ނައިޖީރިއާގެ ކެޕްޓަން ޖޯން މިކޭލް އޮބި އޭނާގެ ބައްޕަ ރަހީނުކުރެވިފައިވަނިކޮށް ސަލާމަތްކޮށްދިން ފުލުހުންނަށްޝުކުރު އަދާކޮށްފިއެވެ.

އެގޮތުން މިކޭލް އޭނާގެ ޓްވިޓަރ އެކައުންޓުގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަލާމަތާއި ރައްކާތެރިކަންމަތީ ބައްޕަ އެބުރި ގެނެސްދިން ފުލުސް މީހުންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރާކަމަށެވެ.

އަދި އޭނާގެ ބައްޕަ މިހާރު އާއިލާއާއި އެކުގައި ހަމަޖެހިގެން ދިރިއުޅޭކަން ފާހަގަކުރަމުން މިކޭލް ވަނީ ބައްޕަ ރަހީނު ކުރުމުން އޭނާއަށް ހިތްވަރުދިން އެންމެންނަށް ޝުކުރުއަދާކޮށްފައެވެ.

ވޯލްޑްކަޕްގެ ގަދަ 16 ގައި އާޖެންޓީނާއާއި ދެކޮޅަށް ނުކުތް އިރުވެސް މިކޭލްގެ ބައްޕަ ރަހީނު ކޮށްފައިވާއިރު ރަހީނު ކުރި ފަރާތްތަކުން ޑިމާންޑް ކުރަމުން ދިޔައީ 10 މިލިއަން ޔޫރޯ ދިނުމަށް ކަމަށް ފުލުހުންނާއި ހަވާލާދީ މިކޭލް ބުނެފައިވެއެވެ.

އަދި ބައްޕަ ރަހީނު ކުރެވިފައިވަނިކޮށް އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނީ އެމެޗަކީ އެތަށް މިލިއަން ބައެއްގެ އުންމީދުތަކާއި އެ މެޗު ގުޅިފައިވާތީކަމުގައި ނައިޖީރިއާގެ ކެޕްޓަން ޖޯން އޮބި މިކޭލް ބުނެފިއެވެ.

ބައްޕަގެ ފުރާނައަށް ވުރެއް ގައުމުގެ މަސްލަހަތު އިސްކުރި މިކޭލް ބުނެފައިވާ ގޮތުގައި ބައްޕަ ރަހީނުކުރިކަން ކުރިން އެއްވެސް މީހެއް ގާތުގައި ނުބުނީ، މީހެއް ގާތު އެވާހަކަ ބުނެފި ނަމަ ބައްޕަގެ ގަޔަށް ބަޑި ޖަހާ މަރާލާނެ ކަމުގެ އިންޒާރު ދީފައިވުމުން ކަމަށެވެ.

އަދި އާޖެންޓީނާއާއި ދެކޮޅަށް ނުކުތް އިރު މިކޭލްއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ޑަކްޓަރީ ރިޕޯޓްތަކުން ހާމަވެއެވެ.

އުމުރުން 31 އަހަރުގެ މިކޭލް އަކީ މީގެ ކުރިން ޗެލްސީގެ މެދުތެރެ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެވެ.