ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކް އެންގޭޖްވެއްޖެއެވެ.

ޖެނިފާ ލޮޕޭޒް ވަނީ އޭނާގެ އަމިއްލަ ވެބްސައިޓްގައި ދެންމެ އާއްމު ކުރި ވީޑިއޯއެއްގައި ބެން އާއި އެންގޭޖްވިކަން އިއުލާން ކޮށްފައެވެ. 13 ސިކުންތުގެ ކުރު ވީޑިއޯއަކުން އެންގޭޖްމަންޓް އިއުލާން ކުރި ނަމަވެސް ޖެނިފާ އާއްމު ކުރި ވީޑިއޯ އިން ބެން އެއް ނުފެނެއެވެ.

ޖެނިފާ އާއި ބެން އެންގޭޖްވި ނަމަވެސް ދެމީހުން ކައިވެނި ކުރާނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އުމުރުން 52 އަހަރުގެ ޖެނިފާ އާއި 49 އަހަރުގެ ބެން 2004 ވަނަ އަހަރު ވެސް ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކަކު އުޅުމަށް ފަހު އެންގޭޖްވިއެވެ. ނަމަވެސް އޭގެ ފަހުން ދެމީހުން ވަކިވެ، ދެމީހުން ވެސް އެހެން މީހުންނާއި ކައިވެނިކޮށް ދަރިން ވެސް ހޯދިއެވެ.

ދެވަނަ ފަހަރަށް ދެމީހުން އަލުން ގުޅުނީ މިދިޔަ އަހަރު އެވެ. ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތްކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ޖެނިފާ ބެން އާއި އެންމެ ފަހުން ގުޅުނީ 2017 ވަނަ އަހަރުން ފެށިގެން ބޭސްބޯޅަ ކުޅުންތެރިޔާ ރޮޑްރިގޭޒް އާއިއެކު ބާއްވަމުން އައި ލޯބީގެ ގުޅުން ނިމުމަކަށް ގެނައުމަށް ފަހުއެވެ. އެގުޅުން ނިމުމަކަށް ގެނައީ ދެމީހުން އެންގޭޖްވެ ކައިވެންޏަކަށް ތައްޔާރުވަމުން އަންނަނިކޮށެވެ.

ޖެނިފާ ވަނީ މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފައެވެ. ޖެނިފާ އަށް ދެކުދިން މިހާތަނަށް ލިބިފައި ވެއެވެ.

1991 ވަނަ އަހަރުން ފެށިގެން ލަވަ ކިޔުމުގެ އިތުރުން ފިލްމުތަކުން ވެސް ފެނިފައިވާ ޖެނިފާ އަކީ އެމެރިކާގެ އެންމެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ ވާން އުޅޭ ފިރިމީހާ ބެން އަކީ ވެސް ފިލްމީތަރިއެކެވެ. ބެން އަށް ވެސް ވަނީ ފިލްމީ ދާއިރާގައި ލިބޭ ޝަރަފްވެރި ގިނަ އެވޯޑްތަކެއް ލިބިފައެވެ.