ބަރަހަނާއި މަންޒަރުތަކާއި އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ހުންނަ ވީޑިއޯތައް އަމިއްލަ އަށް ޑިލީޓްވާ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް ޓިކްޓޮކް އިން ބުނެފިއެވެ.

ޓިކްޓޮކަކީ ކުރު ވީޑިއޯތައް އަޕްލޯޑް ކުރަން، ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެޕްލިކޭޝަނެވެ.

މި އެޕްލިކޭޝަން ހިންގާ ޗައިނާގެ ބައިޓްޑާންސުން ބުނީ މުޖުތަމައުއާ ނުގުޅޭ ވީޑިއޯތައް އަމިއްލަ އަށް ޑިލީޓްވާ ގޮތަށް ހަދަނީ ޓިކްޓޮކްގެ ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

މި ބަދަލާއެކު، ބަރަހަނާ މަންޒަރުތަކާއި އަނިޔާވެރިކަމަށް ހިތްވަރުދޭ ވީޑިއޯތަކުގެ އިތުރުން ކުޑަކުދިންނާ ނުގުޅޭ ވީޑިއޯތަކާއި ބޭއަދަބީ ވާހަކަތަކާއި ޖިންސީ ކަންކަމަށް ހިތްވަރު ދިނުމާއި ހުއްދަ ނޫން މުއާމަލާތް ހިންގުމާއި ސައްހަ ނޫން މައުލޫމާތު ފެތުރުން ފަދަ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބައިޓްޑާންސުން ބުނެފައިވެއެވެ.

ޓިކްޓޮކުން ގެންގުޅޭ އާ އުސޫލުގައިވާ ގޮތުން ޓިކްޓޮކަށް އަޕްލޯޑްކުރާ ކޮންޓެންޓްތައް ރިވިއުކުރަނީ އެކަމަށް ހާއްސަ ސޭފްޓީ ޓީމަކުންނެވެ. އަދި އެކަމަށް ޓެކްނޮލޮޖީގެ ބައެއް ވަސީލަތްތައް ބޭނުންކޮށް، މިންގަނޑަށް ނުފެތޭ ކޮންޓެންޓެއް ނަމަ އެކަން ކުރި މީހަކަށް އަންގާނެއެވެ.

ބައިޓްޑާންސުން ބުނީ ފުރަތަމަ ފަހަރު އެފަދަ ކޮންޓެންޓެއް ލައިފި ނަމަ އެކަމާ ގުޅޭ އިންޒާރެއް ލިބޭނެ ކަމަށެވެ. އަދި އެ އެކަން ތަކުރާރުކޮށްފި ނަމަ ނޮޓިފިކޭޝަނަކުން އަންގައި، އުސޫލުތަކަށް އަމަލުނުކުރާ ނަމަ އެކައުންޓް ދާއިމަށް ޑިލީޓްކޮށްލާނެ ކަމަށް ބައިޓްޑާންސުން ބުންޏެވެ.

މި ގެންނަ ބަދަލާ އެކު، ބޭއަދަބީ މަންޒަރުތަކާއި ވާހަކަތަކާއި ބުލީ އާއި އެ ނޫން ވެސް ގޮތް ގޮތުން ކުރެވޭ ފުރައްސާރަތަކާއި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ކަހަލަ ކޮންޓެންޓްތަކުން ޓިކްޓޮކް ސަލާމަތްވާނެ ކަމަށް ވެސް ބައިޓްޑާންސުން ބުނެފައިވެއެވެ.

ޓިކްޓޮކުގައި އާންމުކުރާ ވީޑިއޯގެ ދިގުމިން ތިން މިނެޓަށް ބަދަލު ކުރަން ދާދި ފަހުން ވަނީ ނިންމައިފައެވެ. ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޓިކްޓޮކަށްލާ ކޮންމެ ވީޑިއޯއެއްގެ ވެސް ދިގުމިނަކީ އެއް މިނެޓު ނުވަތަ 60 ސިކުންތެވެ.

ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 1.1 ބިލިއަނަށް އަރައެވެ.

ކޮވިޑްގެ ސަބަބުން ގޭގައި މަޑުކުރަން މަޖުބޫރުވުމާއި ގުޅިގެން ޓިކްޓޮކަށް އެތައް މިލިއަން މީހުން ވަދެ މަދު އަހަރުތަކެއްގެ ތެރޭގައި ގިނަ ބަޔަކު ބޭނުންކުރާ ވަސީލަތަކަށް ޓިކްޓޮކް ވެގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހީ

    މަށަކަށް ހިއެއްނުވޭ ދިވެހިން ހަދާ މިކަހަލަ އެއްވެސް ވީޑިއޯއެއްގެ ހަބަރު ޓިކްޓޮކަށް ރޭކާލާނެހެން އެއީ ދިވެހިންކޮށްފަ އިންނަ ކޮމެންޓެއްހާ ހިސާބުވެސް އިނގިރޭސިއަށް ޓްރާންސްލޭޓް ނުކުރުވޭ.

  2. Anonymous

    ދެން ހީ ކަލޭ ދާނީ އެމީހުނައް އެކިޔަވައިދޭން.