ވައްކަމެއް ނުވަތަ އެފަދަ ނުބައި ކަމެއް ކޮށްފައި ފުލުހުންނަށް ދުވާ މީހުން މަދެއް ނޫނެވެ. އެފަދަ މީހުން ފުލުހުންގެ އަތުގައި ނުޖެހުމަށް ކޮންމެފަދަ ކަމެއް ކޮށްލާނެ ކަން މިއަދު މިވަނީ އެނގިފައެވެ.

އެމެރިކާގެ ލޮސް އެންޖެލެސްގައި ފުލުހުންނަށް ފިލަން މީހަކު ވަނީ އެއް ފުރާޅުން އަނެއް ފުރާޅަށް ފުންމައި ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން ޖެހުނީ ފުލުހުންގެ ބެލުމުގެ ދަށަށް ދާށެވެ.

އޭނާ އެގޮތަށް ފުލުހުންނަށް ފިލަން ވެގެން ކޮށްފައިވާ މަސައްކަތް ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި އާއްމުވަމުން އަންނައިރު، ގިނަ ބައެއްގެ ސަމާލު ކަމަށް އެކަން ވަނީ އައިސްފައެވެ.

ދައުރުވަމުން އަންނަ ވީޑިއޯގައި ބުނެފައިވަނީ ލޮސްއެންޖެލެސްގެ ފައްޅިއެއްގެ ފުރާޅުގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ހަމައެކަނި އެތެރެއިން ލާ އެއްޗެހި ލައިގެން ހުރި މީހަކު އެއް ފުރާޅުމަތިން އަނެއް ފުރާޅު މައްޗަށް ފުންމައި ފިލަން އުޅޭ މަންޒަރެވެ.

އެގޮތަށް އެއް ފުރާޅުން އަނެއް ފުރާޅަށް ފުންމުމަށްފަހު، އޭނާ ވަނީ ކަރަންޓު ވައިރެއް ފަދަ އެއްޗެއްގައި ހިފައި އިތުރު އިމާރާތެއްގެ މައްޗަށް އަރައިފައެވެ.

ނަމަވެސް އެންމެ ފަހުން އޭނާ ފުލުހުންގެ ހަވާލާގައި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެއީ އެފަދަ އުސް އިމާރާތްތަކުގެ މަތިން އޭނާ ފުންމާފައިވާތީ ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމަށެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އާއްމު ކޮށްފައި ނުވި ނަމަވެސް، ފުލުހުން ބުނީ، އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު