އިސްރާއިލްގެ ވައިގެ އުޅަނދަކުން ޣައްޒާގައި ހުރި ހަމާސްގެ އިމާރާތްތަކަށް ބޮން އަޅައިފިއެވެ. އިސްރާއިލްގެ އަސްކަރިއްޔާއިން ބުނީ ހޮނިހިރު ދުވަހު ހަމާސްގެ އިމާރާތްތަކަށް ބޮން އަޅާފައިވަނީ ގޮވާ ޒާތުގެ ފުއްޕާހަންތަކެއް ފަލަސްތީނުން އެރުވުމުން ކަމަށެވެ.

ހަމާސްގެ އިމާރާތްތަކަށް އިސްރާއިލުން ބޮން އެޅުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. އިސްރާއިލުގެ އަސްކަރިއްޔާއިން ބުނީ ބޮން އަޅާފައިވާނީ ހަމާސްގެ ރޮކެޓް ލޯންޗް ކުރާ ސައިޓަކަށް ކަމަށެވެ. މިކަމާއި ގުޅިގެން އަދި ހަމާސްގެ ބަހެއް ބައިނަލްއަޤްވާމީ މީޑިއާތަކަށް ލިބިފައެއް ނުވެއެވެ.

މީސް މީޑިއާގައި ނިއު ޕްރެސް ޕަބްލިކޭޝަންއިން ހިއްސާކޮށްފައިވާ ފޮޓޯއަކުން ޣައްޒާއާއި ދިމާލުން އަލިފާން ކަނިތަކެއް ބުރައިގެެން ދާ މަންޒަރު ފެނެއެވެ. ޣައްޒާއަށް ދިިން ހަމަލާގެ ބަދަލުގައި އިސްރާއިލުގެ ވައިގެ އުޅަނދުތަކަށް އަމާޒުކޮށް ޣައްޒާއިން ވަނީ ހަމަލާ ދީފައެވެ. ނިއު ޕްރެސްއިން ރިޕޯޓު ކޮށްފައިވާގޮތުން އިސްރާއިލުން ޣައްޒާގެ ތިން ސައިޓަކަށް ވަނީ ހަމަލާ ދީފައެވެ. އޭގެ ތެރޭގައި ބެއިތު ހަނޫން އާއި ޖަބަލްޔާ އަވަށުގައި ހުރި އިމާރާތްތަށް ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް 11 ދުވަސް ވަންދެން ދިން ވަރުގަދަ ހަމަލާތަކަށް ފަހު ހަމަލާތައް ހުއްޓާލުުމުން ޣައްޒާގައި ތިބި ފަލަސްތީނުގެ މީހުން އަންނަނީ ގޮވާ ޒާތުގެ ފުއްޕާހަންތަކެއް އިސްރާއިލުގެ ބޯޑަރު ސަރަހައްދުން އަރުވަމުންނެވެ. މި ފުއްޕާހަންތައް ގޮވައި އިސްރާއިލްގެ ބައެއް ސަރަހައްދުތައް ވަނީ އަނދާފައެވެ.

ފަލަސްތީނުގެ މީހުން ގޮވާ ފުއްޕާހަން އެންމެ ފުރަތަމަ އަރުވަން ފަށާފަައިވަނީ އިސްރާއިލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމުންނެވެ. އިސްރާއިލުން ފަލަސްތީނުގެ މީހުންނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ނާދެއެވެ. މުޒާހަރާވެރިންނަށް ހަމަލާދިނުމާއި ސަރުކާރުގެ އޮފިސްތަކަށް އަމާޒުކޮށްވެސް އަންނަނީ ހަމަލާދެމުންނެވެ.