"ދެކެފީމޭ ބީވި މަންޒަރު، އެހެނަސް ހަމަ ހިތްހެވޭ..

ތިޔަ ލޮތްބެއް ނުލިބުނޭ އަދު، އެހެނަސް ހަމަ ހިތްހެވޭ..

ލޯބީގައި އަދިވެސް ބޭނުމޭ.. އަބަދަށް ވެސް އަހަރެން ހިތްހެވޭ..

ދެގޮތެއް ނުވާނޭ ބުނެފާ، އެއީ ކީއްވެ ބާއޭ ވަކިވީ..

އެގޮތެއް ނިކަން ބުނާށޭ، އަހަރެން މުޅިން އެކަނިވީ....." ލިޔަމުން ދިޔަ ލަވަ މެދުކަނޑާލުމަށްފަހު އަހަރެންގެ ނަޒަރު ފޮތާ ވަކިކޮށްލަން ޖެހުނީ، ފޯނު ރިންގްވާން ފެށުމުންނެވެ. ސްކްރީނަށް އަރައިފައިވާ "ބެސްޓް ފްރެންޑް" ނަމުގެ ސަބަބުން ގުޅަނީ ޝަބާ ކަން ޔަޤީންވިއެވެ. "ޝާމް. އަވަހަށް އާދެބަ. އިއްބެ މެން ވިލިމާލެއަށް އަންނަން ފެރީގަޔޯ" އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ ޝަބާ އެވެ. "އޯކޭ.. ތައްޔާރު ވެލައިގެން ޒީޒީ އާ ދިމާއަށް އެބަ ދަން. އިނގޭ." އަހަރެންވެސް ޖަވާބުގައި އާއެކޭ ބުނީމެވެ. ނަމަވެސް އިއްބެގެ ވާހަކަ ބުނި ހިސާބުން އަހަރެންގެ އަތްފައި ފިނިވެ، ހިތްބިރުގަންނަން ފެށީ ވަކި ސުމާރެއް ބަލާފައެއް ނޫނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ މިރޭ މިއޮތީ ހުރިހާ ހަޤީޤަތެއް އަހަރެންނަށް އެނގޭނެ ރެއެވެ. އިފޫ އަހަރެންނާ ދުރުވީ ކީއްވެގެންކަން ބުނެދޭނެ ކަމަށް އިއްބެ ބުނީއްސުރެ އަހަރެން މިހުންނަނީ ކެތް މަދުވެފައެވެ.

އަހަރެންނާ އިފޫ ފުރަތަމަ ދިމާވީ ނޮވެމްބަރ އަށާވީސް ވަނަ ދުވަހުއެވެ. ދެމީހުންމެ ލޯބީގެ މައިދާނުގައި ނާކާމިޔާބުވެ، އޯގާތެރި އަތަކަށް އެދިއެދި ތިއްބާ، ދެމީހުން އެއްތަން ކުރުވީ ތަޤުދީރޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އެކަކު އަނެކަކަށް ހިތުގެ ހާލަތު އިއްވައިދީ، ކުލުނާއެކު ފިރުމާލުމަށް ހިތްވަރު ދިނީ ދެމީހުންގެ ހިތުގައިމެ ޖަހަމުން ދިޔަ ލޯބީގެ ވިންދެވެ. ގައިމުވެސް އަހަރެންގެ ހިތުގައި ޖަހަމުން ދިޔަ ކޮންމެ ވިންދެއް، އަބަދުވެސް އިފޫ އާއެކު ވުމަށް ވަސިއްޔަތްކުރި ފަދައެވެ. އަހަރެންގެ ދެލޯ އެ ސޫރަ ނޫން އިތުރު އެހެން ސޫރައެއް ދެކެން ބޭނުން ނުވާ ފަދައެވެ. އާނއެކެވެ. އަހަރެންގެ ނުކިޔަމަންތެރި ހިތް ވެސް އިފޫއަށްޓަކައި ހިތުގައި ޖާގައެއް ހަދައިދިނެވެ.

މަހެއްހާ ދުވަހު މެދުކެނޑުމެއްނެތި ވާހަކަދައްކަމުން ގޮސް، އަހަރެންގެ ހިތަށް މާޔޫސްކަން ގެނުވީ "ފުޓްބޯލް ޓޯރނަމެންޓް" ފެށިގެންނޭ ކިޔާފައި އިފޫގެ ހަބަރެއް ދަބަރެއް ނުވާން ފެށުމުންނެވެ. ފާއިތުވެ ދިޔަ މަހެއްހާ ދުވަހު ހިއްސާ ކުރެވުނު ލޯބީގެ ވަގުތުތަކުގެ ސަބަބުން އަހަރެންގެ މި ހިތް އިފޫއާ ވަކިން އެންމެ ވަގުތު ކޮޅަކުވެސް ހުރުމަކަށް އެއްބަހެއް ނުވިއެވެ. އެއަށްވުރެ އަހަރެން އޭރުވަނީ އިފޫއަށް މާ ބޮޑަށް ދޯޅުވެފައެވެ. އެހެންވެ، ކެތްތެރިކަމާއެކު، އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އިފޫގެ ފެށިގެން އުޅޭ ޓޯރނަމެންޓް ނިމި، އަހަރެންނަށް ކުރިއެކޭވެސް އެއްގޮތަށް ވަގުތު ހުސްކޮށްދޭނެ އިރަކަށެވެ.

ރޭދުވާ ތަކުރާރުވެ، ހަފްތާއެއް ނިމިގެން ދިޔައިރުވެސް އިފޫގެ ޚަބަރެއް ނުވެއެވެ. މެސެޖް ކޮށްކޮށް ވަރުބަލިވި އިރުވެސް ކުޑަމިނުން އެންމެ މެސެޖަކަށް ވެސް ޖަވާބު ނުދެއެވެ. އޭނަ ފޯނު އޭނަ ބޭބެ މެންވެސް ބޭނުންކުރާތީ، ގުޅިޔަސް ގިނަފަހަރު ފޯނު ނަގަނީ ވެސް އޭނަގެ ކޮންމެވެސް ބޭބެއެކެވެ.

ހިތްވަރު އެލި، މި ފެން ފުރެނީ ފޫނެތް ފަޔަކަށްކަން އިހްސާސް ކުރެވުނީ ހަފްތާއެއް ވީއިރުވެސް އިފޫ އަހަރެންގެ ހާލުވެސް ބަލާ ނުލީމައެވެ. ސިއްހީ ގޮތުން، ބަލިމަޑުކަމެއް ތަހަންމަލު ކުރަން ނުޖެހުނު ކަމުގައި ވިޔަސް، އެތެރެ ހަށީގެ ނާރުތައް ކެނޑި ބުރިވަމުން ދިޔަ ފަދައެވެ. ބައެއް ފަހަރު، އެހެން ފިރިހެނުން ހަދާހެން އިފޫވެސް ވަގުތީ އުފަލަކަށް އަހަރެން ތަޅުވަނީއޭ ވެސް ހިތަށް އަރައެވެ. އިތުރަށް އިފޫއަށް އިންތިޒާރު ކޮށްގެން އަހަރެންގެ އަގުހުރި ވަގުތުތައް ދުއްވާލުމަކީ ހަޔާތުން ބޭކާރުވާ ވަގުތުތަކެކޭ ވެސް ހިތަށް އެރި އަދަދެއް ވެސް ނޭނގެއެވެ. ނަމަވެސް ވެވެމުންދިޔަ ލޯތްބެއްގެ ސަބަބުން، ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ކެތްތެރިކަމާއެކު އިފޫއަށް އިންތިޒާރު ކުރަމުން ދިޔައީމެވެ.

އަހަރެންގެ މޫނުމައްޗަށް ހިނިތުންވުން ވެރިކުރުވީ ދެ ހަފްތާ ވާން ކައިރިވެފައި ވަނިކޮށް، އިފޫގެ ހަބަރެއް ވުމުންނެވެ. ޓޯރނަމެންޓްގެ ކަންކަމުގައި އަވަދިނެތި އުޅެންޖެހުމުން ވަގުތު ހުސްކޮށް ނުދެވުނު ކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދި އިފޫ ކުރި މެސެޖް ކިޔާފައި އަހަރެންގެ މޫނު މައްޗަށް ހިނިތުންވުން ވެރިވީ ބޭއިޚްތިޔާރުގައެވެ. މެސެޖް ކިޔާނިމުނު އިރު، އަހަރެންގެ ދަތްޕިލަ ވަނީ ރޮނޑަށް ދެވިފައެވެ. އެހާވެސް އަހަރެން ހުރީ އުފާވެފައެވެ. އިފޫ އަހަރެން ދޫކޮށްނުލީތީއެވެ.

ދުވަސްތައް އެސްފިޔަޖަހާލާހައި ހަލުއި ދުވެލީގައި ފާއިތުވަމުން ދިޔައެވެ. މި ފާއިތުވެ ދިޔަ ދުވަސްތަކުގައި މަދުމަދުން އިފޫއަށް އަހަރެންނަށް ވަގުތު ނުދެވުނަސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. ޖެހޭ ކުދިކުދި މައްސަލަތައް ވެސް މާ ބޮޑު ކަމަކަށް ނުހަދާ ހައްލުކުރެވޭތޯ ދެމީހުންވެސް ބަލަމެވެ. މިގޮތަށް އެކިއެކި ކަންކަމުގައި ވާހަކަ ދައްކާލަން ވަރަށް ގިނައިރު ހޭލާ ތިބެމެވެ. މިފަދައިން އަހަރެމެންގެ ގުޅުމަށް ހަތް މަސް ފުރުނު ރޭ ވެސް އަހަރެންނަށް ނިދުނީ ފުދޭވަރަކަށް ލަހުންނެވެ. ހެނދުނު ވާރކްޝޮޕަކަށް ދާން ޖެހޭކަން ވެސް އަހަރެންގެ ހަނދާނުން ކަސިޔާރު ވެފައިވާ ކަހަލައެވެ.

ލަހުން ހޭލެވުމުގެ ސަބަބުން ތައްޔާރުވާން ޖެހުނީވެސް އަވަސްއަރުވާލައިގެނެވެ. މުޅީން އަލަށް ނުދަންނަ ބައެއްގެ ތެރެއަށް ދާއިރު، ބިރުގަނެ ޖެހިލުންވާނެ ކަމަށާއި އެއްވެސް ކަމަކާ ނުވިސްނާ، އަބަދުވެސް އިފޫގެ މަތިން ހަނދާން ކޮށްލާށޭ ބުނެ އިފޫ ދިޔައީ އަހަރެންނަށް ހިތްވަރު ދެމުންނެވެ. އިފޫގެ ދުލުން އެ ފަދަ ބަސްތަކެއް އަޑު އިވުމުން އަހަރެންނަށް ހިތްވަރު ލިބިގެން ދިޔައީ މިލާ މޯޅިވަމުންދާ ގަހަކަށް ފެން ލިބުމުން އާރޯކަން ލިބިގެންދާ ފަދައިންނެވެ.

ވާރކްޝޮޕަށް ގޮސް ހަމަޖެހިލާ، މުޅިތަނަށް ނަޒަރު ހިންގާލީމެވެ. ހުސް ބީރައްޓެހި މޫނު ތަކެވެ. ނަމަވެސް އެ ހުރިހާ މޫނުތަކުގެ ތެރެއިން ވެސް، އަހަރެންނާ ތަންކޮޅެއް ދުރުގައި އިން އަންހެން ކުއްޖެއް އަހަރެންނަށް ބަލަމުން ދިޔަ ކަން ފާހަގަ ކުރެވުނެވެ. ކަޅި ވަކިކޮށްނުލައި ބަލަން އިންގޮތުން، ވާހަކަ ދައްކާލުމަށް ފުރުސަތަކަށް ބަލަބަލައިންހެން ވެސް ހީވެއެވެ. އެހެނަސް، ނުދަންނަ ކުއްޖަކަށް ވުމުން، މާ ބޮޑު ކަމަކަށް ނުހަދާ އަހަރެންވެސް ވާރކްޝޮޕްގެ ކަންތައްތަކާ އަވަދި ނެތި އުޅުނީމެވެ.

ލިބުނު ހުސްވަގުތުގައި އަހަރެންވެސް ބޭރަށް ދިއުމަށް ހިނގައިގަތީމެވެ. ނަމަވެސް ކުރިއަށް ނަގަނަގައި ހުރި ފިޔަވަޅު ހުއްޓުމަކަށް ގެންނަން ޖެހުނީ ދާދި ކުޑަ އިރުކޮޅެއް ކުރިން އަހަރެންނާ ދިމާއަށް ބަލަމުން ދިޔަ އަންހެން ކުއްޖާ އައިސް ސަލާމަށް އަތް ދިއްކޮށްލުމުންނެވެ. ސަލާން ގަލާން ކޮށްލުމަށްފަހު އެކަކު އަނެއްކަކު ތަޢާރަފު ވެލީމެވެ. އަހަރެން އެންމެ ހައިރާންވީ ނަވާ ކިޔާ އެ އަންހެން ކުއްޖާ އަށް އަހަރެން ކޮންމެވެސް ތަނަކުން ފެނުނު ކަމަށް ބުނުމުންނެވެ. އަހަރެންނަށް ވިސްނަ ވިސްނާވެސް ނަވާ އަށް އަހަރެން ފެނުނީ ކިހިނެއް ކަމެއް ނޭނގެއެވެ. ކޮންމެ އަކަސް ނަވާ އަކީ އިފޫމެން ރަށު ކުއްޖެއްކަން އެނގުމުން އަހަރެން ދެން އިތުރަށް އެކަމާ ނުވިސްނާ ހިތްހަމަ ޖައްސާލީއެވެ. ކުއްލިއަކަށް އިފޫ އިނގޭތޯ އަހާލެވުނީ އަހަރެންގެ އިޚްތިޔާރަކާ ނުލައެވެ. "އާނ! އިފޫ އިނގޭނެއްނު. ވާން އުޅޭ ޅިޔަންބެ ވިއްޔަ. ހެހެހެ.. ދައްތަ ރައްޓެހި ވެގެން އުޅެނީ އިފޫ އާ ވިއްޔަ" ނަވާ ދައްކަމުން ދިޔަ ވާހަކަ ޤަބޫލު ނުކުރެވިފައި އަހަރެން ހުރީ ސަންޤު މަރުމަރުގެ ހިލައިން ހަދައިފައިވާ ބުދެއް ހެންނެވެ. އިފޫއާ ދައްތަގެ ގުޅުން ނަވާ އިތުރަށް ކިޔައި ދިންދިންހެން އަހަރެންނަށް ސިފަވަމުން ދިޔައީ މާ ސިންގާ ބޮޑު ކަނޑެއްގައި މިސްރާބެއް ނެތި އޮޔާ ދާ ދޯންޏެއްގެ ގޮތުގައެވެ. ވިއްސާރަ ވިލާގަނޑެއްގައި ޖެހި މިސްރާބު ބަދަލުވާ ފަދައިން އަހަރެންގެ ހަޔާތް ވެސް އެފުށް މިފުށަށް ޖެހެނީ ކަން ސިފަވަމުން ދިޔައެވެ.

ނަވާގެ ވާހަކަތަކަށް ބަރޯސާވެ އަހަރެންނަށް ވިސްނުނީ އަހަރެންނާ އިފޫ އާއި ދިމާވީ ނަވާގެ ދައްތަ އާއި އިފޫއާ މައްސަލައެއް ޖެހިގެން އުޅުނު ދުވަސް ކޮޅުގައެވެ. އެހެނަސް އޭގެ ދެހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާވެސް އިފޫ އާއި ނަވާ ދައްތަ ރައްޓެހި ވީއެވެ. އިފޫ އަހަރެންނާ ދުރުވީ ވެސް އެހެންވެތާއެވެ. މިއަދާ ހަމައަށް ވެސް އިފޫ އާއި ނަވާ ދައްތަގެ ގުޅުން އޮތީ ހަމަ އެގޮތުގައެވެ. އަދިވެސް އެ ގުޅުން ދަނީ ކުރިއަށެވެ. ވީއިރު އަހަރެން މީ ކާކު ހެއްޔެވެ؟ ދެ ލޯބިވެރިއެއްގެ ދޭތެރެއަށް އޮޅުމެއްގެ ތެރެއިން ނަމަވެސް ވަދެވިގެން އުޅޭ ބޭކާރު މީހެއްތާއެވެ. އިތުރުންބައިން ޖެހިގެން މިއުޅެވެނީ އަހަރެންނަށް ތާއެވެ. އިފޫގެ ފަތިފުށް އަހަރެންނަށް އެނގުނީ އަދި ކިރިއާއެވެ. އަދި އެ ވެސް އަހަރެމެންގެ ގުޅުމަށް ހަތް މަސް ވީ ދުވަހުއެވެ. މިއީ އަޅެ އިއްތިފާޤެއް ނޫން ހެއްޔެވެ؟

އެ ދުވަހު މެންދުރެއްހާއިރު އިފޫ މެސެޖްކޮށްފައި ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތް ކަމުގައި ބުންޏެވެ. ވަގުތުން އެއީ އިފޫ އާއި ނަވާ ދައްތަގެ ގުޅުމުގެ ވާހަކަކަން އަހަރެންނަށް ނަގައިގަނެވުނެވެ. ލަސްނުކޮށް ޝަބާއަށް ގުޅާފައި އަލިފުން ޔާ އަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ޝަބާ ވެސް އިފޫ ދެކެ ރުޅި އައިސް ހުރި ވަރު އޭނާގެ އަޑު ހެކިދެއެވެ. ވީއިރު، އަދި އަހަރެން ރުޅި އަންނާނެ ވަރު އަންދާޒާ ކޮށްލާށެވެ. ރުޅިއަށް ވުރެން ބޮޑަށް އަހަރެން ވީ ދެރައެވެ. ވަގުތުން ކަރުނަތައް އޭގެ މަޤާމުގައި ކޯތާފަތް މައްޗަށް އޮހި ގަތީ އީދެއް އައިސްގެން އުޅޭ ފަދައަކުންނެވެ. އެއީ ފުރަތަމަ ފަހަރަށް އަހަރެންގެ ކަރު ބުޑުގައި ބޭވަފާތެރި ކަމުގެ ހިތި ރަހަލީ ދުވަހެވެ.

އެދުވަހަށްފަހު އަހަރެންނާ އިފޫގެ ގުޅުން ހީނަރު ވަމުން ދަނިކޮށް، އަލުން އިޢާދަވީ އަހަރެންގެ ހިތުގައި އިފޫއަށްޓަކައި ބިންވަޅު ނެގިފައިވާ ތެދުވެރި ސާފު މަތިވެރި ލޯތްބެއްގެ ބޮޑުކަމުންނެވެ. އެއީ ޕްލޭން އެއްގެ ދަށުން ކުރިކަމެއް ކަމަށް އިފޫ ބުނުމުންވެސް އެކަން ޤަބޫލު ކުރީ އަހަރެން އެކަންޏެވެ. ނަމަވެސް އެންމެނަށްވެސް އަހަރެން އިފޫ ދެކެ ވާ ލޯބި އިޙްސާސް ކުރެވޭތީ، އިފޫ އަށް ދެވަނަ ފުރުސަތެއް ދީ، އަލުން އަހަރެމެންގެ ލޯބީގެ ގުޅުން ރުޖޫއަކުރުމަށް އެކަކު ވެސް އިންކާރު ނުކުރީއެވެ. އެހެންވެ، އަހަރެންވެސް އެކަމަށް ޝުކުރުވެރިވާ ހާލު، އިފޫ ނަވާ ދައްތަ އާއި ރުޅިވުމުން އަނެއްކާވެސް އިފޫ އާއެކު ވީރާނާ ވަމުން ދިޔަ ލޯބީގެ ގަނޑުވަރު އާރާސްތު ކުރެވޭތޯ ބެލީމެވެ.

އެ ގޮތުގައި ދެމި ހުރެވުނީ މަދު ދުވަސްކޮޅެއްގައެވެ. އިފޫ އަމިއްލަ އަށް އަހަރެންނާ ދުރުވާން މަސައްކަތް ކުރާ ކަމުގެ އިޙްސާސް އަހަރެންނަށް ކުރެވެން ފެށިއެވެ. އަބަދު ހުންނަނީ "ބިޒީ" ވެފައެވެ. ޤަބޫލު ކުރަމެވެ. މީހަކު ބިޒީ ވެދާނެއެވެ. އެކަމަކު މެދު ނުކެނޑި ދުވާލެއްގެ ބާރަ ގަޑި އިރު ފާއިތު ވެދާއިރު ހަބަރެއް ނުވެވި ހުރެވޭހާ ބިޒީ މީހެއް ހުންނާނެ ހެންނެއް ހިޔެއް ނުވެއެވެ. ވަކީން ޙާއްސަކޮށް އިފޫ މާ ބިޒީ ވެގެން ކުރަން އޮންނާނީ ވަކި ކީއް ހެއްޔެވެ؟ ކުރިން ވަގުތު ދިންހާ ގާތަށް މިހާރު ވަގުތު ނުދެވެންވީ ކީއްވެ ހެއްޔެވެ؟ ހަބަރެއްވާ ފަހަރަކުވެސް ވާހަކަ ދެއްކޭ ކަމަށްވަނީ ފަސްވަރަކަށް މިނެޓެވެ. މިހެންވެ، އިފޫއަށް އަންނަމުން ދިޔަ ބަދަލުތަކުން އަހަރެން ހުރީ ވިސްނާވިސްނާ ބޯ ގޮވާވަރު ވެފައެވެ.

އަށް މަސް ފުރުނު އަށާވީސް ވަނަ ދުވަހުގެ ރެއެވެ. ވާހަކަ ނުދައްކާތާ ފުދޭވަރަކަށް ދުވަސްވުމުން ވާހަކަ ދައްކާލުމުގެ ނިޔަތުގައި އަހަރެން އިފޫއަށް ގުޅީމެވެ. ފޯނު ނެގީ އޭނާގެ ބޭބެއެވެ. ފޯނު ބާއްވާފައިވީ ގޭން ބޭރުގައި ކަމުގައި ބުނެ ފޯނު ބާއްވައިފިއެވެ. އޭގެ އެއްގަޑިއިރު ފަހުން ގުޅީމައި ފޯނު ނެގީ އޭނާގެ ރައްޓިއްސެކެވެ. އިފޫ އުޅެނީ މަސް ބާނަން ކަމަށް ބުނެ އޭނަވެސް ފޯނު ބާއްވައިފިއެވެ. ދެން އަހަރެން ގުޅީ އިފޫގެ ބެސްޓް ފްރެންޑް އިޝާންއަށެވެ. އޭނަވެސް އިފޫގެ އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުހެދިއެވެ. އެކަމަކު އިޝާން އާ އިފޫ ހުރިހާ އެއްޗެއް ހިއްސާ ކުރާނެކަން މަރު އެނގޭ ފަދައިން އަހަރެންނަށް އެނގެއެވެ. "ޝާމް ވެސް ދެން ރަނގަޅު ވާނީ އިފޫ ނޫޅޭ ވަރުން ނޫޅުނިއްޔާ. ފަހަރެއްގަ ވެދާނެ އެއްނު އިފޫ ޝާމް ދެކެ ލޯބި ނުވަނީ ކަމަށް ވެސް." އެއީ އިޝާން އަހަރެން ގާތު ބުނި އެންމެ ހިތްދަތި އެއް ވާހަކަ އެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނީ އެ ވާހަކަ ޤަބޫލުކުރަން ބޭނުން ނުވެފައި ހުއްޓައެވެ.

ލަވަ ލިޔަން ގެންގުޅުނު ފޮތާއި ގަލަން މޭޒުމަތީ ބޭއްވުމަށްފަހު، އަހަރެން އަވަސްވީ ކުޑަކޮށް ތާޒާ ވެލުމަށެވެ. އިއްބެގެ ގާތުން ހުރިހާ ހަޤީޤަތެއްވެސް އެނގޭނެ ކަމުގެ ފޮނި އުންމީދުގައި ވިލިމާލެ ފެރީ ޓާރމިނަލާ ދިމައިގައި ހުރި 'ޒީޒީ' ރެސްޓޯރެންޓާދިމާއަށް މިސްރާބު ޖެހީމެވެ.

އަހަރެންނަށް ދެވުނުއިރު އަހަރެން ނޫން އެހެން އެންމެން އެތާ ތިއްބެވެ. ލަސްނުކޮށް އެތެރެއަށް ވަދެ ކާ އެއްޗަކަށް އިންސާފު ކުރުމަށް އަވަސްވެގަތީ އެނގެން ބޭނުންވާ ވާހަކަ ތަކުގެ ސަބަބުންނެވެ. "އަސްލު މި ވާހަކަ ބުނަންވެސް ދެރަވޭ. ޝާމް ދެކެ އިފޫ ލޯބި ވެގެންނެއް ނޫން ޝާމް އާއެކީ އުޅުނީ. ޓައިމް ޕާސްއަކަށް. އޭނަ އަސްލު ލޯބިވަނީ އޭނަ ކުރިން ވެސް ރައްޓެހި ވެގެން އުޅުނު އަދި މިހާރުވެސް ރައްޓެހި ވެގެން އުޅޭ ކުއްޖާ ދެކެ. ޝާމް އޮޅުމެއްގެ ތެރޭގައި އުޅޭތަން އިތުރަށް ބަލަން ބޭނުން ނުވާތީ އިފޫއާ ވަގަށް މި ކިޔައިދިނީ ވެސް. އިތުރަށް ޝާމް ދެރަކުރަން ބޭނުން ނުވާތީ." އިއްބެ ދައްކަމުން ދިޔަ ވާހަކަ އަށް ސަމާލުކަމެއް ނުދީ އަހަރެން ދެފަޔަށް ލެވުނު ހާ ބާރެއް ލާފައި އެދިމާ އަތިރިމައްޗާ ދިމާއަށް ދިއުމަށް ހިނގައިގަތީ އެ ވާހަކަތައް އަޑު އަހަމުން ދިޔަ ވަރަކަށް މީހަކު އަހަރެންގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖަހާ ފަދަ އިހްސާސެއް ކުރެވެން ފެށުމުންނެވެ. އެކަނި ވެލައި، ރޯލަން ބޭނުން ވާތީއެވެ.

ތަޤްދީރުގައި އަހަރެންނަށް އުފަލެއް ނެތީ ހެއްޔެވެ؟ އިފޫ ދެކެ ވެވުނު ލޯބީގެ ބަދަލުގައި ލިބުނު ހަދިޔަލަކީ މިއީ ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ އިފޫ ދެކެ ހަޤީޤީ ތެދުވެރި ލޯބި ވެވުން ހެއްޔެވެ؟ ނޫނީ އޭނައަށް ވަފާތެރި ވެވުން ހެއްޔެވެ؟ އަހަރެންގެ ވެސް އޮންނަނީ ހިތެކެވެ. ހިލަ ގަނޑެއް ނޫނެވެ. ވީއިރު، އަހަރެންގެ އިޙްސާސޭ މި ކިޔާ އެއްޗެއް ނުހުންނާނެ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންވެސް ދެރަވާނެކަން އިފޫ އަށް އެނގެން ޖެހޭނެއެވެ. ހިކަނދި މީދަލުގެ ވެސް އަބުރު އޮންނަ ފަދައިން އަހަރެންގެ ވެސް އަބުރު އޮންނަން ވާނެއެވެ. އިފޫ ދެކެ އެހާ ލޯބިވި ކަމަށްޓަކައި ވެސް އަހަރެންނަށް ހިތް ކުޑައި ކޮށްގެން ނުވާނެ ނޫން ހެއްޔެވެ؟

އިފޫއެވެ! އިފޫ ދެކެ ލޯބި ވެވުމަކީ އަހަރެންނަށް ކުރެވުނު ކުށެއްނަމަ މަޢާފަށް އެދެމެވެ. އެކަމަކު އަދިވެސް... އަދިވެސް އަހަރެން ލޯބިވަމެވެ. ބޭވަފާތެރިވެފައި ވީ ނަމަވެހެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މި ލޯބި ބަދަލެއް ވެސް ނުވާނެއެވެ. ތީ އަދިވެސް މި ހިތުގެ ރާޖާ ކަމުގައި އަހަރެން ދެކެމެވެ. މިއަދު ތި ލޯބިން މަހްރޫމް ވެފައި ވީ ނަމަވެސް އަބަދުވެސް ތި ހަނދާންތައް އަހަރެންނާ އެކުގައި ވެއެވެ. ތި ހަނދާންތައް ފޮހެވޭތޯ ބެލިޔަސް، އިތުރަށް ތި ޚިޔާލު ކުރެވޭނީއެވެ. ފޫހިވޭތޯ ވެސް ބެލީމެވެ. ނަމަވެސް އިތުރަށް ހަމަ ލޯބި ވެވެނީއެވެ. ވަކީން ބޮޑަށް "އަށާވީސް" އޭ މީހަކު ބުނާ އަޑު އިވުނަސް އިފޫ މަތިން ހަނދާން ވެއެވެ. އަބަދުވެސް ހަނދާން ކުރާނަމެވެ.

ހިތަށް އަރައި ފައިބަމުން ދިޔަ ޚިޔާލު ތަކުން ސިހިފައި އަހަރެންނަށް ނުކުމެވުނީ ޝަބާ އައިސް ކޮށްޓާލުމުންނެވެ. އެވަގުތު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ވެސް ކޯތާފަތްމަތީ ކޯރެއް ފަދައިން ދެމިގަތެވެ. ހިތްވަރު ކޮށްލާފައި އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު ގެއަށް ދާން ހިނގައިގަތީމެވެ. ބޭވަފާތެރިކަމުގެ ހިތިކަން އެއްކިބާކޮށް، އާފެށުމެއް ފެށުމުގެ ނިޔަތުގައެވެ.

************************************

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލޯގެޔާ

    ސަޅި

  2. ޫސރ

    ވަރަށް ސަޅި