ލޯތްބަކީ ވަރަށް ތަފާތު އިހުސާސެކެވެ. ލޯތްބަށްޓަކައި ނުވަތަ ލޯބި ހާސިލު ކުރުމަށްޓަކައި މީހުން ވަރަށް ތަފާތު ކަންކަން ކުރެއެވެ. އެގޮތުން މިއީ އިންޑިއާގެ ކޭރަލާގެ އަވަށެއްގައި ހިނގި ހާދިސާއެކެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭރު އުމުރުން 18 އަހަރު ސަޖީތާ އޭނާގެ މަންމަގެ ގެ ދޫކޮށް ގެއިން ނިކުމެގެން ދިޔުމުން އޭނާގެ މައިންބަފައިން ވަނީ ސަޖީތާ ގެއްލުނު ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ. ފުލުހުންގެ އެތައް މަސައްކަތަކާ އެތައް ތަހުގީގަކުން ވެސް ސަޖީތާއެއް ނުފެނުނެވެ. އެހެންކަމުން އެންމެން ވެސް ނިންމީ ސަޖީތާ މަރުވީ ކަމަށެވެ.

ނަމަވެސް މީގެ ހަފުތާއެއް ކުރިން ސަޖީތާ ފެނިފައި ވަނީ އެ ގެއާ ކައިރީގައި ހުރި އޭނާގެ ލޯބިވެރިޔާ، އޭރު އުމުރުން 24 އަހަރުގެ ރަހުމާން ނަމަކަށް ކިޔާ މީހެއްގެ ގެއިންނެވެ.

ރަހުމާން އޭނާގެ އާއިލާއާއެކު ދިރިއުޅެމުން އަންނަ ގޭގައި އޭނާގެ ކޮޓަރީގައި 10 އަހަރު ވަންދެން ސަޖީތާ ފޮރުވައިގެން ގެންގުޅުނެވެ. ސަޖީތާ އާއި ރަހުމާން ރައްޓެހިވެގެން އުޅޭ ކަމެއް އާއިލާ އަދި ރަހުމަތްތެރިންގެ ތެރެއިން ވެސް އެއްވެސް މީހަކަށް ނޭނގެއެވެ.

ރަހުމާންގެ ކޮޓަރީގައި އެތައް ބައިވަރު ތަޅު ހަރުކޮށް އެ އާއިލާގެ އެއްވެސް މީހަކަށް އެ ކޮޓަރިއަށް ނުވަދެވޭ ގޮތް ހެދިއެވެ. އަދި އާއިލާއާއެކު ކެއުން ހުއްޓާލައި ކުރިން ކައި މިންވަރަށްވުރެ ގިނައިން އޭނާގެ ކޮޓަރީގައި ހުރެ ކާން ފެށިއެވެ. އާއިލާއިން ހީކުރީ އޭނާއަށް ނަފުސާނީ ކަމަކާ ކުރިމަތިވީ ކަމަށެވެ.

މީގެ ތިން މަސް ކުރިން ރަހުމާން އާއި ސަޖީތާ ވަނީ ރަހުމާންގެ ގެއިން ވެސް ފިލައިގެން ގޮސްފައެވެ. އަދި ކައިރި އަވަށެއްގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދެމީހުން ދިރިއުޅެމުން ދަނިކޮށް މީގެ ހަފުތާއެއް ކުރިން ރަހުމާންގެ ބޭބެއަކަށް ފެނި ރަހުމާން އާއި ސަޖީތާގެ ވާހަކަތައް ކިޔައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު