އައިފޯން ބޭނުންކުރާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އައިފޯނާއި އެހެނިހެން ބްރޭންޑްތަކުގެ ފޯނުތަކާ ބޮޑު ތަފާތެއް ހުންނަ ކަން ޔަގީނެވެ. ފޯނު ގެންގުޅުމުގައި އެކި މީހުން ބޭނުންވާނީ ފަސޭހަ އެކި ފީޗާތައް ހުންނަ ފޯނުތަކެވެ. ގިނަ ފީޗާތައް އެއް ފޯނަކުން ލިބޭ ފޯނުތަކެވެ.

އެޕަލް އިން އަންނަނީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އަދި ކަސްޓަމަރުން އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިތޯ ދެނެގަނެ އެ ކުންފުނީގެ ފޯނުތަކަށް ބަދަލުތައް ގެންނަމުންނެވެ. އަލަށް ނެރޭ ހުރިހާ ފޯނުތަކަކީވެސް ކަސްޓަމަރުން އެ ދުވަސްވަރެއްގައި އެންމެ ބޭނުންވާގޮތަށް ފަރުމާކޮށްފައިވާ އަދި ފަރުމާކުރަމުންދާ ފޯނުތަކެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ސެޕްޓެމްބަރަކީ ވެސް އެޕަލްގެ ފޭނުން އިންތިޒާރު ކުރާނެ މަހެކެވެ. އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ލޯންޗުކުރާނީ ސެޕްޓެމްބަރުގައި ކަމަށްވާއިރު މިފަހަރު އައިފޯނަށް އަންނާނެ އިތުރު ފީޗާތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ގިނަ ބައެއް އެތައް ދުވަހެއް ވަންދެން ދެކެމުން އަންނަ ހަގީގަތެކެވެ.

މި އަހަރު ނެރޭ އައިފޯނަށް ގެންނަ ފީޗާތަކުގެ ތެރޭގައި ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް ފީޗާ އަކީ އައިފޯނުގެ ފަހަތަށް ފިންގަޕްރިންޓް ސްކޭނާއެއް އިތުރުކޮށްފައި ހުންނާނެ ވާހަކައެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކުގައި އަދިވެސް މާސްކު އަޅަން ޖެހުމުގެ ސަބަބުން އައިފޯން ގެންގުޅޭ ފަރާތްތަކަށް ފޯން އަންލޮކް ކުރުމުގައި ދަތިތަކަކާއި ކުރިމަތިވިއެވެ. މާސް އަޅައިގެން ހުރެ ފޭސް އައިޑީ އިން ފޯން އަންލޮކް ނުކުރެވޭއިރު ކޮންމެ ފަހަރަކުވެސް ޖެހެނީ ފޯނުގައި ޕާސްވޯޑް ޖަހާށެވެ. މިއީ އުނދަގޫ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރިއެވެ.

ފޭސް އައިޑީ ބޭނުންކޮށްގެން ފޯން އަންލޮކް ކުރުމަށް އެޕަލް އިން ދެން ގެނައި އާ ކަމަކީ އެޕަލް ވޮޗް ބޭނުންކޮށްގެން މާސްކު އަޅައިގެން ހުރިކަމުގައިވިޔަސް ފޯން އަންލޮކް ކުރެވޭ ފީޗާއެވެ. މި ފީޗާ އާއިއެކު ބައެއް މީހުންނަށް ފަސޭހަތަކެއް ވިއެވެ. ނަމަވެސް މިއީ އެޕަލް ވޮޗް ގެންގުޅޭ ފަރާތްތަކަށް އެކަނި ލިބުނު ފަސޭހައެކެވެ.

އެޕަލް އިން ކުރީގައި ނެރެފައިވާ ބައެއް ފޯނުތަކުގައިވެސް ފިންގަޕްރިންޓް ސްކޭނާ ހުރެއެވެ. ނަމަވެސް ފަހުގެ ފޯނުތަކުގައި މި ފީޗާ ހުންނަނީ މަދުކޮށްފައެވެ. މި ފީޗާ އެނބުރި އައިފޯނަށް އައުމުން އެންމެންނަށްވެސް ފަސޭހަވާނޭކަން އެއީ ޔަގީންކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު