ކާރޫބާރޫ ބޮޑު އަދި ދުމުގެ ސަބަބުން ވައި ނުސާފުވެފައިވާ ތަނެއްގައި އުޅެން އެކަކު ވެސް ބޭނުން ނުވާނެއެވެ. ހަމަހިމޭންކަމާއި ސާފުކަމާއި ފެހިކަން ގަދަ ތަނެއްގައި އުޅުމަށް އެންމެންވެސް ބޭނުންވާއިރު މިފަދަ އެތައް ތަނެއް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެބަހުއްޓެވެ.

މި ބަލާލަނީ ކާރުތައް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ސާފު ވައި ލިބޭ ހަމަހިމޭން ބައެއް ތަންތަނަށެވެ.

ނެދަލެންޑުގެ ގީޓްހޯން

ޑަޗް މީހުން އުޅޭ މި ސަރަހައްދުގައި މީހުން އެއްތަނުން އަނެއް ތަނަށް ގޮސް އުޅޭނީ ބޯޓުތަކުންނާއި ބައިސްކަލު ތަކުންނެވެ. އެތައް ގަރުނެއް ވަންދެން މި ސަރަހައްދުގެ ރީތިކަމާއި ހިތްގައިމު ކަމުގެ ވާހަކަތައް ދެކެވޭއިރު މިތަނަށް ދާހިތްނުވާނެ އެކަކުވެސް ހުންނާނެ ހެނެއް ހިއެއް ނުވެއެވެ.

ކުޑަ ރަށްތަކެއްގައި ގެ އާއި އެކި ހިދުމަތްތައްދޭ ތަންތަން މި ސަރަހައްދުގައި ހުންނައިރު މި ސަރަހައްދުގައި އެކަނިވެސް ވަކަރުން ހަދާފައި ހުންނަ 170 އެއްހާ ބުރިޖު ހުރެއެވެ. ޕުންޓާސް ނަމަކަށް ކިޔާ ކުޑަ ބޯޓުތަކަކުން ހާއްސަ ދަނޑިއެއްގެ އެހީގައި ދަތުރު ކުރެވެއެވެ.

މި ސަރަހައްދަށް ކާރުތައް ވަނުމަކީ މަނާކަމެކެވެ. މިތަނުގައި ހުންނަ ދާރުލްއާސާރެއްގައި މީގެ 100 އަހަރު ކުރިން އުޅުނު އެކި މީހުންގެ ހަނދާންތައްވެސް ފެންނަން ހުރެއެވެ.

އިޓަލީގެ ޝަމްވާ

އިޓަލީގެ ހުޅަނގުއުތުރުގައި އޮންނަ މި ސަރަހައްދަކީ ބިމަށްވުރެ 5،954 ފޫޓު މަތީގައިވާ ފަރުބަދަ ސަރަހައްދެކެވެ. މިހިސާބުގައި މީހުން އާބާދުވެގެން ދިރިއުޅޭތާ އެތައް އަހަރުވެފައިވާއިރު ދަތުރުފަތުރު ކުރުމަށް އެއްވެސް ގޮތަކަށް މި ސަރަހައްދަށް ކާރު ގެނައުމަކީ މަނާކަމެކެވެ. މި ސަރަހައްދުގައި އުޅޭ ފަރާތްތަކުން އެއްވެސް ގޮތަކަށް މި ސަރަހައްދުގެ ހަމަހިމޭންކަން ނަގާލުމަށް ކާރުފަދަ ތަކެތި މި ސަރަހައްދުގައި ދުއްވަން ފުރުސަތުދޭން ބޭނުން ނުވެއެވެ.

ސުވިޒްލޭންޑުގެ ޒާމެޓް

މި ސަރަހައްދުގައި އުޅޭ މީހުންނަކީ ވަރަށް ލަގްޒަރީ ދިރިއުޅުމެއްގައި އުޅޭ މީހުންނެވެ. ފިނި މޫސުމާއި ހޫނު މޫސުމުގައިވެސް މި ސަރަހައްދަށް އެތައް ފަތުރުވެރިން ޒިޔާރަތް ކުރާއިރު އަހަރެއްގެ މައްޗަށް މި ސަރަހައްދަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް ދެ މިލިއަނަށް އަރައިފައެވެ.

ސަރަހައްދުގެ ރީތިކަން ދެމެއްހެއްޓުމަށާއި ރައްކާތެރި ހިސާބަކަށް މިތަން ހެދުމަށް މި ސަރަހައްދަށް ކާރު ވެއްދުމަކީ މަނާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު