ސިމްބޮލިކް ރެކޯޑްސް އަކީ ރާއްޖޭގެ ރެޕްގެ ދުނިޔެ ބަދަލުކޮށްލި ބައެކެވެ. ރެޕް އާއި ބީރައްޓެހި ދިވެހިން ރެޕް އާއި ރައްޓެހި ކުރުވާ މިއުޒިކްގެ ތެރެއިން ރެޕް އަކީ ދިވެހިންގެ ތެރެއިން ޖާގަ ލިބިދާނެ އެއްޗެއްކަން ސިމްބޮލިކް އިން ވަނީ ދައްކުވައިދީފައެވެ. ސިމްބޮލިކް އަކީ ދިވެހި މިއުޒިކް ކުރިއަރުވަން މަސައްކަތް ކުރާ ފަންނާނުން ތިބި ޓީމެއްވެސްމެއެވެ.

ސިމްބޮލިކްގެ ފަންނާނުންގެ ތެރޭގައި ވަކި މީހަކަށް ދޫކުރާނެ ދެރަ އެކަކުވެސް ނެތެވެ. އަމިއްލަ އަށް މިއުޒިކް ކޮމްޕޯޒް ކުރުމާއި، ޅެން ހެދުމާއި، ލަވަކިޔުމުން ފެށިގެން ލަވައިގެ މެލޮޑީ ތައްޔާރު ކުރުމާއި ހަމައަށް ކޮންމެ ފަންނާނަކީ ވެސް އެ މީހަކަށް ޚާއްސަ ހުނަރުން ފުރިގެންވާ ބައެކެވެ. ބައެއް މީހުންނަކީ އެއް ހުނަރަށް ވުރެ ގިނަ ހުނަރު ލިބިގެންވާ ބައެކެވެ. ހުރިހާ އާޓީސްޓުން އެކުވެގެން ގެނެސްދޭ ލަވަތަކާއި އެކު ދުވަހަކަށް ވުރެ ދުވަހެއް ސިމްބޮލިކް ދަނީ ކުރިއަށެވެ.

އެހެންނަމަވެސް ސިމްބޮލިކްގެ އާޓީސްޓުންގެ ތެރޭގައި އެންމެ އާޓިސްޓެއް ފިޔަވާ ދެން ތިބީ ހުސް ފިރިހެން އާޓިސްޓުންނެވެ. ސިމްބޮލިކް އިން މިހާތަނަށް ފެނުނީ އެންމެ އަންހެން މޫނެކެވެ. ރޭ ކްލަބް ހައުސްގައި ވާހަކަދައްކަމުން ސިމްބޮލިކްގެ ކްރިއޭޓިވް އާޓްސް ޑިރެކްޓަރ އިސްމާއިލް ނާއިލް ބުނީ ސިމްބޮލިކްގައި އަންހެން ފަންނާނުން ނެތީ ސިމްބޮލިކް އިން ގެންގުޅޭ އުސޫލުތަކާއި އެއްވަރަށް ހިފަހައްޓާލެވޭ ވަރުގެ ފަންނާނުން މަދުވުމުން ކަމަށެވެ.

" އަންހެން އާޓިސްޓުންނަށް ތަންކޮޅެއް އުދަނގޫ ވަނީ އެ ކޮންސެޕްޓްގައި އުޅެން. އެއީ ފެމިލީ އެއްހެން މައްސަލަ ނުޖެހި އުޅުން. ބްރަރދަހުޑް އެއްހެން މި އުޅެނީ. ދެން ވަކި ސްޓޭންޑަރޑް އެއް އެބަ އޮވޭ. މިސާލަކަށް އަމިއްލަ ރެޕް އަމިއްލަ އަށް ލިއުމާއި. އެކަހަލަ ކަންކަން. ހަމަ ރަނގަޅު އާޓީސްޓެއް ވިއްޔާ އެ ފުރުސަތު އޮންނާނެ އަބަދުވެސް." ނާއިލް ބުންޏެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ހިޕްހޮޕް އަލްބަމެއް ނެރުމުގެ ޝަރަފުވެސް ހޯދާފައިވާ ސިމްބޮލިކް އެންމެ ފުރަތަމަ އުފައްދަމުން އައީ ރޮކް އަދި ހިޕް ހޮޕް މިއުޒިކްއެވެ.