ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔާން ޚާންގެ ބަންދަށް ހަތަރު ދުވަސް އިތުރުކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އާރްޔަން ޚާން ހައްޔަރު ކުރުމަށްފަހު އެމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ބަންދުގެ މުއްދަތު އިތުރުކޮށް، މިއަދު އޮތް އަޑު އެހުމުގައި އެ މުއްދަތު އަނެއްކާ ވެސް 4 ދުވަހަށް އިތުރު ކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ދެން އޮންނާނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މުމްބާއީ ކުރޫޒަކުން އެންސީބީއިން ހިންގި އޮޕަރޭޝަނެއްގައި އާރްޔާން ޚާންގެ އިތުރުން ވެސް އެތައް ބަޔަކު ހައްޔަރު ކޮށްފައިވެއެވެ. އާރްޔާން ޚާންގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވި ނަމަވެސް މައެއްސަލަ އިތުރަށް ތަހުގީގު ކުރުމަށާއި އެކަމުގެ މުލުގައި ތިބި ބަޔަކު ހޯދުމަށް ވެސް ބަންދުގައި އޭނާ ބަހައްޓަން ޖެހޭނެ ކަމަށް އެންސީބީއިން ވަނީ ބުނެފައެވެ.

މި މައްލަސައާއި ގުޅިގެން 17 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެންމެ ފަހުން ހައްޔަރު ކުރެވިފައިވަނީ އަޗިތު ކުމާރުއެވެ. އަޗިތު ހައްޔަރު ކޮށްފައިވަނީ އާރްޔަން ޚާން ދިން ބަޔާނުގެ ސަބަބުންނެވެ.

މިއަދު ކޯޓުގައި އޮތް އަޑުއެހުމަށް އާރްޔަން ޚާންގެ ބައްޕަ އެކްޓަރ ޝާހުރުކް ޚާން ވެސް ކޯޓަށް ހާޒިރު ވެފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އާރްޔާން ޚާން ހައްޔަރު ކުރުމުން، ބޮލީވުޑުގެ އެތައް ފަންނާނުންނެއް ދަނީ ޝާހުރުކް ޚާނާއި، ގައުރީ ޚާން އަދި އާރްޔަން ޚާންއަށް ތާއިދު ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން ބަތަލާ ކަންގަނާ ރަނައުތު ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ މާފިއާގެ ހުރިހާ ބޮޑު ބޮޑެތިން އާރްޔަންގެ ދިފާޢުގައި ނިކުންނަ ކަމަށެވެ. މިކަމުގެ ސަބަބުން އާރްޔަންއަށް ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމަށާއި އޭނާގެ އުޅުން ރަނގަޅު ކުރަން ލިބުނު ފުރުސަތެއް ކަމަށް ވެސް ކަންގަނާ ބުނެފައިވެއެވެ.