ބޮލީވުޑުގެ ސުޕަރ ސްޓަރ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލުމު ''ކަބީ އީދު ކަބީ ދިވާލީ'' ގެ ނަން ''ބައިޖާން'' އަށް ބަދަލު ކޮށްފިއެވެ. މި ފިލުމުގެ ލީޑު ރޯލުން ފެނިގެންދާނީ ސަލްމާން ޚާނާއި ޕޫޖާ ހެޑްޖްއެވެ.

އަންނަ އަހަރުގެ ދިވާލީގައި ތިއޭޓަރު ތަކުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލުމަކީ ފަރުހާދު ސަމްޖީ ޑައިރެކްޓް ކޮށްފައިވާ ފިލުމެކެވެ.

މި އަހަރުގެ ނޮވެމްބަރު މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލުމުގެ ފުރަތަމަ ޕޯސްޓަރ ރިލީޒް ކުރުމަށް ނިންމާފައިވަނީ މި އަހަރުގެ އަޟްހާ އީދު ދުވަހުއެވެ.

ތަމަޅަ ފިލުމެއް އަސްލަކަށް ބަލައިގެން ތައްޔާރު ކުރާ މި ފިލުމަށް ފުރަތަމަ ދެވުނު ނަން ''ކަބީ އީދު ކަބީ ދިވާލީ'' ގައި މައްސަލަތަކެއް ހުރުމުން ފިލުމުގެ ޓީމުން މިވަނީ ނަން ބަދަލުކޮށްފައެވެ.

މި ފިލުމަކީ ތިން ބޭބެއެއްގެ މެދުގައި އޮންނަ ގުޅުން ދައްކުވައިދޭ ލޯބީގެ، މަޖާ އަދި އެކްޝަން ފިލުމެކެވެ. ބޭބެއިންގެ ގުޅުމާ މެދު ތައްޔާރު ކޮށްފައިވާ ފިލުމެއް ކަމުން ފިލުމުގެ ނަން "ބައިޖާން'' އަށް ބަދަލު ކުރީ ކަމަށް ފިލުމުގެ ފަރާތުން ބުނެފައިވެއެވެ.

މި ފިލުމުގައި ސަލްމާން އަދާ ކުރަނީ ތިން ކުދިންގެ ތެރެއިން އެންމެ ބޮޑު ބޭބެގެ ރޯލެވެ. އަދި ސަލްމާނުގެ ހަގަށް ތިބި ދެ ފިރިހެން ކުދިން ކައިވެނި ކުރުމުން ހުސްހަށިބަޔަށް ހުރި ސަލްމާނަށް ވެސް އޭނާގެ ލޯބި ހޯދަން މަޖުބޫރުވާކަން ދައްކުވައިދޭނެއެވެ.

މި ފިލުމުގެ އިތުރަށް ޓައިގަރ 3 އާއި ކިކް 2 ފަދަ ފިލުމުތައް ކުރިއަށް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު