ޓެސްލާ ކުންފުނީގައި އޮތް އެކުންފުނީގެ ވެރިޔާ އީލޮން މަސްކްގެ ހިއްސާގެ ތެރެއިން 10 ޕަސެންޓް ހިއްސާ ވިއްކާލަން ޓްވިޓާގެ ވޯޓަކުން ދެއްކުމާއި ގުޅިގެން އޭނާ ފަސް ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފި އެވެ.

ޓެސްލާ އަކީ އީލޮންގެ އިލެކްޓްރިކް ކާރު އުފައްދާ ކުންފުންޏެއް. އެކުންފުނާގައި އޮތް އަމިއްލަ 23 ޕަސަންޓް ހިއްސާގެ ތެރެއިން 10 ޕަސެންޓް ހިއްސާ ވިއްކާލުމާ މެދު އާންމުންގެ ހިޔާލަކަށް މި ހަފުތާފައި ހުޅުވާލި ޓްވިޓާ ވޯޓްގައި 57.9 ޕަސެންޓް މީހުން ވޯޓް ދިނީ ހިއްސާ ވިއްކައިލުމަށް ފެންނަ ކަމަށެވެ. އެކަމާ ދެކޮޅަށް ވޯޓްދިނީ 42.1 ޕަސެންޓް މީހުންނެވެ.

ހިއްސާ ވިއްކާލުމަށް ގިނަ ބަޔަކު ތާއީދު ކުރުމާ އެކު، ޓެސްލާގެ ހިއްސާގެ ވިޔަފާރި އަށް 16 ޕަސެންޓްގެ ދަށްވުމެއް އައިސް، އީލޮންގެ އަމިއްލަ މިލްކިއްޔާތަށް ދަށްވުމެއް އައިސްފައިވެ އެވެ. މި ވަގުތު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ މިލްކިއްޔާތު 300 ބިލިއަނުން ޑޮލަރުން މަތީގައި އުޅެނިކޮށް މިހާރު ވަނީ 271 ބިލިއަނަށް ތިރިވެފަ އެވެ.

ޓެސްލާގެ އަމިއްލަ ހިއްސާގެ ތެރެއިން އީލޮން ފުރަތަމަ ވިއްކީ 3.6 މިލިއަން ހިއްސާ އެވެ. އެއީ ހަތަރު ބިލިއަން ޑޮލަރުގެ ހިއްސާގެ އެވެ. އޭގެ ފަހުން 1.1 ބިލިއަނަށް އިތުރު 2.2 މިލިއަން ހިއްސާ ވިއްކައިލި އެވެ.

ޓެސްލާގެ އަމިއްލަ ހިއްސާތަކެއް މަސްކް ވިއްކައިލީ އދ. ގެ ފުޑް ޕްރޮގްރާމްގެ އެޒެކެޓިވް ޑިރެކްޓަރު ޑޭވިޑް ބީޒް، އީލޮން އަށް ރައްދުވާ ގޮތަށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަހުން އެހީވެއްޖެ ނަމަ ހަ ބިލިއަން ޑޮލަރުން ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތާލަން އެހީއަކަށް ވެދާނެ ކަމަށެވެ.

ޓެސްލާގެ އިތުރުން މަސްކްގެ އެތައް ކުންފުންޏެއް އޮވެއެވެ. އޭގެތެރެއން އެންމެ މަޝްހޫރު ކުންފުންޏަކީ ސްޕޭސް އެކްސް އެވެ.