ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އެންޖެލީނާ ޖޯލީ ރެފިއުޖީންނަށް ޚާއްސަ ފެޝަން ލައިނެއް ތަޢާރަފްކޮށްފިއެވެ.

އެންޖެލީނާ މި ޚަބަރު ހިއްސާކޮށްފައިވަނީ ނިމިދިޔަ ދުވަހުގެ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ސަސްޓެއިނަބިލިޓީއަށް ޚާއްސަ މި ފެޝަން ބްރޭންޑްގެ ނަމަކަށް ދެވިފައިވަނީ އެޓެލިއަރ ޖޯލީއެވެ.

"އެޓެލިއާ ޖޯލީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި އަދި ތަފާތު ތަޖުރިބާކާރު ޓެއިލަރުންނާއި ޕެޓަން މެކެރުންނާއި އުފެއްދުންތެރި އާޓިޒަނުން ގުޅިގެން މަސައްކަތްކުރާނެ ތަނަކަށް ވެގެންދާނެ.". މި ފެޝަން ލައިނާއި ބެހޭގޮތުން އެންޖެލީނާ ބުނެފައިވެއެވެ.

މީގެ ކުރީގައި އދ. ގައި ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ އެންޖެލީނާ ބުނެފައިވާ ގޮތުގައި މި ފެޝަން ލައިނުގައި ރެފިއުޖީން ފަދަ ފަރާތްތަކަށްވެސް މަސައްކަތް ކުރެވިދާނެއެވެ. ރެފިއުޖީން ނޫނަސް އެހެނިހެން މައިނޯރިޓީ ގްރޫޕްތަކަށްވެސް ހުނަރު ހުރިނަމަ މި ފެޝަން ލައިނުގައި މަސައްކަތްކޮށްގެން އެމީހުންނަކީވެސް ހުނަރުވެރި ބައެއް ކަން ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެންޖެލީނާ ބުންޏެވެ.

އޭނާއަށްޓަކައި ހެދުން ފަރުމާކުރި އެންމެނަށް އެންޖެލީނާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެޓެލިއަރގައި ބޭނުން ކުރެވޭނީ މުޅިންވެސް ހައި ކޮލިޓީ ވިންޓޭޖް ފޮއްޗާއި ހެދުން ފަހާ އިރުގައި ބާކީވާ ޑެޑް ސްޓޮކް މެޓީރިއަލް ނުވަތަ ބޭކާރުވާ ބައިވެސް ބޭނުން ކުރާނެ ކަމަށް އެންޖެލީނާ ބުންޏެވެ.

އެޓެލިއަރގެ މައިގަނޑު މަގްސަދުގެ ތެރޭގައި ހެދުން ފަރުމާކުރުމުގައި ބޭނުން ކުރާ އެއްވެސް ސާމާނެއް ބޭކާރު ނުކުރުން ހިމެނެއެވެ.