މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ސިމްބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓް އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އަށް ކުރި ދައުވާތަކުގެ ދިފާއުގައި ހެކިހުށަހަޅަން ތިން ދުވަހުގެ މުހުލަތެއް ދީފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މި މައްސަލާގެ އަޑުއެހުމުގައި ޕެސްޓްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ޑީއެންއޭ ރިޕޯޓާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްތަކެވެ. ޝަފަވީ ހެއްކީގެ ގޮތުގައި ކޯޓަށް ދައުލަތުން ހުށަހަޅާފައި ވަނީ ރިޕޯޓްތައް ތައްޔާރު ކުރި ފުލުހުންނެވެ.

ޕެސްޓްގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ދައުލަތުން އިއްވުމާއެކު އޭނާ ވަނީ އެ ދައުވާތަކަށް އިންކާރުކުރުކޮށްފައެވެ.

މި ތުހުމަތުތަކުން ބަރީއަވެ، ދިފާއުގައި ހެކި ހުށަހަޅަން ޕެސްޓްއަށް ދީފައި ވަނީ ތިން ދުވަހުގެ މުހުލަތެކެވެ.

މިއަދުގެ އަޑުއެހުމުގައި އޭނާގެ ވަކީލުން ވަނީ ބަންދު މުރާޖާ ކުރުމަށް އެދިފައެވެ. އެހެންނަމަވެސް ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބަހައްޓަން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ އެކަން ކުރެވެން ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

ޕެސްޓަށް ދައުވާ ކުރުމަށް ފަހު، ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އޭނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ދިނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމާކު ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމިއެވެ.

ޕެސްޓްގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ނިންމީ އޭނާގެ ތުހުމަތު ކުރެވޭ ކަންކަމުގެ މައްޗަށް ހުރި ހެކީގެ ރިޕޯޓެއް ހުށަހަޅައިގެންނާއި މުޖުތަމައުގެ ސާލަމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން އެ ގޮތަށް ކަނޑައެޅީ ޕެސްޓްގެ ހައްގަކަށް އުނި ކަމެއް ގެނައުމަށް ފަހު ކަމަށް ޕެސްޓްގެ ފަރާތުން ބުނި ނަމަވެސް އެއީ ކޮން ހައްގެއް ކަމެއް ސާފުކޮށްދެވިފައި ނުވާތީ ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ޕެސްޓްގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  1. ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  2. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  3. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  4. ކެނެބިަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ
  5. ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތިމާ

    ކޮން ޕެސްޓެކޭތަ ތި ލިޔެ ނަގަނީ. މިކަހަލަ މުޖުރިމުންގެ ފުރިހަމަ ނަމުން ގޮވާބަލަ.

    3
    1
    • ބަބޫ

      ޕެެސްޓަކީ ބޭސް ޖަހައިގެން ނައްތާލާ އެއްޗެއް. މި ފެސްޓް ބޮޑުކަމުން ޖަލަށް ލާން މިޖެހެނީ.