މާވެލްގެ ފިލްމީ ތަރި ކްރިސް އެވަންސް މިހާރު މަސައްކަތް ކުރަމުން އަންނަ "ގްރެއި މޭން" ގެ ޝޫޓިންގެ ތެރެއިން އޭނާ އަށް އަނިޔާވެއްޖެއެވެ.

އުމުރުން 39 އަހަރުގެ ކްރިސް އެވަންސް އަށް އަނިޔާވެފައި ވަނީ ނެޓްފްލިކްސްގެ ފިލްމެއްގެ ޝޫޓިންގައި މަސައްކަތް ކުރަނިކޮށެވެ.

ފިލްމުގެ ޝޫޓިންގެ ތެރެއިން ކްރިސް އެވަންސް އަށް އަނިޔާވެފައިވަނީ އޭނާގެ އަތަށެވެ. އެގޮތުން އަތުގެ ބޮޑުބައި ވަނީ ނޫފައިގެންފައެވެ. ކްރިސް އެވަންސް ވަނީ އޭނާ އަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

ކެޕްޓަން އެމެރިކާގެ ކެރެކްޓާއިން މަޝްހޫރުވެފައިވާ ކްރިސް އެވަންސް މިހާރު މަސައްކަތް ކުރަނީ ނެޓްފްލިކްސްގެ ތާރީހުގައި ގެނެސްދޭ އެންމެ އަގު ބޮޑު ފިލްމުގައެވެ. މި ފިލްމަށް ނެޓްފްލިކްސް އިން މިހާތަނަށް 200 މިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ހަމަޖައްސައިފައެވެ.

ދަ ގްރެއި މޭން، މި ފިލްމުގައި މަޝްހޫރު ފިލްމީ ތަރިން ހަރަކާތްތެރިވެއެވެ. އޭގެތެރޭގައި ހޮލީވުޑްގެ ފިލްމީ ތަރި ރަޔަން ގޯސްލިން އާއި ނެޓްފްލިކްސް ސީރީސް ބްރިޖާޓަން އިން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ރެގޭ ޖީން ޕޭޖް ވެސް ހިމެނެއެވެ.

ދަ ގްރެއި މޭން ޑައިރެކްޓު ކުރަނީ އެވެންޖާސް:އެންޑް ގޭމް ޑައިރެކްޓުކޮށްފައިވާ ޖޯއީ އާއި އެންތޮނީ ރޫސޯއެވެ. ބެލެވޭ ގޮތުގައި މި ފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދާނެއެވެ. އެވެންޖާސް: އެންޑްގޭމް އަކީވެސް އެތައް މިލިއަން ބަޔަކަށް ކަމުދިޔަ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު