ރާއްޖޭގެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްގެން ހިލޭ ޗުއްޓީ ހޭދަކުރަން މަސައްކަތް ކުރާ މީހުންގެ އުނދަގޫ ބޮޑުވެގެން ރިސޯޓްތަކުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"އެޓްލާންޓިކް" އަށް މައުލޫމާތު ދިން ރާއްޖޭގެ ފަސް ތަރީގެ ރިސޯޓެއްގެ އޮފިޝަލެއް ކަމަށްވާ ކޭޓް ޖޯނެސް ބުނީ 2000 ވަރަކަށް އިންސްޓަގްރާމް ފޮލޯވާސް އުޅޭ މީހުން ވެސް ރާއްޖޭގައި ހިލޭ ޗުއްޓީ އެއް ހޭދަކޮށްލުމުގެ ފުރުސަތެއް ހޯދަން މަސައްކަތް ކުރާ ކަމަށެވެ.

"އެމީހުން ބުނަނީ ހިލޭ ޗުއްޓީއެއް ދޭށޭ. ދެފޮޓޯ ވަރު އިންސްޓަގްރާމް ކޮށްލާނަމޭ." ކޭޓް ބުންޏެވެ.

ކޭޓް ބުނީ އެފަދަ ހައެއްކަ ހުށަހެޅުން ކޮންމެ ދުވަހަކު ވެސް ލިބޭ ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު، އަގުބޮޑު ރިސޯޓެއް ކަމަށްވާ ހުރަވަޅި ރިސޯޓުން ވެސް ވަނީ އެފަދަ ހުށަހެޅުންތައް ލިބެމުން އަންނާތީ ހިލޭ ޗުއްޓީ ދަތުރުތައް ދެވޭނެ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތައް އާންމު ކޮށްފައެވެ.

އެރިސޯޓުން ބުނީ އެފަދަ މީހުން ވާންވާނީ މީސް މީޑިއާގައި ނުފޫޒު ގަދަ، ރިސޯޓްގެ މާކެޓިން ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ މީހުންނަށެވެ.

ރާއްޖޭގެ ރިސޯޓުތަކުން ވެސް މަޝްހޫރު ޓްރެވަލް ބްލޮގަރުންނާއި، މީސް މީޑިއާގައި ނުފޫޒު ގަދަ މީހުންނަށް ހިލޭ ޗުއްޓީ ދަތުރުތައް ދެއެވެ. އެފަދަ ޗުއްޓީ ދަތުރުތައް ލިބޭ މީހުން އެވާހަކަތައް މީސް މީޑިއާގައި ހިއްސާކޮށްފައި ވެސް ހުރެއެވެ.