އެޗްބީއޯއިން ދައްކަމުންދާ ދުނިޔޭގެ އެއްމެ މަޤުބޫލު ސީރީޒްތަކުގެ ތެރޭގައި ހިމެނޭ، "ގޭމް އޮފް ތްރޯންސް"ގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ކިޓް ހެރިންޓަން އާއި ރޯޒް ލެސްލީ ކައިވެނިކޮށްފިއެވެ. މި ދެތަރިން ސީރީޒުން މަޝްހުރުވެގެން ގޮސްފައިވަނީ "ޖޯން ސްނޯ" އާއި "ރިންގިޓް"ގެ ރޯލުންނެވެ.

މި ދެ ތަރިން ކައިވެނިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ސްކޮޓްލޭންޑޫގެ އުތުރު އިރުމަތީ ސަރަޙައްދެއްގައި ހުންނަ 900 އަށްވުރެ ގިނަ އަހަރުވެފައިވާ އާސާރީ ގަނޑުވަރެއްގައެވެ. ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި މި ޙަލްފާއަށް، ގޭމް އޮފް ތްރޯންސްގެ ޕްރޮޑަކްޝަން ޓީމާއި ތަރިން ވެސް ގޮސްފައިވެއެވެ.

ހެރިންޓަން އާއި ލެސްލީ އެންމެ ފުރަތަމަ ދިމާވީވެސް ގޭމް އޮފް ތްރޯންސް ސީރީޒްގެ ޝޫޓިންގ ތެރެއިން 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު ދެ ތަރިން ލޯބީގެ ގޮތުން ގުޅިފައިވާއިރު، ސީރީޒްގައިވެސް މި ދެ ތަރިން ފެނިގެންދިޔައީ ލޯބިވެރިންގެ ރޯލުންނެވެ.

2014 ވަނަ އަހަރު ލެސްލީ ވަނީ ގޭމްސް އޮފް ތްރޯންސްގެކާސްޓުން ވަކިވެ އެމެރިކާގެ ޑްރާމާ ސީރީޒްއެއްގައި މަސައްކަތްކުރަން ފަށާފައެވެ. ނަމަވެސް ކިޓް ވަނީ ގޭމް އޮފް ތްރޯންސްގެ އެންމެ ފަހުން ނެރުނު ސީޒަނުގައިވެސް އެންމެ މުޙިންމު ރޯލުން ފެނިގެން ގޮސްފައެވެ.