ރޭޕްގެ ތުހުމަތެއްގައި ޓީވީ އެކްޓަރ ޕާލް ވީ ޕޫރީ ހައްޔަރު ކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި ޕާލްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ އޭނާ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ޕާލްގެ ބަންދަށް ވަނީ އިތުރު 14 ދުވަސް އިތުރު ކޮށްފައެވެ. ފުލުހުން ޕާލް ހައްޔަރު ކުރީ ކުޑަކުދިން ރައްކާތެރި ކުރުމާއި ޖިންސީ ގޯނާގެ ކުރުމާއި ބެހޭ ގަވާއިދުގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕާލް ހައްޔަރު ކުރުމާއި ގުޅިގެން އޭނާގެ ދިފާޢުގައި އެތައް ޓީވީ އެކްޓަރުންނެއް ދަނީ މީސް މީޑިޔާ ބޭނުން ކޮށްގެން އެމީހުންގެ ޚިޔާލު ފާޅުކޮށް ޕާލްއާއި ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.

ޕާލްއަށް ސަޕޯޓްކޮށް ޓިވީ އެކްޓްރެސް އާދިތީ ޝާރުމާ އޭނާގެ މީސް މީޑިޔާ އެކައުންޓުގައި ބުނެފައިވަނީ ކަމުގެ ހަގީގަތް ހާމަވާނެ ކަމަށާއި އަބަދުވެސް ކުރި ލިބޭނީ ތެދަށް ކަމަށެވެ.

ޓީވީ އެކްޓްރެސް ކްރިސްޓަލް ޑި ސޫޒާ ބުނެފައިވަނީ ކަމުގެ ހަގީގަތް ނުބަލާ މީހަކާއި މެދު ނިންމުމެއް ނުނިންމުމަށާއި ތެދު ހާމަވަންދެން އެއްޗެއް ނުބުނުމަށެވެ.

މީގެއިތުރުން އަލީ ގޮނީއާއި ރަކްޝަންދާ ޚާންއާއި، ރާކީ ސާވަންތުއާއި، ވިކާޝް ކަލަންތުރީ، ޝަރަދު މަލޯތުރާ، އެރިކާ ފެނާންޑަޒްއާއި، ނިކީ ޝަރުމާއާއި، އަޕަރްނާ ޑިކްޝިޓް ފަދަ އެތައް ފަންނާނުންނެއް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

ޕާލްއަކީ ވަރަށް އަހުލާގު ރަނގަޅު މަޑުމައިތިރި މީހެއް ކަމަށާއި އެފަދަ ވާހަކައެއް އަޑުއިވުމަކީ ގިނަ ބަޔަކަށް ލިބުނު ކުއްލި ސިހުމެއް ކަމަށާއި ޕާލް އެފަދަ ކަމެއް ނުކުރާނެ ކަމަށް ޓީވީ ފަންނާނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު