ބްރެޑްޕިޓް އާއި އެންޖެލީނާ ޖޯލީއަކީ އެ ދެ މީހުން އެކުގައި އުޅުނު އިރު މުޅި ހޮލީވުޑްގެ އެންމެ މަގްބޫލް އެއް ޖޯޑެވެ. ބްރޭންޖެލީނާގެ ނަމުން މަޝްހޫރު މި ޖޯޑަކީ މީޑިއާ އިން އެންމެ ނުފޫޒު ގަދަ އެއް ޖޯޑުގެ ގޮތުގައި ސިފަ ކުރަމުން އައި ޖޯޑެކެވެ. އެހެންކަމުން ކައިވެނި ކުރިތާ މަދު އަހަރުތަކެއް ތެރޭގައި ވަރިވާން ކޯޓަށް ހުށަހެޅުން އެއީ އެ ދެ ތަރިންނަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. އެ ދެ ތަރިންގެ ވަރިއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި އެންޖެލީނާ ބުނީ އެއީ އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އަދި އެ ހަގީގަތް ގަބޫލުކުރަން ބޭނުން ނުވެގެން އެތައް ދުވަހަކު އުޅުނު ކަމަށާއި ވަކިވާން ނިންމީ އެ ނޫން ގޮތެއް ނެތުމުން ކަމަށާ އެ ކައިވެނިން އިތުރަށް ހާސިލް ކުރާނެ ކަމެއް ނެތް ކަން ގަބޫލުކުރެވުމުން ކަމަށް އޭނާ ބުންޏެވެ. އެ ނިންމުމަށް ފަހު ވެސް ބެޑް އާއި ދުރަށް ދިއުން ވަރަށް އުނދަގޫކަމަށް އެންޖެލީނާ ބުންޏެވެ. ބްރެޑް އާއި ނުލާ ދިރިއުޅުމަށް ހޭނުން އެއީ އޭނާ އަށް ފަސޭހަ ކަމެއް ނޫން ކަމަށް އެންޖެލީނާ ބުނެއެވެ.

މި ދެ ތަރިން އެކުގައި އުޅުނު އިރު އުޅުނީ ވަރަށް ލޯބިންނެވެ. ނަމަވެސް ވަކިވުމަށް ފަހު އެ ދެ މީހުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ގިނަވެ ހޫނު ޒުވާބުތައް ދާ ކަމީ މީޑިއާއަށް ވެސް ސިއްރުކަމެއް ނޫނެވެ. އަދި ދަރިންނާ ގުޅުން ހުރި ކަންކަމުގައި އެއްބަސްވުމަކަށް ނުދެވި އެ ދެމީހުން ދަނީ އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އެކަކު އަނެކެއްގެ އަހުލާގާއި އެކަކު އަނެކަކުގެ ޒިންމާދާރުކަމާއި މެދު އެ ތަރިން ދަނީ ސުވާލު އުފައްދަމުންނެވެ.

އެ ދެ މީހުން އެކުގައި މަޝްވަރާކޮށްގެން ވަރިވާން ނިންމީ ދެ މީހުން އެކުގައި ކަމަށްވީ ނަމަވެސް ބްރެޑް އެހެން މީހަކާ ރައްޓެހިވެ އުޅޭ ގޮތުން އެންޖެލީނާ ހިތްހަމަ ނުޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ހޮލީވުޑްގެ ވާހަކަތައް ގެނެސްދޭ ނޫސްތަކުން ވަނީ ކުދިންގެ ކަންކަމުގައި އެއްބަސްވުމަކަށް ނާންނަނީސް ވަރީގެ ކަންކަން ނިންމަން އުނދަގޫ ކަމަށް ބުނެފައެވެ.

އެންޖެލީނާގެ ގާތް މީހުން ވަނީ ބްރެޑް އަށް އެހާ ފަސޭހައިން އެހެން މީހަކު ފެނި، އެ މީހަކާއި އެކު އުޅޭތަން ފެނުމުން އެންޖެލީނާ އަށް ވަރަށް އުނދަގޫވާ ކަމަށެވެ. ބްރެޑް އާއި އެންޖެލީނާގެ ހަ ކުދިން ތިބެއެވެ. ބްރެޑް އާއި އެންޖެލީނާ 2012 ވަނަ އަހަރު އެންގޭޖުވީ އެކުގައި އުޅޭތާ އަހަރުވުމަށް ފަހުގައެވެ. އެ ދެ މީހުން ކައިވެނި ކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް 23 ގައެވެ. ވަރިވާން އެދި ކޯޓަށްް ހުށަހެޅީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.