ބްރިޓިޝް ވޯގް އިން ހޮވާ މި އަހަރުގެ އެންމެ ނުފޫޒުގަދަ 25 އަންހެނުންގެ ލިސްޓުގައި އިނގިރޭސި ޝާހީ އާއިލާގެ ދެބޭފުޅުން ކަމަށްވާ މޭގަން މާކެލް އާއި ކޭޓް މިޑިލްޓަންގެ ނަން ހިމެނިއްޖެ އެވެ.

މީހުން ބާރުވެރިކުރުމަށް ކުރާ މަސައްކަތަށް ބަލައި ހޮވާފައިވާ އަންހެން ކަނބަލުންގެ ލިސްޓަށް މޭގަން އާއި ކޭޓް މިޑިލްޓަންގެ ނަން އިތުރުވެފައިވަނީ އެބޭފުޅުން އެކި ދާއިރާތަކުގައި ކުރައްވަމުން ގެންދަވާ މަސައްކަތާއި ގުޅިގެންނެވެ.

ފާއިތުވި އަހަރުތަކުގައި ކޭޓް އާއި މޭގަންގެ ނަން ނޫސްތަކުގެ ފަލަސުރުހީއަށް އަރާފައި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމާއި ހައްގުތައް ހޯދުމަށް ކުރަމުންދާ ކެމްޕެއިނާއި ގުޅިގެންނެވެ.

2020 ވަނަ އަހަރު އިނގިރޭސި ޝާހީ އާއިލާގެ ޒިންމާތަކުން ދުރުވެވަޑައިގެން މޭގަން ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޔޫކޭގެ އެކި ޖަމިއްޔާތަކުގައި މަސައްކަތް ކޮށްފަ އެވެ.

އުމުރުން 40 އަހަރުގެ މޭގަން އަކީ އެމެރިކާއަށް ނިސްބަތްވާ ބޭކަނބަލެކެވެ. އެކްޓިން ދާއިރާއިގައި ކުރީގައި މަސައްކަތް ކުރެއްވުމަށްފަހު 2018 ވަނަ އަހަރު އިނގިރޭސި އަމީރް ހެރީ އާއި ކައިވެނިބައްލަވައިގެންނެވި އެވެ. 36 އަހަރުގެ ހެރީ އާއި މޭގަންގެ ދެ ދަރިކަލުން ތިއްބަވައެވެ.

39 އަހަރުގެ ކެތްރީން ނުވަތަ ކޭޓް މިޑިލްޓަލް އަކީ އިނގިރޭސިވިލާތަށް އުފަން ބޭކަނބަލެކެވެ. 2011 ވަނަ އަހަރު އިނގިރޭސި އަމީރު ވިލިއަމް އާއި ކައިވެނިބައްލަވައިގެން ދެބޭފުޅުންގެ ތިން ދަރިކަލުން ތިއްބަވަ އެވެ. އަމީރް ވިލިއަމް އަކީ އިނގިރޭސި ތަހުތާއި ދެވަނަ އަށް އެންމެ ގާތުގައި ހުންނެވި ބޭފުޅާއެވެ. މީގެ ސަބަބުން ކޭޓް ވެގެންދާނީ އިނގިރޭސި ޝާހީ އާއިލާގެ މުހިންމު އަދި އިސްބޭފުޅުންގެ ތެރެއިންނެވެ.