ޑުވޭން ޖޯންސަން ނުވަތަ ސެލެބްރިޓީ ނަމުންނަމަ 'ދަ ރޮކް' އަކީ ހޮލީވުޑްގެ ފިލްމީތަރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތެކެވެ. އެ މީހުން ކައިރިން ތަފާތު އެތައް ސުވާލުތައް އަހާ މީހުންވެސް އުޅޭނެއެވެ. ބައެއް ފަަހަރު މިފަދަ ސުވާލުތަކަށް ޖަވާބުވެސް ދެއެވެ.

އެގޮތުން ދާދިފަހުން ފިލްމީތަރިން ފެންވަރަނީ ކިތައްފަހަރުތޯ މީހުން ކުރަމުން އައި ކޮމެންޓަކަށް ރޮކް މި ވަނީ ޖަވާބުދީފައެވެ.

49 އަހަރުގެ ޖޯންސަން ބުނީ ދުވާލަކު ތިންފަހަރުމަތިން ފެންވަރާ ކަމަށެވެ. އެގޮތުން ހެނދުނު ހޭލައިގެން ފިނިފެނުން ފެންވަރާ ކަމަށާއި އޮފީހަށް ދިއުމުގެ ކުރިން ކަސްރަތުކުރުމަށްފަހު އާދައިގެ ފެނުން ފެންވަރާ ކަމަށެވެ. އަދި އޮފީސް ނިންމައި ގެއަށް ގޮސް ހޫނުފެނުން ފެންވަރާ ކަމަށް އޭނާ ބުންޏެވެ.

ޖޯންސަން ބުނީ ފެންވަރާއިރު މޫނައި ގައި ދޮވެ ރަނގަޅަށް ސާފުކުރާ ކަމަށެވެ. ފެންވަރާއިރު ލަވަކިޔާކަމަށްވެސް ޖޯންސަން ބުންޏެވެ.

އޭނާ އަކީ ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް ވަރަށް މަސައްކަތް ކުރާ ފަންނާނެއްކަން ފާހަގަ ކުރެވެއެވެ.

ކުރީގައި ރެސްލިން ކުޅެން އުޅުނު ޖޯންސަން ފިލްމީދާއިރާ އަށް ނުކުމެ ހޮލީވުޑްގެ އެންމެ ވިދާލި އެއް ފަންނާނަށް ވިއެވެ. އަދި ހޮލީވުޑްގައި އެންމެ ބޮޑު މުސާރައެއް ލިބޭ އެކްޓަރަށް އޭނާ ވެގެންދިޔައިރު ހުރިހާ ވަތްތަރެއްގެ ފިލްމުތަކުންވެސް ރޮކް ފެންނަކަން ފާހަގަ ކުރެވެއެވެ.

ރޮކް އޭނާ ސާފުވުމަށް ދުވާލަކު ތިން ފަހަރު ފެންވަރާކަން ހާމަކުރި އިރު ބައެއް ފިލްމީތަރިން ބައެއް ދުވަސްތަކުގައި ފެންނުވަރާކަންވެސް ފާހަގަ ކުރެވެއެވެ. ބައެއް ފަންނާނުން ބުނީ އެމީހުން ހަމައެކަނި ސާފުކުރަނީ ކިތްޕައްޗާއި ލަދުވެތި ގުނަވަން އެކަނިކަމަށެވެ. ހޫނުވެ ދާހިތްލުމުން ބައެއް ފަހަރު ފެންވަރާކަމަށް އެ ފަންނާނުން ބުނެފައި ވެއެވެ.