މެލޭޝިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިތީ ސަރާހް ރައިސުއްދީން ކޮވިޑް-19 ގައި މަރުވީ، އޭނާ ވިހެއި ދަރިފުޅު އުރާލަންވެސް ފުރުސަތު ނުލިބި އޮވެ ކަަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބަނޑަށް އަށް މަހުގައި ސަރާހް ވިހެއީ ފިރިހެން ކުއްޖެކެވެ. އެއީ އޭނާގެ ހަތަރު ވަނަ ދަރިފުޅެވެ. އޭނާއަށް ކޮވިޑް ޖެހިގެން އޮކްސިޖަން ލެވެލް ދަށަށް ގޮސް، ވެންޓިލޭޓަރަށްލިއިރު، އޭނާގެ ދަރިފުޅު ނަގާފައި ވަނީ އޮޕަރޭޝަންކޮށްގެންނެވެ. ސަރާހްގެ ދަރިފުޅު ސަލާމަތް ކުރެވުނުއިރު، އޭނާ ވަކިވެގެން ދިޔައީ، ދަރިފުޅު އުރާލަންވެސް ފުރުސަތު ނުލިބިއެވެ.

އޭނާގެ ފިރިމީހާ ކޮމޭޑިއަން ޝުއިބް ސެޕަހްޓޫ ބުނެފައި ވަނީ، މަރުވުމުގެ ކުރިން، ސަރާހްއާ ވީޑިއޯކޯލް ކުރި ކަމަށާއި، އޭނާ ހުއްޓުމެއް ނެތި ރޮމުން ދިޔަ ކަމަށެވެ. ޝުއިބް ބުނީ، އޭނާގެ ތިން ދަރިން ކައިރީގައި މަންމަގެ މަރުގެ ވާހަކަދައްކާނެ ގޮތެއްވެސް ނޭނގޭ ކަމަށެވެ. އެއީ ދައްކަން އުނދަގޫ ވާހަކަތަކަކަށް ވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ސަރާހް އާއި ޝުއިބްގެ އެންމެ ހަގު ކުއްޖާގެ އިތުރުން އަނެއް ތިން ކުދިންގެ އުމުރު އުޅެނީ ހައަހަރާއި ދިހަ އަހަރާއި ދެމެދުގައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ އާއިލާ އެންމެން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުލައި 25 ވަނަ ދުވަހު ކަމަށެވެ. އެ މީހުން ފައްސިކަން އެނގުނީ އެގޭގައި މަސައްކަތް ކުރާ މީހަކު ކޮވިޑަށް ފައްސިވުމުން، ޓެސްޓު ކުރުމުންނެވެ. އޭގެ ފަހުން ސަރާހް ވަނީ އިންސްަގްރާމްގައި ދަރިން ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ރޯ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެެވެ.

އޭނާގެ ކުއްލި މަރާއެކު، އޭނާގެ އެތައް ސަޕޯޓަރުންނެއް ދަނީ މީސް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

މެލޭޝިއާގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެހެން ނަމަވެސް ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއިތަކެެއް ވަނީ ދީފައެވެ. އެގޮތުން އެ މީހުންނަށް ބޭރުގައި އުޅުމާއި ދަތުރު ކުރުމާއި، ކުޅިވަރު ކުޅުމާއި، ކާން ބޭރަށް ދެވޭނެ ކަމަށް ބުނެފައި ވެއެވެ.

މެލޭޝިއާގައި މިހާތަނަށް 1,320,547 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރު ފައްސިވި 20,780 މީހަކު ހިމެނެއެވެ. އެގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 211 މީހަކު ކޮވިޑް ބަލީގައި މަރުވެފައިވާއިރު، ޖުމްލަ މަރުވި އަދަދު 11,373 އަށް އަރައެވެ.