ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރުމަށް ހަދާފައިވާ ޕްލެޓްފޯމެއް ކަމަށްވާ އެމެޒަން އިން ގައުމުތަކަށް މަސްތުވާތަކެތި ފޮނުވަދޭ ކަމަށް އިންޑިއާ ސިފައިން ތުހުމަތު ކޮށްފައެވެ.

އިންޑިއާ ސިފައިން މިފަދަ ތުހުމަތެއް ކޮށްފައިވަނީ އޮންލައިން ވިޔަފާރި ކުރާ މީހެއްގެ އެހީގައި އިންޑިއާއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައެވެ.

އިންޑިއާގެ މެދު މަދްޔާ ޕްރަދޭޝްގެ ސްޓޭޓްގެ ފުލުހުން ބުނެފައިވަނީ އެމައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހުން ހައްޔަރު ކުރިއިރު، އަތުން 20 ކިލޯގެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރިޖުއާނާ ފެނިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގުކޮށް ހޯދި ހޯދުންތަކުން އެމީހުން އެތަކެތި އެތެރެ ކުރުމަށް އެމެޒަންގެ އެހީތެރިކަން ބޭނުން ކޮށްފައިވާކަން ފާހަގަ ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އެމެޒަންގެ އެގްޒެކެޓިވް މެމްބަރުންނަށް ދައުވާ ކުރަން ފޮނުވާފައިވަނީ ފުލުހުން ކުރި ސުވާލުތަކަށް ދެގޮތަކަށް ޖަވާބުދީ ހަގީގަތް އޮޅުވާލަން އުޅުމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ދައުވާ ކުރަން ފޮނުވާފައިވަނީ ކިތަށް މެމްބަރުންނަށް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވަނީ މީގެ ކުރިއަށް ބަލާނަމަ، އެމެޒަން މެދުވެރިކޮށް 1،000 ކިލޯއަށްވުރެ ގިނަ މަރިޖުއާނާ ވިއްކާފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެތަކެތީގެ އަގު 148،000 އެމެރިކާ ޑޮލަރަށް އަރައެވެ.

މި ހާދިސާއާއި ގުޅިގެން އެމެޒަން އިން ބުނެފައިވަނީ އެފަރާތްތަކުން ކުރާ ވިޔަފާރީގައި ގައުމުތަކުން މަނާ ކޮށްފައިވާ އެއްވެސް އެއްޗެއް ގައުމުތަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި އެ ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އެފަރާތްތަކުން ވެސް ބަލަމުން އަންނަ ކަމަށެވެ.