ބޮލީވުޑުގެ ގިނަ ފިލުމުތަކެއްގައި މަސައްކަތް ކޮށްފައިވާ އެކްޓަރ ރާހުލް ދޭވް، 2009 ވަނަ އަހަރު އޭނާގެ އަންހެނުން މަރުވުމަށް ފަހު ހަގީގީ ލޯތްބާއި ދިމާވެއްޖެ ކަމަށް ބުނެފިއެވެ.
އޭނާގެ އަނބިމީހާގެ މަރާށްފަހު 2013 ވަނަ އަހަރުން ފެށިގެން އޭނާ އުޅޭނީ ބަތަލާ މުގްދާ ގޮޑްސޭއާއި ލޯބީގެ ގުޅިގެންނެވެ.
އޭނާ ވަނީ އެ ގުޅުން ފެށިގެން އައި ގޮތާއި ހަގީގީ ލޯތްބާއި ދިމާވި ގޮތް ސިދާތު ކަންނަންއަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފައެވެ. އެގޮތުން 2009 ވަނަ އަހަރު އަންހެނުން މަރުވުމަށް ފަހު އަނެއްކާ ވެސް ހަޔާތަށް ލޯބި ލިބުމަކީ އުދަނގޫ ކަމެއް ތޯ ސުވާލު ކުރެވުމުން އެއީ ވަރަށް އުދަނގޫ ކަމެއް ކަމަށް ބުނެފައިވެއެވެ.
''އެއީ ވަރަށް އުދަނގޫ ކަމެއް. އިންޑަސްޓްރީގައި އަހަރެންނަށް މި ކުރެވެނީ ކީއް ކަމާއި މެދު ވިސްނޭ. އެ އަހަރު އަހަރެން 13 ވަޒީފާ އަދާކުރިން. އަދި ފިލުމު ''ބުލޫ'' ގެ ޝޫޓިންއަށް ބަހާމާސްއަށް ދާން ޖެހުނު. އެއިރު އަސްލު ނޭނގެ މިދެވެނީ ކޮންތާކަށް ކަމެއް ވެސް. ނަމަވެސް ކޮންމެވެސް ތާކަށް ދިޔައިން. އެކަންތައްތައް މިހާރު ހަނދާނެއް ވެސް ނެތް'' އަންހެނުން މަރުވި ދުވަސްވަރު ކަންތައް ހުރި ގޮތް ކިޔައިދެމުން ރާހުލް ބުނެފައިވެއެވެ.
މުގްދާ ގޮޑްސޭއާއި ލޯބީގެ ގޮތުން އޮތް ގުޅުމާއި މެދު ވާހަކަ ދައްކަމުން ރާހުލް ބުނެފައިވަނީ ފުރަތަމަ ލޯބީގައި ކާމިޔާބު މީހެއް ނަމަ އެ އުމުރުގައި ދެވަނަ ގުޅުމެއް ވެސް އެންމެ ރަނގަޅު ކަމަށް އިހުސާސް ކުރެވޭނެ ކަމަށެވެ.
އަންހެނުން މަރުވުމަށް ފަހު ހުސްހަށިބަޔަށް އެތައް އަހަރަކު ހުރުމަށް ފަހު އަލުން މުގްދާއާއި ގުޅުމުން ރާހުލްގެ ފަރާތުން ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރެވޭތީ ބަލައި ކަމަށް ވެސް އޭނާ ބުންޏެވެ.
ރާހުލް ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި އަސޯކާ، އިންޑިއަން، އޯމްކަރް ފަދަ ފިލުމުތައް ހިމެނެއެވެ. އަދި މުގްދާ ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ފެޝަން، ބޭޒުބާން އިޝްގް، ހީރޯއިން ފަދަ ފިލުމުތައް ހިމެނެއެވެ.