ހިތަށް ނުތަނަވަސްކަން ލިބޭތީ ކަމަށް ބުނެ ރާއްޖޭގެ ނަން މަޝްހޫރު ޓިކްޓޮކް ސްޓާރުންގެ ތެރޭގައި ހިމެނޭ ކުޅަދާނަ އެކްޓަރު މުޙައްމަދު ޔާމިން އަލީ (ޔާމްބެ) ޓިކްޓޮކް ބޭނުން ކުރުން ހުއްޓާލައިފިއެވެ.

ޔާމްބެ ޓިކްޓޮކް ބޭނުން ކުރުން ހުއްޓާލިއިރު، އޭނާގެ ޓިކްޓިކް އެކައުންޓްގައި 23،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

މުނިފޫހިފިލުވުމުގެ ގޮތުން ހެއްވާ މަޖާ ކޮންޓެންޓްތައް އުފައްދުމުގައި މަޝްހޫރުކަމެއް ލިބިފައިވާ ޔާމްބެ ޓިކްޓޮކް ހުއްޓާލާފައިވާކަން އޭނާ ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ. އަދި ހުއްޓާލާފައިވަނީ އިއްޔެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޓިކްޓޮކް ތަރި ޔާމްބެ ޓިކްޓޮކްއާ ދުރަށް

ޔާމްބެ ބުނީ، ޓިކްޓޮކް ހުއްޓާލީ އެއްވެސް މީހެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ. އަދި ވަކި މީހަކު ކިޔާ އެއްޗަކަށް ވެސް ނުބަލާ ކަމަށް ބުންޏެވެ.

އެހެން ނަމަވެސް ޓިކްޓޮކް ހުއްޓާލީ ވަޒީފާއަށް އަހައްމިއްޔަތު ކަމެއް ދިނުމަށް ކަމަށާއި ހިތަށް ނުތަނަވަސް ކަމެއް ލިބޭތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ބޮޑަށް ބޭނުން ވަނީ ވަޒީފާއަށް އަހައްމިއްޔަތުކަން ދޭން. ދެން ހިތަށް ނުތަނަވަސްކަން ލިބޭތީ އާ އެއްކޮށް ހުއްޓާލީ." ޔާމްބެ ބުންޏެވެ.

ޓިކްޓޮކާއި ދުރަށް ދިއުމުން ބައެއް ރަހުމަތްތެރިން އެކަމަށް އެއްބާރުލުން ދިން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ޓިކްޓޮކްގެ އިތުރުން ވެބް ސީރީޒެއް ކަމުގައިވާ "އެހެނަސް" އާއި ބައެއް އިޝްތިހާރުތަކުން ވެސް ޔާމްބެ ވަނީ ފެނިގެން ގޮސްފައެވެ.