ޑރ.ޑެނިއެލް ގްރޮސްމަން އަކީ އެމެރިކާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެކެވެ. ބަލ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ފުރަތަމަ ފަރުވާ ދެނީ ޑރ.ޑެނިއެލް އެވެ. އެއީ މަސައްކަތުގެ އަޙްލާޤު ރަނގަޅު ބަލި މީހުންގެ ލޯބި ހޯދާފައިވާ ޑޮކްޓަރެކެވެ.

ޑރ.ޑެނިއެލްގެ ޙަޔާތް އެއްކޮށް ބަދަލުވީ ރަހުމަތްތެރިއެއް ކަމަށްވާ ރޮން ގާބާ އާއި އެކު މިއަހަރުގެ މެއި ޑޭ ގައި ބައިސްކަލް ދުއްވާލަން ނިކުމެ އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގައެވެ. ފަރުބަދަ މަތީގައި ބައިސްކަލް ދުއްވަނިކޮށް ޑރ.ޑެނިއެލް ވެއްޓުނެވެ. އެއަށް ފަހު ދެން ހިނގި އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ނެތެވެ.

އެއެކްސިޑެންޓަށް ފަހު ޑރ.ޑެނިއެލްގެ ފައިގެ ބާރު ކެނޑުނެވެ. ފައިން ވާގި ނެތުނެވެ. އެކްސިޑެންޓްގައި މައިކައްޓަށް ލިބުނު ގެއްލުމެއްގެ ސަބަބުން ދެން ދުވަހަކު ވެސް ޑރ.ޑެނިއެލް އަށް ދެފައިމައްޗަށް ތެދުވެވިދާނެ ކަމުގެ އުއްމީދެއް އެއްވެސް ޑޮކްޓަރެއްގެ ވެސް ނެތެވެ. ޑރ.ޑެނިއެލް ފުރޮޅުލީ ގޮނޑިއެއްގައި އިންނަން މިވަނީ ޖެހިފައެވެ.

ނަމަވެސް ޑރ.ޑެނިއެލް އަކީ އެހެން މީހުންނަށް ނަމޫނާ އެކެވެ. އޭނާ ވަނީ ފުރޮޅުލީ ގޮނޑީގައި އިނދެގެން ވެސް ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި މިދިޔަ ހަފްތާގައި ވަޒީފާ އަށް ނިކުންނަން ފަށާފައެވެ.

"ކުރިމަތިވާ ކަންކަން ޖެހޭނީ ގަބޫލު ކުރަން. އެކަންކަން ގަބޫލުކޮށް ކުރިމަތިވެފައިވާ ކަމަކާއި އެކު ދެން ދިރިއުޅުން ކުރިއަށް ގެންދެވޭނެ ގޮތެއް އަހަރެމެން ޖެހޭނީ ވިސްނަން. އަހަރެން ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުމުން އެކަން އަހަރެން ގަބޫލު ކުރަން. ދެން ކުރިއަށް އޮތީ މިގޮނޑީގައި އިނދެ ދިރިއުޅުމައިގެން ކުރިއަށް ދިއުން." ޑރ.ޑެނިއެލް ބުންޏެވެ.

ޑރ.ޑެނިއެލްގެ ހިތްވަރަށް ވަރަށް ގިނަ މީހުން ދަނީ ތައުރީފް ކުރަމުންނެވެ.