އިންޑިޔާގެ ކުޅަދާނަ ފިލްމީތަރި ޝާހް ރުކްހާންގެ ދަރިފުޅު އަރްޔާން ހާން ޖަލުން މިނިވަންވެ ގެއަށް އަންނާތީ މަރުހަބާކިޔުމަށް ފޭނުން ގޭދޮށަށް އެއްވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އަރްޔާން ހާން ޖަލުގައި 28 ދުވަސް ވަންދެން އޮތުމަށްފަހު މިއަދު ގެއަށް ދޫކޮށްފައިވާއިރު އިންޑިޔާގެ ބަންދްރާ ގައި ހުންނަ ޝާހުގެ ގެ މަންނަތް އަށް އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ.

އެއްވެފައިވާ މީހުން ޝާހުގެ އާއިލާ ދިރިއުޅޭ ގެ ކައިރިޔަށް ގޮސްފައިވަނީ މަރުހަބާ ކިޔުމަށް ޕޯސްޓުތަކާއި ބެނާތައްވެސް ހިފައިގެންނެވެ. އަރްޔާން ޖަލުގައި ހޭދަކުރި މުއްދަތުގައި ކުރި ހިތްވަރަށް ފޭނުން ތައުރީފު ކުރިއިރު އެ އާއިލާވެސް އެ މުއްދަތުގައި ކުރި ހިތްވަރަށް ވަނީ ތައުރީފު ކޮށްފައެވެ.

ގެ ކައިރިޔަށް އެތައް ހާސް ބަޔަކު އެއްވެފައި ވުމުގެ ސަބަބުން އަރްޔާން ކާރުން ގެއަށް ވަނުމަށްވެސް އުނދަގޫވިއެވެ. އެތައް އިރެއްވަންދެން ގެއަށް ނުވަދެވި އަރްޔާން ބޭރުގައި ހުންނަން ޖެހުނެވެ. އެވަގުތު ފޭނުން ދިޔައީ އަރްޔާންގެ ފޮޓޯތައް ކާރުތެރޭގައި ހުއްޓާ ނަގަމުންނެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ(އެންސީބީ) އިން އަރްޔާން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު ދެވަނަ ދުވަހުގައި އެވެ. ކްރޫޒް ބޯޓެއްގައި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި އެތައް ބަޔަކު ހައްޔަރުކޮށް އެ މައްސަލައާއި އަރްޔާންއާއިވެސް ގުޅުން އޮތްކަމަށް އެންސީބީން ވަނީ ތުހުމަތުކޮށްފައެވެ.

ހައްޔަރުކޮށް ތަހުގީގު ކުރުމާއި އެކު އަރްޔާން ވަނީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ވިއްކާކަމަށްވެސް އެއްބަސްވެފަ އެވެ. އަދި ދުވަހަކުވެސް މަސްތުވާތަކެތި ބޭނުން ނުކުރާނެ ކަމަށް އޭނާ ފަހުން އެއްބަސްވި އެވެ.