ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔާން ޚާންގެ ހަށިފާރަވެރިއަކަށް ޝާހު އެމީހަކަށް އެންމެ އިތުބާރު ކުރާ ޝާހުގެ އަމިއްލަ ހަށިފާރަވެރިޔާ ހަމަޖައްސައިފިއެވެ.

މަސްތުވާ ތަކެތީގެ މައްސަލައިގައި ޖަލުގައި ގާތްގަނޑަކަށް މަސް ދުވަސް ހޭދަކޮށްފައިވާ އާރްޔަން ޚާންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަމަޖައްސާފައިވަނީ ޝާހުގެ އަމިއްލަ ހަށިފާރަވެރިޔާ ރަވީ ސިންގްއެވެ.

ދެ އަހަރަށް ފަހު ފިލުމު ކުޅުމާއި ދުރުގައި ހުރުމަށް ފަހު ޝާހު ފިލުމީ މަސައްކަތަށް އެނބުރި އައުމަށް ތައްޔާރުވަމުންދާ ފިލުމު ''ޕަތަން'' ގެ ޝޫޓިން މެދުކަނޑާލާފައި ވަނީ އާރްޔަން ޚާން ޖަލަށް ލުމާއި ގުޅިގެންނެވެ.

އާރްޔަން ގެއަށް ފޮނުވާލާ، އާރްޔާންގެ ހާލަތު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުން ޝާހުގެ ފިލުމުގެ ޝޫޓިންގެ މަސައްކަތްތައް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ނަމަވެސް ފިލުމުގެ މަސައްކަތަށް ދިޔުމުގެ ކުރިން އާރްޔަންގެ ރައްކާތެރިކަމަށް ޝާހު ވަނީ ހާއްސަ ސަމާލުކަމެއް ދީފައެވެ. އެގޮތުން ޝާހު އެންމެ އިތުބާރު ކުރާ ރަވީ އާއި އާރްޔަން ބެލެހެއްޓުން ހަވާލު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާރްޔާން ޖަލުގައި ހުރި ދުވަސްވަރު، ޝާހުއާއި އޭނާގެ އާއިލާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން މީހުންގެ ތެރޭގައި ވެސް ރަވީ ހިމެނެެއެވެ.

އާރްޔަންގެ މަސްތުވާ ތަކެތީގެ މައްސަލައާއި ގުޅިގެން ޝާހުގެ ފިލުމުގެ ޝޫޓިން ހުއްޓުމުގެ އިތުރުން އެތައް އިޝްތިހާރުތަކެއް ވެސް ވަނީ އޭނާއަށް ގެއްލިފައެވެ.

ދެ އަހަރަށް ފަހު ޝާހު ކުޅޭ ފުރަތަމަ ފިލުމުގެ ކުރިން ޝާހުއަށް ކުރިމަތިވި މި ހާދިސާގެ ސަބަބުން ފިލުމަށް އެއްވެސް އަސަރެއް ކުރާނެތޯ ނުވަތަ ނޫންތޯއަކީ މީސް މީޑިޔާގައި ގިނަ ބަޔަކު ބަހުސް ކުރަމުންދާ ކަމެކެވެ.