ދުނިޔެއަށް އައިސްފައިވާ ސްމާޓް ފޯނުގެ ޒަމާނާއެކު، އަޅުގަނޑުމެންގެ ދިރިއުޅުމަށްވެސް އެތައް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން، ފޯނުން ފޮޓޯ ނެގުމާއި ސެލްފީ ނެގުމަކީ، ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަމަށްވަނީ ވެފައެވެ. އެކަމަށްވެސް އަންނަމުންދާ ބަދަލުތަކާއެކު، ފޯނުންވެސް މޮޅު، ރީތި ފޮޓޯއެއް ނެގުމަކީ މުޙިއްމު ކަމަކަށްވަނީ ވެފައެވެ. އެކަމުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެ، އެކަމުގައި ވާދަވެރިކަންވެސްވަނީ އުފެދިފައެވެ.

ސްމާޓްފޯނުގައި އެންމެ މަޝްހޫރު ކުންފުނިކަމުގައި ނުވިޔަސް، "އެލްޖީ" އިން ތަފާތު ސްމާޓްފޯނެއް ބާޒާރަށް ނެރެން ތައްޔާރުވަމުންދާކަމުގެ އަޑުވަނީ ފެތުރިފައެވެ. މިފަދަ، މައުލޫމާތު ގެނެސްދޭ "އެންޑްރޮއިޑް ޕޮލިސް" އިން ބުނެފައިވާ ގޮތުގައި، އެކުންފުނިން ނެރެން ތައްޔާރުވަމުންދާ ފޯނުގައި ފަސް ކެމެރާ އިންނާނެއެވެ.

"ވީ40" ގެ ފްލެގްޝިޕުގެ ދަށުން ނެރެން ތައްޔާރުވަމުންދާ މި ފޯނުގެ ފަސް ކެމެރާގެ ތެރެއިން ދެ ކެމެރާއަކީ ސެކަންޑަރީ ކެމެރާއެވެ. އެހެންނޫންމަ، އާއްމުކޮށް ބުނާނަމަ ސެލްފީ ކެމެރާއެވެ. މީގެކުރިންވެސް، ފްރަންޓުގައި ދެ ކެމެރާ ހިމަނައިގެން ފޯނުތައް ނެރެފައިވެއެވެ. އެހެންނަމަވެސް، މި ފޯނުގައި މި ދެ ކެމެރާ އިންނާނީ އެއްކޮށެވެ.

މިކަމުގެ ސަބަބުން، އައު ފީޗަރ އެއް ދުނިޔެއަށް ތަޢާރަފްކުރުމުގެ ފުރުޞަތުވެސް، އެކުންފުންޏަށް ލިބިގެންދާނެއެވެ. އެއީ، "ތްރީ ޑީ މެޕިން" ބޭނުންކޮށްގެން، ފޯނުގެ ފޭޝަލް ރިކޮގްނިޝަން ކަންކަން ކުރިއަށް ގެންދިޔުމެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ވީ40 އަކީ، އެލްޖީ އިން ނެރެފައިވާ ޖީ7 އާ ވައްތަރުގޮތެއް ހުންނާނެ ފޯނަކަށް ވާނެއެވެ. އެގޮތުން، ފޯނުގެ ސްކްރީނުގައިވެސް އެއްގޮތް ކަންތައްތަކެއް ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ.

ފޯނުގެ އިތުރު ކަންކަމަށް ބަލާއިރު، ކުއަލްކޮމް ސްނެޕްޑްރެގަން 845 މި ފޯނުގައި ހިމެނެއެވެ. ހަމައެހެންމެ، ގޫގުލް އެސިސްޓަންޓް އަށް ޚާއްޞަ ފިތެއް، މި ފޯނުގައި ހިމެނޭނެއެވެ. އެހެން ގިނަ ފޯނުތަކެކޭ އެއްގޮތަށް މި ފޯނުގައިވެސް ފިންގަރ ޕްރިންޓް ސްކޭނަރ އިންނާނީ، ފަހަތުގައެވެ.

އެލްޖީ ކުންފުނިން މި ފޯނުގެ މައުލޫމާތު އަދި ހާމަކޮށްފައި ނުވިޔަސް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މިކަމުގެ އިތުރު މައުލޫމާތު ލިބޭނެކަމަށް މައުލޫމާތު ލިބެއެވެ.