އިސްތަށިގަނޑަކީ މީހާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދޭ އެއްޗެއް ކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ. އިސްތަށިގަނޑަކީ ވެސް ހެދިބޮޑުވާ އެއްޗެއް ކަމުން އެއަށް އެކަށީގެންވާ އަޅާލުން ބޭނުންވާނެއެވެ.

ސިއްހީ ގޮތުން ރަނގަޅު، ރީތި އިސްތަށިގަނޑެއް ހޯދުމަށް ދެވިދާނެ ބައެއް ފަރުވާތަކަކީ:

ހެއަރ މާސްކު

މޭޒުމަތީ 2 ސަމުސާ އޮލިވް އޮއިލް، އަލޯވެރާ ޖެލް، ބިހުގެ ގޮބޮޅިގަނޑު ތަށްޓެއްގައި އެއްކޮށްލުމަށްފަހު 10 ނުވަތަ 15 މިނިޓް ވަންދެން ބޮލުގެ ތަލާގައި މަސާޖު ކޮށްލާށެވެ. އެއަށްފަހު ބޯ އައްސާލާފައި ބަހައްޓާށެވެ. އަނެއް ދުވަހު ހެނދުނު ރަނގަޅު ޝޭމްޕޫއެއް ބޭނުން ކޮށްގެން އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.

ސެރަމް ބޭނުން ކުރުން

ސެރަމް ބޭނުން ކުރުމުގައި އެމީހެއްގެ އިސްތަށިގަނޑާއި އެންމެ ގުޅޭ އެކަށީގެންވާ ވައްތަރެއް ބޭނުން ކުރުން ރަނގަޅުވާނެއެވެ. އިސްތަށިގަނޑުގައި ހުންނަ ހަރުކަން ފިލުވާލާ ވިދުންކުލަ އަރުވާލުމަށް ރޭގަނޑު ނިދާއިރު ބޮލުގައި ސެރަމް އުގުޅާށެވެ.

އިސްތަށިގަނޑު ގެތުން

ރޭގަނޑު ނިދާއިރު އިސްތަށިގަނޑަށް ވާން ނުވާނެހެން ދޫކޮށް އިސްތަށިގަނޑު ގަތާފައި ބެހެއްޓުމަކީ އިސްތަށި ފޭބުމާއި އިސްތަށިގަނޑު ހަލާކުވުން ފަދަ ކަންތައްތަކަށް އޮތް އެންމެ ރަނގަޅު ހައްލެވެ.

ނިދުމަށް ރަނގަޅު ބާލީހެއް އިހުތިޔާރު ކުރުން

އިސްތަށިގަނޑަށް އެންމެ ރަނގަޅުވާނީ ސިލްކު ބާލީހުގައި ނިދުމެވެ. އޭގެ ސަބަބުން އިސްތަށިގަނޑު މޮއިސްޗަރ ކޮށްދެއެވެ.

ބޮލުގެ ތަލަ މަސާޖު ކުރުން

އިސްތަށިގަނޑު ވަރުގަދަ ކުރުމަށާއި އިސްތަށި ފެޅުވުމަށް އެންމެ ރަނގަޅު ގޮތަކީ ބޮލުގެ ތަލަ މަސާޖު ކުރުމެވެ. ރަނގަޅު ތެލެއް ބޭނުންކޮށްގެން ބޮލުގެ ތަލަ، އިސްތަށިތަކުގެ ބުޑާއި އެއްކޮށް މަސާޖު ކުރުމަކީ އިސްތަށިގަނޑަށް ފައިދާ ހުރި ކަމެކެވެ.

މީގެ އިތުރުން ވިޓަމިންއަކީ ވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ. ވިޓަމިން އޭ، ސީ، ޑީ، އީ އަދި ބީ އަކީ އިސްތަށިގަނޑަށް އެންމެ ފައިދާހުރި މާއްދާތަކެވެ.