އޮސްޓްރޭލިޔާގެ ކުއީންސްލޭންޑަށް ނިސްބަތްވާ އުމުރުން 7 އަހަރުގެ މޮލީ ރައިޓް އެތައް ސަތޭކަ ބެލެނިވެރިންނެއްގެ ކުރިމަތީގައި ދަރިންތަރުބިއްޔަތު ކުރުމާއި ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.

މޮލީގެ ވާހަކަތައް މީހުންނަށް ފަހުމުކޮށްދިނުމަށް އެހީ ހޯދާފައިވަނީ އުމުރުން އެއް އަހަރުގެ ކުއްޖަކާއި މޮލީގެ ބައްޕައެވެ. މޮލީގެ ވާހަކަ ހާއްސަކޮށްފައިވަނީ ކުޑަކުދިން ބޮޑުވެގެން މީހާ މީހަކަށް ހެދުމަށާއި ކުޑަކުދިން ތަރުބިއްޔަތު ކުރުމަށް ބޮޑެތި މީހުންނަށް ބޭނުން ހިފޭނެ ކަންތައްތަކެވެ.

މޮލީގެ ވާހަކަ ފެށުމުގެ ކުރިން އޭނާ ބުނެފައިވަނީ ''ޕީކް އަ ބޫ'' ކަހަލަ އާދައިގެ ކުޅިވަރަކުން ވެސް ކުއްޖާގެ މުޅި ދުނިޔެ ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް އެއީ ނުވާނެކަމެއް ކަމަށް އެންމެންނަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް މޮލީގެ ޕްރެޒެންޓޭޝަނާއި އެއް އަހަރުގެ ކުއްޖާއާއި ބައްޕަގެ އެހީގައި އެކަންވާނެކަން ދައްކުވައިދީފައިވެއެވެ.

ހުރިހާ ކުދިންނަކީ ވެސް ހުރިހާ ނަސީބެއް ލިބިފައިވާ ކުދިން ނޫން ކަމަށާއި ނަމަވެސް ކުދިންގެ ވެސް ދުނިޔެ ބަދަލު ކުރުމަށް ބޭނުންވާ ކަމަށް މޮލީ ބުނެފައިވެއެވެ.

އެތައް މިލިއަން މީހުން ބަލާފައިވާ މި ވީޑިއޯގައި މޮލީ ކިޔައިދީފައިވަނީ އުމުރުން 7 އަހަރުގައި ސިކުނޑިއަށް އަންނަ ބަދަލުތަކާއި ބޮޑެތި މީހުންގެ ސިކުނޑީގެ 90 އިންސައްތަ އުމުރުން 7 އަހަރުގެ ކުއްޖާއަށް ލިބޭ ކަމެވެ.

ދިރިއުޅުމުގެ މުހިންމު ފަސް ހުނަރު ކަމަށްވާ، އެހެންމީހުންނާއި ގުޅުމާއި، ވާހަކަދެއްކުމާއި، ކުޅުމާއި، ސިއްހީ ގޮތުން ރައްކާތެރިވުމާއި މުޖުތަމައުގައި ހިނގާ ކަންތައްތަކުގައި ބައިވެރިކުރުވުމަކީ ކުދިންނަށް އަޅައިދެވޭނެ އެންމެ ރަނގަޅު ބިންގާ ކަމަށް މޮލީ ބުނެފައިވެއެވެ.

މޮލީގެ މި ވާހަކަތައް ބެލެނިވެރިންނާއި ހަމައަށް ފޯރުކޮށްދީ ''ޕީކް އަ ބޫ'' ގޭމުން ކުއްޖާގެ މުޅި ދުނިޔެ ބަދަލުވެގެންދާކަން ސާބިތުކޮށްދީފައިވެއެވެ.