެއްކަހަލަ ދެމީހުންނޭ. މަ ނިހާދެކެ ކިތަންމެ ނަފުރަތެއް ކުރިޔަސް އޭނައަށް އެކަހަލަ ލާއިންސާނީ އަނިޔާއެއް ނުދޭނަން. މަ ނިހާ މަރާލަން ބޭނުންވި ނަމަ ލޭ މަނާނުވެގެން އުޅުނުއިރު އަޅާވެސް ނުލީމުސް. ލޭ ހުސްވަންދެން މިގޭގައި ބާއްވާނީ. އަވަހަށް ހޮސްޕިޓަލަށް ގެންދާކަށް އެއްވެސް މަސައްކަތެއް ނުކުރާނަން. އެހެނެއް ނޫންވަނީ. ކަލޭމެންނަށް ހެވެއް އެދިގެން ވެސް ކަމެއް ކޮށްދޭނެ ކަމެއް ނެތް. ތެޔޮ ހަމެއް ނޫނީ ނުލިބޭނެ. ދެއްކި ވާހަކަ ބަލާބަލަ." އިލްހާމް އަޑުގަދަކޮށްލަމުން އިންޝާގެ އަނގަ ބަންދުކޮށްލިއެވެ. ދެން އޭނާ ނުކުތީ ބޭރަށެވެ. އޭނާ އެންމެ ފުރަތަމަ ވެސް ގުޅީ ޕޮލިހުގައި އުޅޭ އޭނާގެ އެކުވެރިޔާއަށެވެ. ނިހާ ބަޔާން ދިންތޯ އޮޅުން ފިލުވިއެވެ. ނިހާ ހަނުހުރީކަމުގައި ބުނުމުން އިލްހާމްގެ ބޮލުން ބޮޑު ބަރެއް ހިއްލައިލިހެން ހީވިއެވެ. ނިހާ ވެސް އޭނާދެކެ ބިރުން ހަޤީޤަތް ހާމަނުކުރީކަމަށް ހީކޮށް އަމިއްލައަށް ބޮޑާވެލިއެވެ.

ދެދުވަސް ފަހުން ނިހާ ކޮޓަރިއަކަށް ބަދަލުކުރެވުނެވެ. އައިސީޔޫގައި 5 ދުވަސް ހޭދަކުރުމަށްފަހު މާހައުލު ބަދަލުވުމުން ނިހާގެ އެކަނިވެރިކަން ކުޑަވާގޮތްވިއެވެ. އޭގެފަހުން ނިކާލް ގިނަވަގުތު ހޭދަކުރީ ނިހާގެ ގާތުގައެވެ. އަޅާލުމާއި ލޯބިދިނުމުގައި އޭނާ ސާބިތުވެ ހުއްޓެވެ. ނިހާއަށް ދިމާވި ހާދިޘާގެ ސަބަބުން އެ ލޯބިން ކުނޑިފުކެއް ވެސް އުނި ނުވާކަމުގެ ޔަޤީންކަން ނިކާލް ދެއްކީ އޭނާގެ ޢަމަލުންނެވެ. ނިހާދެކެވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނަކަން އެނގުމުން ނިހާ ހުރީ ހިތްހަމަޖެހިފައެވެ. އިލްހާމް ވެސް ދޭތެރެއަކުން ނިހާ ކައިރިއަށް ޒިޔާރަތްކުރެއެވެ. ފެންނަފެނުމަށް އިލްހާމް ހަމަޖެހިފައި ހުރި ނަމަވެސް އޭނާ ހަޤީޤަތުގައި ބިރު ވެސް ގަނެއެވެ. ނިހާގެ ހަމަހިމޭންކަމަކީ ކުރިއަށް އޮތް ތޫފާނެއްގެ އިންޒާރެއް ނޫންކަމެއް ވެސް ނޭނގެއެވެ. އިލްހާމް ފެންނަ ކޮންމެ ފަހަރަކު ނިހާގެ އެތެރެހަށި އަނދައިގަނެއެވެ. އެ ހާދިޘާ ހަނދާނަށް އައިސް އަވަހަށް ރަނގަޅުވުމަށް ދުޢާ ކުރެވެއެވެ. އިލްހާމް އިނދަޖައްސައިލެވޭނީ އޭނާ ބަލި އެނދުން ތެދުވެގެން ކަމުގައި ޤަބޫލުކޮށް ކޮންމެ ދުވަހަކު އެކަނި ހިނގާބިނގާވެ އުޅެން އޭނާ މަސައްކަތްކުރެއެވެ. ދެފިރިހެނުންގެ ފަރާތުން ލިބުނު ޖިސްމާނީ އަނިޔާގެ ސަބަބުން އޭނާއަށް ރަނގަޅަށް ފައި ނޭޅި އިތުރު ދުވަސްކޮޅަކު ބަލި އެނދުގައި އޮންނަން ޖެހުނެވެ. ނިހާ އުޅޭ ހާލު ފެނި ނިކާލާއި އިންޝާ ތިބެނީ ހިތްފަޅައިގެންދާ ވަރުވެފައެވެ. ދުވާލުގެ ގިނަ ވަގުތު ހޮސްޕިޓަލުގައި ހޭދަކުރަމުން ދިޔަ ޞަފިއްޔާ ވެސް ނިހާގެ ހާލަށް ހަމްދަރުދީވެ ހިތާމަކުރެއެވެ. އެމީހުން ފެންކަޅިވެ ދެރަވެގެން ރުއި ނަމަވެސް ނިހާގެ ލޮލުން ކަރުނަ ތިއްކެއްހާ ހިސާބު ވެސް ވައްޓައެއް ނުލައެވެ.

ބާބު 20 – ކަޝްފު

ނިހާ ގެއަށް ގެންދިޔުމުގެ ހުއްދަ ލިބުނީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އޭރު ނިހާއަށް އެކަނި އުޅެލެވޭ ވަރުވެއްޖެއެވެ. އެނާ ލަސް ފިޔަވަޅުތަކެއް އަޅަމުން ހޮސްޕިޓަލުން ނުކުންނަން އައިއިރު ނިކާލާއި އިންޝާ ދާދި ގާތުގައި ދެފަރާތުގައި ތިއްބެވެ. އިލްހާމް އިނީ ކާރުގައި އެމީހުންގެ އިންތިޒާރުގައެވެ. ނިހާ ފެނުމާއެކު އިލްހާމް ބޭރަށް ނުކުމެ ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ. އިލްހާމް ކުރިކަނޑާފައި ނިހާ ނުކުތީ މަގު މައްޗަށެވެ. ނިކާލާއި އިންޝާ ގޮވައިލުމުން ބަލައި ވެސް ނުލިއެވެ. ނިހާ މަގުމަތިން ކާރެއް ހުއްޓުވާފައި ކާރަށް އެރުމާއެކު ނިކާލާއި އިންޝާ ވެސް އިލްހާމަށް ބަލަމުން ނިހާގެ ފަހަތުން އެރީ އެ ކާރަށެވެ. ގަބުވެ ހުއްޓުން އަރާފައި ހުރި އިލްހާމް ހަށިގަނޑުގައި ބިރުވެރި ރާޅު ބާނިތަކެއް ދުވެލިއެވެ. އެއީ ނިހާގެ ހަމަހިމޭންކަން ބިރުވެރި ތޫފާނަކަށް ބަދަލުވާން އުޅޭކަމުގެ އިންޒާރެކެވެ. އިލްހާމް ހާސްވެ ނުތަނަވަސްވާ ގޮތްވިއެވެ.

"ނިހާ ކިހިނެތް ވީ؟ ބައްޕަ ކާރުގަ އައިސް އެތާ ހުއްޓައޭ މިއަށް ތި އެރީ." ނިކާލް ސުވާލުކުރިއެވެ.

"މިގަޑީގައި އެއްވެސް ސުވާލެއް ނުކޮށްފާނަންތަ؟" ނިހާ ބުނެލިއެވެ.

ނިކާލް ޚައިރާންވިއެވެ. ނިހާ ބައްޕަދެކެ ނުރުހުންވާންޖެހޭ ސަބަބެއް ނުވިސްނުމުން އޭނާ އިތުރު ސުވާލުތައް ވެސް ކުރިއެވެ. ނަމަވެސް ނިހާ އިޚުތިޔާރުކުރީ ހިމޭންކަމެވެ. ނިހާ ދެލޯ މަރާލަމުން ސީޓުގައި ރަނގަޅަށް ހަމަޖެހިލިތަން ފެނުމުން ނިކާލް ވެސް ހިމޭންވެލިއެވެ. އެވަރުން ވެސް ނިކާލްގެ ސިކުނޑީގައި ހާޖާނުގަނޑެއް އުފެދުނެވެ. ބައްޕަ މަންމައަށް ބޭވަފާތެރިވި ނަމަވެސް ނިހާއަށް ދެފަހަރު އެހީތެރިވެދިނެވެ. ނިހާގެ ފުރާނަ ސަލާމަތްވީ ވެސް ބައްޕަގެ އެހީތެރިކަން ލިބުމުންނެވެ. ނިހާ އަވަހަށް ހޮސްޕިޓަލަށް ގެނެވުނު ކަމުންނެވެ. ޝޮކެއްގައި އޮއްވައި ބައްޕަ ފެނި ނިހާ މުޅިން ހަމައަކަށް އެޅުނީއެވެ. ވީއިރު ކުއްލިއަކަށް ނިހާ ބައްޕަދެކެ ހިތްހަމަނުޖެހުނީ ކީއްވެގެން ހެއްޔެވެ؟ ނިހާއަށް ދިމާވި ހާދިޘާގައި ބައްޕަގެ އަތެއް ވެސް ވަނީ ހެއްޔެވެ؟ ނޫނެކެވެ. ބައްޕަ އެހާ ރަހުމުކުޑައެއް ނުވާނެއެވެ. އިބްރާހީމްބެ ކަހަލަ މީހެއް ގެއަށް ވައްދައި، ނިހާއަށް ލިބުނު އަނިޔާގައި ބައްޕަގެ އިހުމާލު އޮތް ކަމަށް ނިހާއަށް ވެސް ވިސްނެނީ ކަންނޭނގެއެވެ. ނިހާގެ ނަޒަރުން ވިސްނާނަމަ އެ ގޮތް ވެސް ގޯސްނޫންކަމުގައި ޤަބޫލުކޮށް ނިކާލް އަމިއްލަ ނަފުސަށް ވިސްނައިދިނެވެ.

ނިހާ ކޮޓަރިއަށް ވަން ގޮތަށް ދޮރުގައި ލެނގިލައިގެން ހުއްޓެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް އޭނާ ކަޅި އުކިއެވެ. ކޮންމެ ދިމާއަކުން ވެސް ފެނުނީ އެއް މަންޒަރެކެވެ. އެ ބިރުވެރި ހިތްދަތި ހާދިޘާއެވެ. ނިހާގެ ނަޒަރު އަލަމާރި މައްޗާ ދިމާ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ސީދާވުމާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަލަމާރި ކައިރިއަށް ލެފިލީ އެއްފަރާތުގައި ހުރި ގޮނޑިއެއް ހިފައިގެންނެވެ. ގޮނޑި މައްޗަށް ކޮޅަށްއަރައި ފައިގެ އިނގިލިތަކު މައްޗަށް ދެމިލުމުން ގަޑިއަށް އަތް ފޯރާވަރުވިއެވެ. ގަޑި ނަގައިގެން އޭނާ ތިރިއަށް ފައިބާ ގޮނޑީގައި އިށީނެވެ. އެއީ ބިއްލޫރި މޫނުމައްޗެއް ލެވިފައި ހުރި ވަށް ގަޑިއެކެވެ. އޭނާ ވަރަށް ލޯތްބާއެކު އެ ގަޑީގައި އަތް ކާއްތާލަމުން ހީގަތްއިރު ހީވީ ބޮޑު އުފަލެއް ލިބުނު ހެންނެވެ. އެ ގަޑިއަކީ އޭނާއަށް އެހާ މުހިންމު ގަޑިއަކަށް ވީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަތުގެ ނިޔަފަތިތަކުގެ އެހީގައި އެ ބިއްލޫރި މޫނުގަނޑު ގަޑިއާ ވަކިކޮށްލިއެވެ. އެޔަށްފަހު އެ ގަޑީގެ ބައިތައް ވަކިކޮށް އެތެރޭގައި ހަރުކޮށްފައި ހުރި ސިއްރު ކެމެރާއެއް ދަމާ ނެގިއެވެ. ކަޅުކުލައިގެ އެ ކުޑަކުޑަ ކެމެރާ ފެނުމާއެކު އޭނާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

އަލަމާރި ދޮރުފަތް ހުޅުވާލުމަށްފަހު ލެޕްޓޮޕް ދަބަސް ނަގައިގެން އައިސް ނިހާ އެނދުމަތީ އިށީނެވެ. ލެޕްޓޮޕް ނަގައި އެނދުގައި ބަހައްޓައިލަމުން ކެމެރާ އެޔަށް ޖަހާލިއެވެ. އެ ކެމެރާއަކީ ނަޒީލް ދުނިޔޭގައި އޭނާ ހަރުކުރި ކެމެރާއެކެވެ. އެކި ދުވަހުގެ ރެކޯޑިން އޭގައި ރައްކާކުރެވިފައި ހުއްޓެވެ. ނަމަވެސް ނިހާ ބަލަން ބޭނުންވީ ވަކި ދުވަހެއްގެ ރެކޯޑިންގ އެކެއެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވިފައި ނިހާ ލެޕްޓޮޕް ލައްޕައިލަން ހިފައިލަމުން ދޮރާ ދިމާއަށް ބަލައިލިއެވެ. އިންޝާ ފެނުމުން އޭނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އިންޝާ މަޑުމަޑުން އައިސް ނިހާގެ ގާތުގައި އިށީނީ ލެޕްޓޮޕަށް ނަޒަރު ހިންގާލަމުންނެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ބަލާލެވުނީ ނިހާއަށެއެވެ. އަނެއްކާ ވެސް ސުކުރީނަށް ނަޒަރު ބަދަލުކޮށްލިއިރު އޭނާއަށް ނިހާގެ ކޮނޑުމަތީގައި ބާރަށް ހިފާލެވުނެވެ.

ނިހާގެ ހަށިގަނޑުން އިބްރާހީމްބެ އުފާ ހޯދަމުން ދިޔަ ވަގުތު އިބްރާހިމްބެގެ ފަހަތުގައި އިލްހާމް ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ މޫނުމަތީ ދެއަތް ކާއްތައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ބާލުޚާނާ ދޮރާ ދިމާއަށް ބަލާލައިފައި އިބްރާހީމްބެއަށް ބަލާލިއެވެ. އެއަށްފަހު އޭނާ ބޮލުގައި އަތްކާތަމުން ބާލުޚާނާއަށް ނުކުމެފައި ވީ މަދު ސިކުންތު ކޮޅެކެވެ. އަނެއްކާ ވެސް ކޮޓަރި ތެރެއަށް ވަދެގެން އައިތަން ފެނުނެވެ. އޭނާ ދޮރު ކައިރިއަށް ޖެހިލަމުން ނިކަން ސިއްރުން ބޭރުތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭނާގެ ޚަރަކާތްތައް ހުރި ގޮތުން ބޭރުން ފެނުނު އެއްޗެއްގެ ސަބަބުން ވަރުގަދަ ޝޮކެއް ލިބިފައިވާކަން ދެނެގަނެވެއެވެ.

އިބްރާހިމްބެ ހިންދެމިލިއެވެ. އެވަގުތު އިލްހާމް އޭނާގެ ކޮނޑުގައި ހިފައި އަނބުރާލަމުން، ގޮށް މުށުގެ ހޫނު ހަމަލާއެއް އޭނާގެ ނޭފަތް މައްޗަށް އަރުވާލިތަން ފެނިގެން ދިޔައެވެ. އިބްރާހިމްބެ މޫނު މައްޗަށް ވާ ގޮތަށް އަތް ހުރަސްކޮށްލުމާއެކު އިލްހާމް އޭނާގެ އަތުގައި ހިފައި ތިރިކޮށްލަމުން އަނެއްކާ ވެސް ނޭފަތްމަތީ ޖެހިއެވެ. އެޔާއެކު އޭނާ ހުރި ތަނަށް ދެމުނެވެ. އިލްހާމް ނިހާގެ ގާތަށް ޖެހިލުމާއެކު ނިހާ ތެޅެން ފެށިތަން ފެނުނެވެ. ނިހާގެ އަތުގައި އައްސައިފައި އޮތް ފޮތިގަނޑު މޮހާ ހޫރުވާލުމަށްފަހު އޭނާގެ ހިކަނދިމަސްގަނޑުގައި ހިފާ ނަގާ އެނދުން ތެދު ކުރިއެވެ. ދެން ފެނުނީ ނިހާ ހުރި ދިމާއަށް ތިރިވެ، އޭނާ ދެއަތުން އުނުއޮރިޔާން ނިވާކުރަން އުޅުނުތަނެވެ. އިލްހާމް ގުދުވެލަމުން ނިހާގެ އަނގަމަތީގައި އައްސައިފައި ހުރި ފޮތިގަނޑު ވެސް ނައްޓުވާލިއެވެ.

އިލްހާމް ކޮޓަރީގެ ހަތަރު ފަރާތަށް އަވަސް ނަޒަރެއް ހިންގައިލަމުން ނަޒަރު ހުއްޓުވާލީ ސީދާ ކެމެރާއާ ދިމާއަށެވެ. ކެމެރާއަށް ބަލަމުން އޭނާ އަލަމާރި ކައިރިއަށް ޖެހިލިތަން ފެނުނެވެ. ދެން އެއްވެސް ވަރަކަށް އިލްހާމެއް ނުފެނެއެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ އަތްތިލައެވެ. އޭނާ އަލަމާރި މަތީގައި ހުރި މާޖަހައި ދަގަނޑު ވަށިގަނޑު ނެގިއެވެ. އެއީ އިންޝާ ކޮޓަރިއަށް ވަންއިރު ބިންމަތީގައި ފެންނަން އޮތް ވަށްޓެވެ.

އިލްހާމްގެ ހަރަކާތްތަކަށް ބަލަން އިން ނިހާގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އިލްހާމް މާވަށި ހިފައިގެން ގާތަށް ޖެހިލުމާއެކު ނިހާގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ފަހަތަށް ޖެހިލަމުން ތެދުވެ ދުއްވައި ގަތެވެ. އިލްހާމްގެ އަތުގައި އޮތް ވަށީގެ ހަމަލާ އެރީ ނިހާގެ އިސްބޯދަށަށެވެ. ނިހާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައިރު އިސްބޯދަށުގައި ދެއަތުން ހިފެހެއްޓި ތަން ފެނުނެވެ. އެޔާއެކު އޭނާ ހޭދެބައިވެގެން ހުރި ތަނަށް އުއްޑުން ވެއްޓުނީއެވެ. އިލްހާމް ނިހާގެ ކައިރިޔަށް ޖެހިލަމުން އޭނާގެ އެއް ފައިގައި ހިފާ ދަމަމުން ގެންގޮސް އިބްރާހިމްބެގެ މަގަތުގައި ބޭއްވީ ބަނޑުވަތަށެވެ. އޭނާގެ އަތަށް މާވަށި ހެޔޮވަރުކޮށްލުމަށްފަހު މާވަށިން ނިހާގެ ފުށްކިބާގައި ޖެހުމާއެކު ލޭތައް ބުރަބުރައިގެން ދިޔަ މަންޒަރު ފެނުނު ވަގުތު އިންޝާގެ މުޅި ގައިން ހީލި އަރައިގެން ދިޔައެވެ. އެޔަށްފަހު އިލްހާމް ނިހާ އުއްޑުން ޖެހިއެވެ. އަނެއްކާވެސް މާވަށިން ނިތްކުރިމަތީގައި ވިހެލިއެވެ. އެމަންޒަރުތައް ފެނި އިންޝާއަށް ދެއަތަށް ބޯ ހޫރުވާލެވުނެވެ. ހިތްދަތިވެގެން ގޮސް އިންޝާ އިނީ ރޮވޭ ނުރޮވޭ ވަރުވެފައެވެ.

އިލްހާމްގެ ހަރަކާތްތައް ހުރީ ވަރަށް ހަލުވިކޮށެވެ. އިރުއިރު ކޮޅާ ދޮރު ހުރި ދިމާއަށް ބަލާލައެވެ. މާޖަހާ ވަށިގަނޑު ފޮތިގަނޑަކުން ފޮހެލިއެވެ. ފޮތިގަނޑުން ވަށީގެ އެއްކޮޅުގައި ހިފައިގެން ގޮސް ހާމައަށް އޮތް ކޮޅު އިބްރާހިމްބެގެ މުށުތެރެއަށް ލާ ފިއްތާލިއެވެ. އަދި ވަށި ނަގާ އަލަމާރި ކައިރީގައި ބާއްވާލި ވަގުތު އިލްހާމް ސިހިފައި ދޮރާ ދިމާއަށް ބަލާލިއެވެ. އޭނާގެ ހަރަކާތް އަވަސްވެގެން ދިޔަ ތަން ފެނުނެވެ. ބާލުހާނާ ދޮރާ ދިމާއަށް ދުވެފައި ދަމުން އެ ދިމާލުގައި ހުރި ރީތިވާ މޭޒު އަރިކޮށް މުށިގަނޑު މައްޗަށް ވައްޓާލިއެވެ. ދެން ފެނުނީ ކޮޓަރީގެ މައި ދޮރު ވެއްޓިގެން ދިޔަތަނެވެ. އިންޝާ ވަދެގެން އައި ތަނެވެ.

ވީޑިއޯ ބަލާ ނިމުނުއިރު އިންޝާގެ ތުންފަތުގައި ވަނީ މަޑު ތުރުތުރުލުމެއް އުފެދިފައެވެ. މިހާރު އޭނާގެ ދެލޮލަށް ލެޕްޓޮޕް ވެސް ފެންނަނީ ފުސްކޮށްނެވެ.

"މީ އެ އިލްހާމް ނިހާއަށް ގަސްތުގައި ދިން ލަނޑެއް. ކޮންފަދަ ރަހުމުކުޑަ އިންސާނެއް އެއީ. އިބްރާހީމްބެއަށް ނިހާ ހަދިޔާކޮށްފައި އެވަރުން ނުވެގެން މަރާލަން ވެސް މަސައްކަތްކުރީ. މަށަށް ކުރިން ވެސް އެނގުނޭ އެމީހާގެ އަތެއް މިކަމުގަ ނުވެ ނުދާނެ." އިންޝާ ލަސްލަހުން ބުނެލިއިރު އަޑުގައި ވެސް ރިހުން އެކުލެވިފައިވެއެވެ.

"އިންޝާއަށް ތި ފެނުނީ ވީޑިއޯގެ އެއްބައި." ނިހާ ވީޑިޔޯ ތަންކޮޅެއް ކުރިޔަށް ޖައްސައިލިއެވެ.

އިބްރާހީމްބެ އިނީ ނިހާއަށް ގުޑައި ނުލެވޭ ވަރަށް ހިފަހައްޓައިގެންނެވެ. އިލްހާމް ނިހާއާ ގާތަށް ޖެހިލިއެވެ. އިންޝާއަށް އިތުރަށް ބަލާކަށް ނުކެރުނެވެ. އޭނާ ދެލޯމަރާ ބާރުކޮށްލުމާއެކު ކަރުނަތައް އެސްފިޔަތައް ފޫ އަޅުވާލައިފައި ކޯތާފަތް މަތިން ތިރިއަށް ފައިބައިގެން ދިޔައެވެ. އިރުކޮޅަކުން އިންޝާ ލޯ ހުޅުވައިލިއިރު ވެސް ނިހާ އިނީ އެ މުޑުދާރު މަންޒަރު ބަލާށެވެ. އިންޝާ ލަދުން މަރުވާވަރުވިއެވެ.

"މި ބަލާނެކަމެއް ނެތް ނިހާ. އެހާ ލަދުކުޑަ ގޮތްގުޑަ މީހެއް ދުވަހަކު ވެސް ނުދެކެން." ލެޕްޓޮޕް ލައްޕައިލަމުން އިންޝާ ބުންޏެވެ.

ނިހާ ލެޕްޓޮޕް ހުޅުވާލިއެވެ. އެ ވީޑިއޯއަށް ބަލަން ފެށިއެވެ. މިފަހަރު ވެސް އެކަމަށް ހުރަސް އެޅީ އިންޝާއެވެ. އޭނާ ނިހާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެ މޫނުން ފެންނަނީ މަސްހުނި އިހުސާސްތަކެވެ. ހިތާމައާއި ރުޅިއެވެ. ނަފުރަތެވެ. ހިތްހަމަޖެހުމުގެ ކުލަވަރެއް ފެންނަހެން ވެސް އިންޝާއަށް ހީވިއެވެ.

"އިލްހާމް ޖަލުގެ ތޭރިތަކުގެ ތެރޭގައި އުޅެންވީ ވަގުތު އައިސް ޖެހުނީ. ލެވޭ ވަރުގެ ގޮޅިއެއް ނުހުންނާނެކަން އަންގާލަދޭނަން." ނިހާ ދަތްކުނޑި ވިކައިލަމުން ބުންޏެވެ. "މިއީ އަހަންނަށް ލިބުނު އަނިޔާގެ ބަދަލެއް ނޫން. މިއީ މަންމަގެ މަރުގެ ބަދަލު. ދެމީހުން ވެސް ޖެހޭނީ އުމުރު ދުވަހަށް ޖަލުގައި އޮންނަން. އެކަކަށް ވެސް ސަލާމަތެއް ނުވެވޭނެ."

"ސަލާމަތްވެވި ދާނެ. އެކަމަކު އެއީ އިލްހާމްއާ ދެކޮޅަށް ވަރުގަދަ ހެކިތަކެއް ފުލުހުންނަށް ލިބިފައި ނެތްނަމަ." އިލްހާމާއި މަޝްހޫރު ޤާނޫނީ ވަކީލު މާކިން ވާހަކަ ދައްކަން ތިބީ އިލްހާމުގެ އޮފީހުގައެވެ.

"އެ އަނބުޅޭއާއި ނިހާގެ ބަޔާން އޮންނާނީ. އިތުރު ހެތްކެއް ނުހުންނާނެ." އިލްހާމް ބުންޏެވެ.

"ތި ވާނެ ވަރުގަދަ ހެތްކަކަށް ދެމީހުންގެ ބަޔާން އެއްގޮތްވުން އެއީ އިއްތިފާޤަކަށް ނުވާނެކަން ނޭނގެ." މާކިން ވިސްނާލައިފައި ބުންޏެވެ. "އަދި ނިހާގެ މެޑިކަލް ރިޕޯޓު ވެސް އޮންނާނެ. ޑީއެންއޭ ރިޕޯޓު ވެސް އޮންނާނެ. އިލްހާމްއާ ޑީއެންއޭ ދިމާވާނެއެއްނުން."

"ޑީއެންއޭ މަށާ ދިމާނުވަނީ ކަންނޭގެއެއްނު." އިލްހާމް ކަންބޮޑުވިއެވެ.

"ދަރިފަނިން ވެސް ޑީއެންއޭ މެޗުކުރެވޭނެ." މާކިން ބުނެދިނެވެ.

ޑީއެންއޭ އޭނާއާ ދިމާނުވެ ނުދާނެކަން ކަށަވަރުވުމުން އިލްހާމް ނިކަން ހާސްވެއްޖެއެވެ. ހަމައެޔާއެކު އޭނާގެ ހިތުގައި ސުވާލުތަކެއް ވެސް އުފެދުނެވެ. އެވަރުގެ ބޮޑު ހެތްކެއް ލިބުނުނަމަ އޭނާ މިނިވަންކަންމަތީގައި އެގޮތަށް އުޅުމުގެ ފުރުޞަތުދެވިފައި ވަނީ ކީއްވެގެން ހެއްޔެވެ؟ ޑީއެންއޭ އޭނާއާ ދިމާވާނެކަން އެއީ ކަށަވަރުކަމެކެވެ.

"މަ ހައްޔަރު ނުކޮށް މިހުރީ ކީއްވެގެންބާ؟" އިލްހާމަށް މަޑުމަޑުން ބުނެވުނެވެ.

"ނިހާ ބަޔާން ދޭނެ އިރެއްގެ އިންތިޒާރުގައި ތިބީ ކަންނޭގެއެއްނު." މާކިން ޖަވާބުގައި ބުންޏެވެ. "ނޫނީ އަދި ރިޕޯޓުތައް ނުލިބެނީ."

އިލްހާމް އިށީދެގެން އިން ގޮނޑިން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. މޮޅު ބުއްދިއެއް އާދޭތޯ ސިކުނޑިއަށް ވާން ކުރަންފެށިއެވެ. އަހަރުތަކެއް ކުރިން އޭނާގެ ބޮލުގައި ސަފީނާގެ މަރުގެ އިލްޒާމު ވެސް ނިހާ އެޅުވިއެވެ. އެފަހަރު އިލްހާމް އެ ކުށުގައި ބެދޭނެވަރުގެ ހެކި ސަފީނާގެ ހަށިގަނޑުން ވެސް ފެންނަން ހުއްޓެވެ. ސަފީނާ އަމިއްލައަށް މަރުނުވާކަން ސާބިތުކުރެވޭނެވަރުގެ ހެކި ވެސް ހުއްޓެވެ. ނަމަވެސް އޭރު އިލްހާމަށް ސަލާމަތްވެވުނީ ފުލުހުންގެ ވެރިއަކަށް ހުރި މީހާ ފައިސާއަށް ވިކުމުންނެވެ. މިހާރު އެ ހުރީ ފައިރޫޒްއެވެ. އެ މަގު އޮތީ ބަންދުވެފައެވެ. ކޮންމެ ގޮތެއްވިޔަސް ފައިރޫޒް މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކުރަން ފޮނުވާނެއެވެ. މައްސަލަ އޮއްބައިލަން ޖެހޭނީ އެ ހިސާބުންނެވެ.

"މަގޭ މައްޗަށް ދަޢުވާ ނުކުރެވޭނެ ގޮތެއް ހެދިދާނެތަ؟" އިލްހާމް އެހިއެވެ. "ނޫނީ މައްސަލަ މަގޭ މައްޗަށް ސާބިތުނުކުރެވޭނެ ގޮތެއް"

"ރުފިޔާ ހުރިއްޔާ ނުވާނެ ކަމެއް އޮވޭތަ؟ ފައިސާއަށް ހުރިހާ އެއްޗެއް ވެސް ވިކޭނެ. ކޯޓާއި ހަމައަށް މައްސަލަ ނުގެން ގޮސް ހިފަހައްޓައިލެވިދާނެ. ދެ މިލިޔަނަށް." މާކިން ޖަވާބުދިނީ ހިނިތުންވުމަކާއެކުއެވެ.

ދެ މިލިޔަނަކީ އިލްހާމަށް ބޮޑު އަދަދެއް ނޫނެވެ. އޭނާ ވަގުތުން އެއްބަސްވިއެވެ. ޖަލުގައި އޮންނަން ނުޖެހޭނެކަމުގެ ޔަޤީންކަން މާކިން ދިނުމުން ވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހުނެވެ. ޖަލަށް ދާން ނުޖެހުނު ނަމަވެސް އޭނާ މުޅި ދުނިޔޭގެ ލަދާ ކުރިމަތިލާން ޖެހޭނެއެވެ. އާއިލާގެ އެންމެންގެ ނަފުރަތާއި ކުރިމަތިލާން ޖެހޭނެއެވެ. އެމީހުންނަށް ހަޤީޤަތް އެނގުމުން ބިކަވެ އެކަނިވާނެއެވެ. އެކަންކަން ވާނެކަން މުޖައްރިބެވެ. ނިކާލާއި ޞަފިއްޔާ އިތުބާރު ކުރާނީ ނިހާއަށެވެ. ޖަލުގައި އޮތުމަށްވުރެން އެމީހުންގެ ނަފުރަތާއި ކުރިމަތިލުން ވެސް ރަނގަޅުކަމަށް ނިންމައި މާކިންއަށް ދޭންޖެހޭ ލާރީގެ ދެބައިކުޅަ އެއްބަޔަށްވާ ޗެކެއް އިލްހާމް ދިނެވެ. އަދި މަސައްކަތް ފުރިހަމަވުމުން ބާކީބައި ދޭނެކަމުގެ ޔަޤީންކަން ދިނެވެ.

ތަޙްޤީޤު ކުރަމުންދާ މައްސަލައަށް ނިހާ އޮންނާނީ ބަޔާންދީފައިކަމަށް އިލްހާމް ހީކުރިއެވެ. އިލްހާމް ހައްޔަރުކުރުމަށް އަންނާނެ ވަގުތެއް ނޭނގޭތީ އެ ރޭ ހަތަރުދަމު އޭނާ އުޅުނީ ހޭލައެވެ. އެކަމާ ފިކުރުކުރަން އޮފީހުގައި ހުންނަ ކޮޓަރީގެ އެނދުމަތީގައި ދެ އަތަށް ފުރޮޅިފުރޮޅި އޮތެވެ. އެހެން އޮވެ އޭނާއަށް ކުރެވުނު ކުށްތަކާއި މެދު ވިސްނިއެވެ. ނިހާއަށް ދެވުނު އަނިޔާއާ މެދުވެސް އޭނާ ވިސްނިއެވެ. އޭނާ ދުވަހަކު ވެސް ނިހާގެ ކިބައިން އެފަދަ އަރާމެއް ލިބިގަންނާކަށް ހިތަށް ވެސް ނާރައެވެ. ހުވަފެނެއްގައި ވެސް އެފަދަ ހިޔާލެއް ނުކުރެއެވެ. ނަމަވެސް އިބްރާހީމްބެ އިބިލީހެއްހެން އޭނާއަށް ވަސްވާސްދީ މަގުފުރައްދާލީއެވެ. އިބްރާހީމްބެގެ ސަބަބުން ނިހާއާމެދު ފާހިޝް ހިޔާލުތައް ކުރެވި ބޮލަށް އިބިލީސް ސަވާރުވީއެވެ. އެ ހިސާބުން އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލިގެން ދިޔައީއެވެ. އޭނާއަށް ކުރެވެނު ހަޑި ހުތުރު އަމަލު އިހުސާސް ކުރެވުނީ ބޮލަށް އަރާފައިވާ ވަހުޝީ ބާރުގަނޑު ކެނޑުމުންނެވެ. އޭރުވަނީ އޭނާއަށް އެ ގޯސް ހެދިފައެވެ. އެކަމާއި ފިކުރު ބޮޑުވެ ހަދާނެ ގޮތް ނޭނގިގެން އުޅެނިކޮށް އިންޝާ ގެއަށް އައި ތަން ފެނުނެވެ. އެ ހިސާބުން އޭނާ ބޭނުންވީ އެކަމުގެ ތެރެއަށް އިބްރާހީމްބެ ބާނާލައި އޭނާ ސަލާމަތްވާށެވެ. ނިހާ މިދުނިޔެއިން ނައްތާލާށެވެ. ނަމަވެސް ތަޤުދީރުގެ ރޭވުން އޭނާގެ ރޭވުންތަކަށް ވުރެ ވަރުގަދައެވެ. ނިހާ ސަލާމަތްވެގެން އެނބުރި އައިސްފިއެވެ. އޭނާ ބޮޑު ބޭޒާރަކުން ބޭޒާރުވާން ކައިރިވެއްޖެއެވެ.

އިލްހާމް ގެޔަށް އައީ ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ. ގެއަށް ވަދެވުމާއެކު އޭނާގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ފެންޑާގައި ހުރި ނިހާ ފެނުމުންނެވެ. ނިހާ އެއް އަތް އުރާލައިގެން އަނެއް އަތުގެ ބޮޑުވައި އިނގިލި ކުރީގައި ދަތް އަޅައިލައިގެން ހުރުމުން ބޮޑު ފިކުރެއް ކުރަނީހެން ހީވެއެވެ. ދޮރު މަތީގައި ހުރި އިލްހާމް ފެނުމާއެކު ނިހާ ހިނިތުންވެލިއެވެ. އިލްހާމް ރައްދުގައި ހިނިތުންވެލީ ގަދަކަމުންނެވެ.

"ހާދަހާ އިރެއްވެއްޖެއޭ އިންތިޒާރު ކުރާތާ. ކޮންތާކު އުޅެއުޅެފަ ތި އައީ." ނިހާ ޝަކުވާގެ ރާގެއްގައި އެހިއެވެ.

"ކިހިނެއްވީ؟" ނިހާ ހެވިފައި ބަލަން ހުރުމުން އިލްހާމަށް އުނދަގޫވިއެވެ.

"ހަމަ ހަނދާންވަނީ." ނިހާ ގޮސް އިލްހާމްގެ އަތުގައި ހިފިއެވެ. "ހިނގާބަލަ ކޮޓަރިއަށް. އެކަކުވެސް ގެޔަކު ނޫޅޭ.."

ނިހާ ދައްކަންފެށި ވާހަކައަކުން އިލްހާމް ވަރަށް ބޮޑަށް ލަދުގަތެވެ. ރުޅި ވެސް އަޔެވެ.

"ހާދަހާ ގޮތްކުޑަވެގެން ތި އުޅެނީ." ނިހާގެ އަތް ފޮޅުވާލަމުން އިލްހާމް ބުންޏެވެ. "މަމީ ކަލޭ ބަފާ އުމުރުގެ މީހެކޭ ތި ވައްތަރަށް ވާހަކަ ދައްކާކަށް ލަދެއް ނުގަނޭތަ؟"

"އެދުވަހު ހާދަހާ ފޯރިއެއް އެރުވިއޭ އެކަމަކު. މިއަދު ރަނގަޅު ފުރުޞަތެއް ލިބުނީމަ ލަދުގަތީތަ؟ ނޫނީ އެ ވާހަކަ ދައްކަން ލަދު ގަންނަނީ." ނިހާ ބޭނުންވީ އިލްހާމް ބޮޑަށް ލަދުގަންނުވާށެވެ.

އިލްހާމް ޝައްކުގެ ނަޒަރުން ނިހާއަށް ބަލައިލިއެވެ. އެ ދުވަހުގެ ވާހަކަތައް އޭނާގެ އަނގައިން ބޭރުކުރުވަން އުޅޭހެން އޭނާއަށް ހީވިއެވެ. އެ ވާހަކަތައް އިވޭ ހިސާބުގައި ފުލުހުންގެ ބަޔަކު ނޫނީ ނިކާލް ހުރީ ކަންނޭގެއެވެ. އޭނާގެ ހިތުގައި އުފެދުނު ޝައްކުތަކުން އެކިއެކި ދިމަދިމާއަށް ބަލައިލެވުނެވެ. ސިއްރުވެރި ގޮތަކަށެވެ.

"މީހަކު ހުރިތޯ ތި ބަލަނީ." އެހާ ސިއްރުން އުޅުމުން ވެސް ނިހާގެ ލޮލުގައި އަޅައިގަތެވެ. "ޕޮލިހުން ބައިތިއްބައިގެން އެ ވާހަކަ ދައްކަން މަމީ މޮޔައެއްތަ؟"

އިލްހާމްގެ ހިތުގައި އޮތް އެއްޗެއް އެހާ ފަސޭހައިން ނިހާއަށް ދެނެގަންނަން އެނގުމުން އޭނާ ކުރި ޝައްކު ޔަޤީންނަށް ބަދަލުކުރިއެވެ. ނިހާގެ އަނގަތެރެއަށް ވެއްޓިގެން އޭނާއަށް މޮޅުތަކެއް ނުވާނެއެވެ. ބުއްދިވެރީ ހަނުހުރުން ކަމަށް ޤަބޫލުކޮށް އޭނާ ހިނގައިގަތެވެ.

"މަޑުކޮށްބަލަ." ނިހާ ގޮވައިލި އަޑުއިވުނެވެ. "މަގޭ ވާހަކަތައް އަދި ނުނިމެޔޭ."

އިލްހާމް ހަލުވިކޮށް ސިޑިން އަރަންފެށިއެވެ. ނިހާ ފަހަތުން ގޮސް އިލްހާމްގެ ފައިގައި ދަތި އަޅުވައިލީ ގަސްތުގައެވެ. ކުއްލިއަކަށް އިލްހާމްގެ ދެފައި އޮޅި ސިޑީގެ ހަރުފަތުން ފައި ކައްސާލިއެވެ. އިލްހާމްގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ބަރުހެލި ހަށިގަނޑު ނުހިފެހެއްޓިގެން ސިޑީގެ ހަރުފަތްމައްޗަށް އިދިފުށަށް ޖެހުމާއެކު އޭނާއަށް ހަޅޭލަވައިގަނެވުނެވެ. ދެފަރާތުގައިވާ ހޮޅިތަކުގައި ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް ސިޑީގެ ހަރުފަތްތަކުގެ މަތީގައި ފުރޮޅެމުން ގޮސް ސިޑީގެ އެންމެ ތިރިއަށް ވެއްޓި ޖެހުނެވެ. ތަށިމުށިގަނޑުގައި ބޯ ޖެހުނުލެއް ބާރުކަމުން ބީތާވެގެން ދިޔައެވެ. މުޅި ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން ހިރިނުލެވިފައި އިލްހާމަށް އޮންނަން ޖެހުނެވެ.

ނިހާ މަޑުމަޑުން ސިޑިން ފޭބީ ވިހަ ހިނިތުންވުމެއް ވެރިކޮށްގެން ހުރެއެވެ. އިރުކޮޅަކުން އިލްހާމް ވެސް އުނަގަނޑުގައި އަތް އަޅުވައިގެން އޮވެ މަޑުމަޑުން ތެދުވިއިރު އޭނާ ހުރީ ރުޅި ގަދަވެފައެވެ.

"އެވަރުން ވެސް މަރުވާކަށް ނޫޅުނު ދޯ؟" ނިހާ ހީގެންފައި ބުނެލިއެވެ. "ތަނެއް ބިންދައިގެން ދިޔަ ނަމައެއްނު. ތި ކަހަލަ ނުބައި މީހުން އަވަހަކަށް މަރެއް ވެސް ނުވާނެ. އަނިޔާއެއް ވެސް ނުވާނެ."

ކުއްލިއަކަށް އިލްހާމް ގޮސް ނިހާގެ ކަރުގައި ހިފައިގަތެވެ. ދެދަތްޕިލައަށް ބާރުލަމުން ފަހަތަށް ގެންގޮސް ފާރުގައި ޖައްސައި ފިއްތައިލިއެވެ.

"މާ ފޮނިވެގެން މަށަށް ދުއްތުރާ ކުރާނެކަމެއް ނެތް." އިލްހާމް ހަރުއަޑުން ބުނެލިއެވެ. "މަށަށް ދުއްޕާންނުކޮށް ކަލޭ ދައްކާ ވާހަކައެއް ގޮސް ޕޮލިހުންގެ ގާތުގައި ދައްކާ. ކަލޭ ކޮންމެ އެއްޗެއް ކިޔަސް މަށެށް ޖަލަކަށް ނުލެވޭނެ. ކަލޭ ތި ޖައްސާ ވަންނިތަކުން މަ ބިރު ގަންނާނެކަމަށް ހީނުކުރާތި. މަށެށް ބިރެއް ނުގަނޭ. މަށާ ދުރުގަ ހުރޭ. ނޫނީ ނަތީޖާ މާ ރަނގަޅެއްނުވާނެ. މަށަށް ދުއްޕާން ކުރަންޏާ ކުރިން ލިބުނު ބޮނޑިއަށްވުރެ ވަރުގަދަ ބޮނޑިއެއްދޭނަން. މީ މަ ދޭ އިންޒާރެއް. މިފަހަރު ފުރާނަ ސަލާމަތްވީތީ ޝުކުރުކޮށްބަލަ."

ނިހާ ހުރީ މޮޔަ ވައްތަރަކަށް ހިނި އައިސްފައެވެ. އިލްހާމްގެ އަތަށް ދުލެއްދީފައި އަތް ނައްޓުވައިލަން އުޅުމާއެކު ނިހާގެ ދެއަތުން އިލްހާމްގެ އަތުގައި ހިފައިގަތެވެ. އަދި އޭނާގެ އަމިއްލަ ކަރަށް ވާންވާގޮތަށް އިލްހާމްގެ އަތް އޭނާގެ ކަރާލައި ފިއްތައިލިއެވެ.

"ލަސްކުރާނެކަމެއް ނެތޭ މި ވަގުތު މަރާލަބަ." ނިހާ ޅަ ގޮތަކަށް ބުނެލިއެވެ. ނިހާ ދުނިޔެއިން މޮޔަވީ ހެއްޔެވެ؟

އިލްހާމްގެ ހަވަނަ ހިއްސުން އިންޒާރުގެ ސިގުނަލްތަކެއް ދޭން ފެށިއެވެ. ނިހާ އެހާ ހަމަޖެހިފައި ހުންނާނީ ކޮންމެވެސް ނުބައި ރޭވުމެއް ރާވައިގެންކަން ޔަޤީނެވެ. އެމީހުން ފެންނަ ހިސާބުގައި ނިކާލް ހުރީ ހެއްޔެވެ؟ އިލްހާމްގެ ހިތަށް އެރި އެއްޗަކުން ތެޅިގެންފައި ނިހާގެ އަތް ފޮޅުވައިލެވުނީ ކުއްލިއަކަށެވެ. ފަހަތަށް އެނބުރިލިއިރު މޫނު ޖެހޭ ހިސާބުގައި އިންޝާ ހުރުމުން ސިހިގެން ދިޔައެވެ.

އިންޝާ ފަހަތަށް ދެފިޔަވަޅު އަޅައިލިއެވެ. އިންޝާގެ އަތުގައި އޮތް މާޖަހާވަށިގަނޑަށް އިލްހާމްގެ ނަޒަރު ސީދާވިއެވެ. އެއީ ނިހާއަށް ހަމަލާދިނުމަށް އޭނާ ބޭނުންކުރި ވަށްޓެވެ. އިލްހާމް އިންޝާއާ ހަތަރު ކަޅި ހަމަކޮށްލީ ސުވާލު އުފެދިފައި ހުރެއެވެ. އޭނާ އެއްޗެއް ބުނަން އަނގަ ޚަރަކާތްކޮށްލި ވަގުތު އިންޝާ އަތުގައި އޮތް ވަށިން އިލްހާމް ބޮލުގައި އަޅައި ވިހެލިއެވެ. އިލްހާމްގެ ސިކުނޑިއަށް އެރި ލޮޅުމާއެކު ހޭދެބައިވެގެން ގޮސް ހުރިތަނަށް ދެމުނެވެ.

އިލްހާމަށް ތެޅިގެންފައި ދެ ލޯ ހުޅުވާލެވުނީ މޫނަށް ފިނިކަމެއް އިހްސާސްވުމުންނެވެ. އޭރު އޭނާ އޮތީ ކޮޓަރީގައެވެ. އެނދެއްގެ މަތީގައެވެ. ނިހާ ފެންޖަގުން އޭނާގެ މުޅި މޫނަށް ފެންއަޅަމުން ދިޔުމުން ދެއަތަށް ބޯ ހޫރުވާލެވުނެވެ. އަތް ހުރަސްކޮށްލަން އުޅުނު ވަގުތު މުޅި މީހާ ތުރުތުރު އަޅައިގެން ދިޔައެވެ. އޭނާގެ ދެއަތް ވަނީ ފުރަގަހަށް ލައި ބަނދެފައެވެ. އަޑެއް ބޭރު ނުކުރެވޭހާ ބާރަށް އަނގަމަތީގައި ވެސް ފޮތިގަނޑެއް އައްސައިފައިވެއެވެ. ދެފައި ވެސް ވަނީ ވަރުގަދައަށް ބަދެފައެވެ. އޭނާ ގަޔަކު އެއްވެސް ނިވާކަމެއް ނެތެވެ. އޭނާ އޮތީ ހެއްދެވި ގޮތަށެވެ. އިލްހާމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ މަންޒަރުތައް އިންޝާ ދިޔައީ ފޯނުގައި ރައްކާކުރަމުންނެވެ. އިލްހާމް ދެފައިކުރުކޮށްލަމުން އައުރަ ފޮރުވަން މަސައްކަތްކުރިއިރު ލަދުން ގޮސް ބިންފަޅާފައި އަޑިއަށްދާނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. ހިތް ހީވަނީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ހަޅޭއްލަވަން މަސައްކަތްކުރި ނަމަވެސް އޭނާގެ އަޑެއް ބޭރެއް ނުވިއެވެ. އިންޝާއާއި ނިހާ އެނދުގެ ދެފަރާތުގައި އިށީނެވެ.

"އަންހެނުންނަށް ފިރިހެނަކު ރޭޕްކޮށްލެވިދާނެކަން އަންގާލާނަން މިފަހަރު." ލާނެއް ހިންޏަކާއެކު ނިހާ ބުންޏެވެ. އިންޝާ ވެސް އެ ހުނުމުގައި ބައިވެރިވިއެވެ.

އޭނާގެ ފަލަމަސް ގަނޑުގައި ދެމީހުންގެ ދެފަރާތުން އަތްތިލަ ބީއްސައިލިއެވެ. ދެމީހުން އޭނާގެ މުޅިގައިގާ ފިރުމަންފެށުމާއެކު މުޅި ހަށިގަނޑު ރޫރޫ އަޅަންފެށިއެވެ. އެޔާއެކު އަނެއްކާ ވެސް ނިހާމެން ހީގެންފިއެވެ. އިލްހާމްގެ މުޅި ހަޔާތުގައި ވެސް އެހާ ލަދުގަތް ވަގުތުކޮޅެއް ނާދެއެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ބިރުވެރިކަމާއި ހާސްކަމެވެ. ލަދުވެތިކަމާއި އާދޭހެވެ. އެއީ ނިހާ ދެކެން ބޭނުންވި ކުލަވަރެވެ. އެމީހުންގެ މަޤުޞަދެވެ. ނިހާ މަޑުމަޑުން އިލްހާމާ ކައިރިއަށް ޖެހިލައި އިލްހާމްގެ ކަންކަށި މަތީގައި ވިހެލިއެވެ. (ނުނިމޭ)

ފަހުބައިގެ ތެރެއިން:-

"ނޫން. ނޫން. މަށަށް މަޢާފުކުރޭ." ނިހާ ހިނގައިގަތުމާއެކު އިލްހާމް ނިހާގެ އަތުގައި ހިފިއެވެ. އިލްހާމް ކަހަލަ ފަސޭހައިން ބަލި ޤަބޫލުކުރަން ބޭނުންނުވާ ބޮޑާ މީހަކު އެހާ އަވަހަށް މަޢާފަށް އެދުމުން ނިހާއަށް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް އެއީ އިލްހާމް ދައްކާ ދަޅައެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"މަޢާފުކޮށްފާނަން ޝަރުތެއްގެ މަތިން." ނިހާ ވަރަށް ފަސޭހައިން އެއްބަސްވިއެވެ.

"ކޮން ޝަރުތެއް." އިލްހާމް ހައިރާންވިއެވެ. އޭނާ އެ ކުށުން ސަލާމަތްވާނެކަމުގެ ޔަޤީންކަން ލިބިއްޖެނަމަ ނިހާ އެދޭ ކޮންމެ އެދުމެއް ފުރިހަމަކޮށް ދޭނެކަމަށް ބުނެލިއެވެ.

"އަމިއްލައަށް ދަންޖެހިގެން މަރުވޭ." ނިހާ އަޑަށް ބާރުލަމުން ބުންޏެވެ. "ކަލޭމެން މަގޭ މަންމަ މަރާލި ގޮތަށް."

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހާއި

  މި ޕާރޓް ވެސް ވަރަށް ރީތި މާޝާ ﷲ....😍

  20
 2. ތުނިޔަ

  އިލްހާމް ލެވޭ ވަރުގެ ޖަލެއްހުރިކަން ދައްކާފަ އޭގެ ފަހުން އޭނަ ދަންޖެހެން ދޫކޮށްލ!

 3. ފާތުން🥀

  މި ވާހަކަ އެއްކޮށް ނިމެންދެން ގެނެސްދިނުން އެދެން.
  ވަރަށް ރީތި މި ބައިވެސް

 4. ޔޭޔޭ

  ނައިސް ޕާޓް... ވާހަކަ ކުރިއަށް ގެންދާ ގޮތް ވަރަށް ރީތި 😍