މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެކުނު ކޮރެއާގެ އެކްޓަރު ކިމް ސިއޯން ހޯގެ މައްޗަށް ކުރެވުނު ތުހުމަތު ތެދުކޮށް އެކަމަށް މާފަށް އެދި އޭނާ ބަޔާނެއް ނެރެފިއެވެ.

ސިއޯން ހޯގެ ޑުރާމާ ''ހޯމްޓައުން ޗަޗަޗަ'' ކާމިޔާބު ކަމާއި އެކު ނިންމާލާ، ފަހު އެޕިސޯޑު ރިލީޒް ކުރި ދުވަހު އަންހެނަކު ވަނީ ''އެކްޓަރ ކޭ'' ގެ ދަރިއަކަށް ބަލިވެއިން ކަމަށާއި އަދި ދަރިވައްޓާލުމަށް މަޖުބޫރު ކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައެވެ.

ސިއޯން ހޯގެ އެޖެންސީއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކަންތައް ހިނގާދިޔަ ގޮތް ބެލުމަށް ފަހު ބަޔާނެއް ނެރޭނެ ކަމަށެވެ.

ފަހުން ސިއޯން ހޯ ވަނީ އެކަމަށް އެއްބަސްވެ މާފަށް އެދި ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ އަންހެން ކުއްޖާއާއެކު ސީރިއަސް ގުޅުމެއް އޮތް ކަމާއި އެ އަންހެން ކުއްޖާ ދެރަކުރެވުނު ކަމާއި އެ އަންހެން ކުއްޖާ ގާތަށް ގޮސް މައާފަށް އެދެން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

ސިއޯން ހޯގެ މި ބަޔާނާއި އެކު އޭނާއަށް ލިބިފައިވާ ޕްރޮޖެކްޓްތައް ގެއްލި، ސިއޯން ހޯ ކުރިއަށް ގެންދާ ޝޯ ''2 ޑޭސް 1 ނައިޓް'' އިން ވެސް ވަކިވެފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ނަމަވެސް ސިއޯން ހޯގެ ސަޕޯޓަރުން އަދި ވެސް ތިބީ އޭނާއާ އެކުގައިކަން ދަނީ ހާމަ ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު