އަގުބޮޑު ކާރެއްގައި ދަތުރުކޮށްފައި ދިޔަ މީހަކު، މަގުމައްޗަށް ކުނި އެޅުމުން، އެމީހާއާ ދިމާއަށް އަނުޝްކާ ޝަރުމާ އެއްޗެހި ކިޔާ ވީޑިޔޯއެއް، މީސް މީޑިޔާގައިވަނީ އާއްމުވެފައެވެ. އަނުޝްކާގެ ފިރިމީހާ، ވިރާޓު ކޯލީ ކުރި އެވީޑިޔޯއާ ގުޅިގެން، އެދެމަފިރިންނަށް އެތައް ބަޔަކު ތައުރީފުވެސް ކުރިއެވެ.

އެހެންނަމަވެސް، އަގުބޮޑު ކާރުތެރޭގައި އިނދެގެން، މަގުމައްޗަށް ކުނި އެޅި މީހާވަނީ، އަނުޝްކާ އާއި ވިރާޓު އަށް، ޤާނޫނީ ނޯޓިސް އެއް ފޮނުވާފައެވެ. "ޒީ މީޑިޔާ" އިން ބުނެފައިވާ ގޮތުގައި، ކާރު ތެރޭގައި އިން އަރްހާނުގެ ވަކީލުންގެ ލަފާގެ މަތިން، އެމީހުންނަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ، ކުރެވުނު ކަންތަކަށް މީޑިޔާގައި ނުވަތަ އާއްމުކޮށް މަޢާފަށް އެދުމަށެވެ.

ޒީ މީޑިޔާއާ ވާހަކަ ދައްކަމުން އަރްހާން ބުނެފައިވަނީ، ސެލެބްރިޓީ ދެމަފިރިންގެ ފަރާތުން އެއްޗެއް ބުނާނެ ވަގުތަކަށް އިންތިޒާރުކުރަން ހުރިކަމަށެވެ

މިކަމާ ގުޅިގެން އަނުޝްކާގެ ފަރާތުންވެސް އަދި ވިރާޓުގެ ފަރާތުންވެސް އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. އެހެންކަމުގައިވިޔަސް، މި ދެމީހުން ބުނާ އެއްޗެއް ބަލަން، އެތައް ބަޔަކުވަނީ ކެތްމަދުވެފައެވެ.

މީސް މީޑިޔާއާ އާއި އެނޫންވެސް ތަންތަނުގައި، މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުންދާ ފަރާތްތަކުން ބުނެފައިވަނީ، މި ދެ ފަރާތުންވެސް ކަންތައް ކޮށްފައިވަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެންމެ ފުރަތަމަ، އަރްހާން މަގުމައްޗަށް އެއްވެސް ހާލަތެއްގައޮ ކުނި އަޅައިގެން ނުވާނެކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، ކުނި އަޅާ މީހާއާ އެއްޗެހި ކިޔާ މަންޒަރު ފެންނަ ވީޑިޔޯ، މީސް މީޑިޔާއަށް ލުމަކީ "ޕަބްލިސިޓީ" ސްޓަންޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނެއެވެ. އޭގެ ބަދަލުގައި، ވަކިން ނަސޭހަތް ދިންނަމަ، މާ ރަނގަޅުވީސްކަމަށް އެފަރާތްތަކުން ބުނެއެވެ.