ބައެއް މީހުންނަށް ޖަލަށް ދިއުން ވެފައިވަނީ މިނިވަން ކަމަށެވެ. އެއީ އާއްމު މުޖުތަމައު ތެރޭގައި ލިބެމުންދާ ފުރައްސާރަ އެތަނުން ނުލިބޭތީއާއި އާއިލާތަކުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ބޯ ނުގޮވާނެތީއެވެ. މިއީ ވެސް އެފަދަ ގޮތަކަށް ގޭބަންދުގައި ހުރި މީހަކަށް އޭނާގެ އަނބިމީހާގެ ސަބަބުން އުޅެން އުނދަގޫވެގެން ޖަލަށް ބަދަލުކޮށްދޭން އެދުނު މީހެއްގެ ވާހަކައެވެ.

ނަން ހާމަނުކޮށް އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން 30 އަހަރުގެ އެފިރިހެން މީހާ ގޭ ބަންދުގައި ފުލުހުން ބަހައްޓާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

ރޯމްގެ ގުޑޯނިއާ މޮންޓެސީލިއޯގައި ދިރިއުޅެމުން އަންނަ އެ ފިރިހެން މީހާ ގޭ ބަންދުގައި ހުރެ ފުލުހުންގެ އިދާރާއަށް ހާޒިރުވެ ބުނެފައިވަނީ އޭނާ ޖަލު ބަންދަށް ދާން ބޭނުން ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އޭނާ ބުނެފައިވަނީ ގޭގައި ދިމާވާ ކަންކަން "ހަޖަމް" ނުކުރެވޭ ކަމަށެވެ.

"އޭނާ ދިރިއުޅެމުން އައީ އާއިލާއާއި އެކީ ގޭގައި. މައްސަލަ ޖެހުނުއިރު ހުރީ ހުކުމެއް ތަންފީޒު ކުރަން. އޭނާ ބުނީ، ގޭގައި ކަންކަން ހިނގަނީ ރަނގަޅަށް ނޫން ކަމަށް" އޭނާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އެގޮތަށް ޖަލަށް ބަދަލު ކުރުމަށް ތަކުރާރުކޮށް ފުލުހުންނަށް އޭނާ އެންގުމުން ވެސް ޖަލަށް ބަދަލުކޮށްފައި ނުވާތީ އޭނާ ވަނީ ގޭ ބަންދުގައި ހުރެގެން ފުލުހުންގެ އިދާރާއަށް ތަކުރާރުކޮށް ގޮސްފައެވެ. އެކަމާއި ގުޅިގެން އެގައުމުގެ ކޯޓަކުން ވަނީ އޭނާ ގޭ ބަންދުގެ އުސޫލުތަކާއި ހިލާފުވި މައްސަލައިގައި ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ބަދަލު ކޮށްފައެވެ.