ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އެންމެ ގިނަ ދުވަސްވަންދެން ދެމެހެއްޓި ބިލް ގޭޓްސް އާއި އޭނާގެ އަނބިމީހާ މެލިންޑާގެ ވަރީގެ މައްސަލަ ކޯޓުން ނިންމައި، ދެމީހުން ވަރިކޮށްދީފިއެވެ. އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވަރީގެ މައްސަލަ ކޯޓުން ނިންމާފައި ވަނީ ހޯމަ ދުވަހު އެވެ.

ބިލް ގޭޓްސް އާއި މެލިންޑާ ވަރިވާން ނިންމިކަން އިއުލާން ކުރީ މިއަހަރުގެ މެއި 03 ވަނަ ދުވަހު އެވެ. 27 އަހަރުވީ ކައިވެނި ނިމުމަކަށް ގެނައިކަން ކޯޓުގެ ލިޔުންތަކުން ސާފުވި ނަމަވެސް ބިލް ގޭޓްސް ކައިރިން ވަރިވުމާއި ގުޅިގެން މެލިންޑާ އަށް ލިބޭނެ ފައިސާ އާއި މުދަލުގެ ތަފްސީލްތަކެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ވަރީގެ މައްސަލަ ނިންމައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މެލިންޑާ އާއި ބިލް ގޭޓްސް ވަރިވުމަށް ފަހު ދެން ކަންތައްތައް ކުރާނެ ގޮތުގެ އެއްބަސްވުން ކޯޓަށް ހުށަހަޅާފައި ނެތް ކަމަށެވެ. ނަމަވެސް އެކަންކަމާއި ގުޅޭ ގޮތުން ދެމީހުންގެ މެދުގައި އެއްބަސްވުމެއް ގާއިމު ކުރެވިފައި އޮތްކަން އަންގާފައިވާ ކަމަށެވެ.

މެލިންޑާ އާއި ބިލް ގޭޓްސް އަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ވަރުގަދަ ފައުންޑޭޝަން ކަމަށްވާ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ ވެރިންނެވެ. އެފައުންޑޭޝަނުން ވަނީ ވިއްސަކަށް އަހަރު ތެރޭގައި 50 ބިލިއަން ޑޮލަރު ސިއްހީ ކަންކަމަށާއި ފަގީރުކަން ނައްތާލުމަށް ހަރަދު ކޮށްފައެވެ. އަދި ކޮވިޑާއި ގުޅިގެން 1.75 ބިލިއަން ޑޮލަރު އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދީފައި ވެއެވެ.

މެލިންޑާ އާއި ބިލް ގޭޓްސް ވަރިވި ނަމަވެސް ފައުންޑޭޝަންގެ މަސައްކަތްތައް އެކުގައި ކުރިއަށް ގެންދާނެ ކަމަށް ދެބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ.

ބިލް ގޭޓްސް އާއި މެލިންޑާ ވަރިވާން މެދުވެރިވި އަސްލު ސަބަބެއް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބިލް ގޭޓްސްގެ ކައިރިން ވަރިވާން މެލިންޑާ ނިންމީ ބިލް ގޭޓްސް ހިލޭ އަންހެނަކާއި ލޯބީގެ ގުޅުމެއް ބޭއްވިކަން ބޭޒާރުވުމުންނެވެ.