ބްރެޓްނީ ނަމަކަށް ކިޔާ އުމުރުން 20 އަހަރުގެ ޒުވާނަކު ޓިކްޓޮކް ޗެލެންޖެއް ހަދަން އުޅުމުގެ ތެރޭގައި ހާޓް އެޓޭކެއް ޖެހިއްޖެއެވެ. ނުރައްކާތެރި އެހެން ނަމަވެސް ގިނަ ބަޔަކު ހަދާ ''ޑްރައި ސްކޫޕް ޖެލެންޖް'' ގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާއެއް ދަނީ ކުރިމަތިވަމުންނެވެ.

ހަކަތަ ލިއްބައިދިނުމަށް ފެނާއި ނުލާ ހިކިކޮށް ހުންނަ ޕްރޮޓީން ޕައުޑަރ ނުވަތަ ކެފެއިން ފަދަ އެއްޗެހި ދިރުވާލުމުގެ މި ޗެލެންޖުގައި ބްރެޓްނީއަށް ކުރިމަތިވީ ވަރަށް ހިތްދަތި ގޮތެކެވެ.

މި ޗެލެންޖު ހެދުމަށް ފަހު ބްރެޓްނީ ދިޔައީ ޖިމަށެވެ. ޖިމުގައި ވެއިޓް ލިފްޓް ކުރަން އުޅުމުން އޭނާގެ މެޔަށް ތަދެއް އެރިއެވެ. ނަމަވެސް އެއީ އެންޒައިޓީގެ ސަބަބުންވީ ކަމެއް ކަމަށް ނިންމާ ކަސްރަތު ކުރުން ކުރިއަށް ގެންދިޔައެވެ.

ގެއަށް ދިޔުމަށް ފަހު ވެސް ބޮލަށް އެނބުރުން އަރައި ބޮލުގައި ރިއްސިއެވެ. އެކަމުގެ ސަބަބުން ރޭގަނޑުގެ ކެއުން ވެސް ޖެހުނީ ނުކައި ދޫކޮށްލާށެވެ.

މެޔަށް ބަރުވެ މޭގައި ރިއްސި ނަމަވެސް މަސައްކަތު ދިޔުމަށް ބްރެޓްނީ ނިންމިއެވެ. ނަމަވެސް މަސައްކަތުގައި އުޅެނިކޮށް ގައިން ދާހިތްލާ ބޮލުގައި ރިއްސާ ރިހުން ބުރަކަށްޓާއި ކަނާއަތަށް ފޯރިއެވެ. އެ ހިސާބުން އެއީ އެންޒައިޓީގެ ސަބަބުން ވާ ކަމެއް ނޫންކަން އެނގުނެވެ.

ބްރެޓްނީއަށް ހާޓް އެޓޭކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާދެވެން ފެށުނެވެ. ޑޮކްޓަރު ބުނެފައިވާ ގޮތުގައި ކެފެއިންގެ ސަބަބުން ވީ ކަމެކެވެ. މިއީ ކުރިން ބްރެޓްނީއަށް އެނގިފައިވާ ކަމެއް ނޫނެވެ.

ބްރެޓްނީގެ މި ޗެލެންޖުގެ ވީޑިއޯ 2.3 ފަހަރަށް ބަލާފައިވެއެވެ. އަދި 335،000 ލައިކްސް ލިބިފައިވެއެވެ. ނަމަވެސް މިއަދު ބްރެޓްނީގެ އާދޭހަކީ ކިތަންމެ ހިނގާ ޗެލެންޖެއް ނަމަވެސް ތިމާގެ ހަށިގަނޑަށް ކެތްވާވަރުގެ ޗެލެންޖުތައް ހެދުމެވެ.