އަކްޝޭ ކުމާރުގެ ފިލުމު ''ސޫރިއަވަންސީ'' ބަލާހިތްވާ މީހުންނަށް އުފާވެރި ޚަބަރު ލިބިގެން ދިޔައީ މަހަރާޝްތުރާގެ ޗީފް މިނިސްޓަރު އުދައްވް ބަލަސެހަބް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ދިނުމާ ގުޅިގެންނެވެ.

ފިލުމުގެ މަސައްކަތް ނިމި، ފިލުމު އެޅުވުމަށް ތައްޔާރު ވެފައި ވަނިކޮށް ކޮވިޑް-19 ގެ ސަބަބުން ފިލުމު ރިލީޒް ކުރުން ފަސް ކުރިއެވެ. އަދި ފިލުމު އުފެއްދި ފަރާތުން ވަނީ އޯޓީޓީ ޕްލެޓް ފޯމުގައި ފިލުުމު ނުދައްކާނެ ކަމަށާއި، ތިއޭޓަރުތައް ހުޅުވުމުން ތިއޭޓަރުތަކުގައި ދެއްކުމަށް ނިންމައިފައެވެ.

މީގެކުރިން މި ފިލުމު އެޅުވުމަށް ދެ ތާރީޚެއް ކަނޑައެޅި ނަމަވެސް އެ ތާރީހަށް ފިލްމު ނޭޅުވުނެވެ. ނަމަވެސް ''ސޫރިއަވަންސީ'' ބެލުމަށް ކެތްމަދުވެފައި ތިބި މީހުންގެ އިންތިޒާރުގެ ނިމުން ގެނައީ ރޯހިތު ޝެޓީގެ އިންސްޓަގުރާމު ޕޯސްޓުންނެވެ.

މަހަރާޝްތުރާގެ ޗީފު މިނިސްޓަރަށް ޝުކުރު އަދާކޮށް ރޯހިތު ޝެޓީގެ އިންސްޓަގުރާމު ޕޯސްޓުގައި ބުނެފައިވަނީ އޮކްޓޫބަރު 22 ވަނަ ދުވަހު ފުލުހުންނަށް ހާއްސަ ކުރެވިފައިވާ މި ފިލުމު ތިއޭޓަރުތަކަށް އަންނަ ކަމަށެވެ.

ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ މި ފިލުމުން ފެނިގެންދާނީ އަކްޝޭ ކުމާރާއި ކެތުރީނާ ކެއިފުއެވެ. މީގެއިތުރުން ޖާވިދު ޖެފްރީ، ގުލްޝަން ގްރޯވާ، ކުމުދު މުޝްރާ، އަބީމަނިޔު ސިންގް، ވިވާން ބަޓޭނާ، ސިކަންދަރު ކޭރު ވެސް ފެނިގެންދާނެއެވެ.

މި ފިލުމުން ހާއްސަ ފެނިލުމަކުން ބާޖިރާއޯ ސިންގަމް ގެ ގޮތުގައި އަޖޭ ދޭވްގަން އަދި ސަންގްރަމް ބަލޭރާއޯ ނުވަތަ ސިމްބާގެ ގޮތުގައި ރަންވީރު ސިންގް ފެނިގެން ދާނެއެވެ.

ފިލުމު ޕްރޮޑިއުސް ކޮށްފައިވަނީ ރޯހިތު ޝެޓީ އެންޑް ޓީމްސްގެ ފަރާތުންނާއި، ދަރުމާ ޕްރޮޑަކްޝަންގެ ފަރާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު