"ކިއްލާ"ގެ ހަތް ވަނަ ރަސްމީ "ގިގު" މިރޭ ކްލަބްހައުސްގައި ބާއްވަން ނިންމައިފިއެވެ.

"ކިއްލާ" އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ފެށި ގިގު ނައިޓްގެ ހަތް ވަނަ ޝޯ އޮންނާނީ މިރޭ 22:30 އިން 00:00 ހަމައަށް ކަމަށް ކިއްލާގެ ހިންގާ ކޮމިޓީން ވަނީ ބުނެފައެވެ.

ކުރީގެ ޝޯތަކެކޭ އެއްފަދައިން މިރޭގެ ޝޯގައި ވެސް 2 ފަންނާނަކު ބައިވެރިވާނެއެވެ. އެގޮތުން މި ޝޯވ ލައިވްކޮށް ހުށަހަޅައިދޭ ދެ ފަންނާނުންނަކީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 އިން ފެނިގެން ދިޔަ ލަވަކިޔުންތެރިޔާ ހުސެއިން ސަމާހު (ބަޖިއްކޮ) އަދި މަޝްހޫރު މިއުޒިޝަން މުހައްމަދު މާޖިދު ނުވަތަ މެޒޯ މުހައްމަދުގެ ދަރިފުޅު މަހުރާން މުހައްމަދު މާޖިދު އެވެ.

ކިއްލާގެ ކޮންމެ ލައިވް ޝޯވ އަކީ ވެސް ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ ޝޯތަކެކެވެ. މިރޭގެ ޝޯވް ސޮޕްންސަރ ކޮށްފައިވަނީ ޑައިމަންޑުގެ ފަރާތުންކަމަށް ހިންގާ ކޮމިޓީން ވަނީ ބުނެފައެވެ. ޑައިމަންޑަކީ ކައިވެނީގެ ހަފްލާތަކަށް ބޭނުންވާ ހުރިހާ ސާމާނެއްގެ ވިޔަފާރި ކުރަމުން އަންނަ ފޭސްބުކް ޕޭޖެކެވެ. މީގެ އިތުރުންވެސް ހެޔޮއެދޭ އެކި ފަރާތްތަކުން މިރޭގެ ޝޯވ އަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.

ކިއްލާ ގިގު ނައިޓަކީ ލަވައާއި މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބަކުން ފެށި މަސައްކަތެކެވެ.

ކިއްލާގެ ހިންގާ ކޮމިޓީން ބުނީ، ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓުތަކަށް އަމާޒުކޮށްގެން “ކިއްލާ” އިން ކޮންމެ ބުދަ ދުވަހެއްގައި ހުށަހަޅައިދޭ ލައިވް ލޯންޖު ޝޯވްގެ ތިންވަނަ ޝޯވ ވެސް ކްލަބްހައުސްގައި އަންނަ ބުދަ ދުވަހުގެ ރޭ 21:00 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ..

ކިއްލާއިން ބުނާގޮތުގައި އެ ކްލަބްގެ އަމާޒަކީ އާޓިސްޓުން ގޭގައި ތިބެގެން ކަލްބް ހައުސްގައި ދޮޅު ގަޑިއެއްހާއިރު ޝޯވް ކުޅެގެން އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި އެ ކްލަބްގެ އަނެއް 2 އަމާޒު ކަމަށްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކުރިޔަށް ދެވޭނެ މަގު ކޮށައިދިނުމާއި ރާއްޖޭގެ މަސްރަހުގައި ހިނގާ މުހިންމު ކަންކަމާގުޅޭގޮތުން ހިޔާލު ބަދަލުކޮށް އާންމުން ހޭލުންތެރި ކުރުވުމުގައި އައު ހަރުފަތަކަށް ވާސިލްވުމެވެ.

ކިއްލާއިން މިހާރު ވަނީ ވިޔަފާރި އުސޫލުން އިވެންޓާއި ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ގަޑި ދޫކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު