ބޮލީވުޑްގެ ސުޕަސްޓަރ އަމީތާބް ބައްޗަންގެ އަގުބޮޑު ކާރު ހިފަހައްޓައިފިއެވެ.

އަމީތާބުގެ ރޯލްސް ރޮއިސް ކާރު ހިފަހައްޓާފައި ވަނީ އިންޑިޔާގެ ކަރްނަތަކާ ޓްރާންސްޕޯޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ހިފެހެއްޓި އަގުބޮޑު ކާރުތަކުގެ ތެރެއިންނެވެ. އެ ޑިޕާޓްމެންޓުން ވަނީ ހަތް ކާރެއް ހިފަހައްޓާފައި އެވެ.

ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން ބުނީ މި ހަތް ކާރަކީ ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ފައިސާ ނުދައްކާ، އިންޝުއަރެންސް ނެތް ނުވަތަ ސައްހަ މައުލޫމާތު ނުހިމެނޭ ކާރުތައް ކަމަށެވެ.

ޓްރާންސްޕޯޓް ކޮމިޝަނަރ ޝިވާ ކުމާރް ވިދާޅުވީ ހިފެހެއްޓި ކާރުތަކުގެ އަސްލު ފަރާތް ނޭނގޭ ކަމަށާއި އެ ކާރުތައް ދުއްވަން ތިބި ޑްރައިވަރުން އަތުގައި ރަސްމީ ލިޔެކިޔުމެއް ނެތް ކަމަށާއި ކާރުތައް ހިފެހެއްޓީ އެ ސަބަބުތަކަށްޓަކައި ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ރޯލްސް-ރޮއިސް ފެންޓޮމް އަކީ އަމީތާބްގެ ނަންމައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެކެވެ. މި ކާރަކީ އެކްލަވްޔާ ފިލްމަށް ލިބުނު ކާމިޔާބީ އާއި ގުޅިގެން ފިލްމުއުފައްދާ ފަރާތެއް ކަމަށްވާ ވިންދު ވިނޯދް ޗޮޕްޅާ އަމީތާބަށް ހަދިޔާ ކުރި ކާރެކެވެ.

އަމީތާބް ފަހުން މި ކާރު އެހެން މީހަކަށް ވިއްކާފައިވާއިރު ކާރުގެ ވެރިފަރާތުގެ ނަން ބަދަލުކޮށްފައި ނުވެއެވެ. ކާރު ދުއްވަން ހުރި ޑްރައިވަރު ވަނީ އެ ކާރު އަމީތާބް އޭނާ އަށް ވިއްކާފައިވާކަމުގެ ލިޔުމެއް ދައްކާފައި އެވެ. ނަމަވެސް އެއީ ޑްރައިވަރުގެ ކާރެއްކަން ހާމަވާ ލިޔެކިއުމެއް ނުދައްކަ އެވެ.

އަމީތާބް ބައްޗަން އަކީ އަގުބޮޑު އެތައް ކާރެއް ގެންގުޅޭ ބޮލީވުޑްގެ އެންމެ މުއްސަނދި ފިލްމީތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.