އިނގިރޭސިވިލާތައް ލައްވެފައި އޮއްވާ ފެނުނު 100 އަހަރުވީ މިޔަރެއް މަރުވިއިރު ސިކުނޑީގައި އިންފެކްޝަނެއް އުފެދިފައިވާކަން މިޔަރުގެ އޮޓޮޕްސީ ރިޕޯޓުން ދައްކާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ބުނެފިއެވެ.

ލަންޑަންގެ ސައިންސްވެރިން މިޔަރުގެ އޮޓޮޕްސީ ހެދުމަށް ފަހު އާއްމު ކުރި ރިޕޯޓްގައި ބުނެފައި ވަނީ މިޔަރު މަރުވާން މެދުވެރިވި ސަބަބަކީ މިޔަރުގެ ސިކުނޑި އާއި ސްޕައިނަލް ކޯޑުގައި އިންފެކްޝަނެއް އުފެދުން ކަމަށެވެ.

ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި އާކްޓިކް އާއި އުތުރު އެޓްލާންޓިކްގެ ކަނޑުގެ ވަރަށް ފުނުގައި ދިރިއުޅޭ މަސްތަކަށް ގިނަ ދުވަސް ވުމުން މިފަދަ މައްސަލަތައް ދިމާވާކަން މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން ވެސް ދައްކާފައި ވެއެވެ.

މަރުވެގެން ލައްވެފައި އޮތް މިޔަރުގެ އުމުރަކީ 100 އަހަރު ކަމަށް ސައިންސްވެރިން ބުނެއެވެ. މިއީ "ގްރީންލޭންޑް މިޔަރެކެވެ." މިޔަރެއްގެ އުމުރުން 100 އަހަރު ވުން އެއީ އާދަޔާއި ހިލާފު ކަމެއް ކަމަށް ބެލެވުނު ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި މިއީ މިހައި ދޮށީ އުމުރެއްގެ މިޔަރެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2016 ވަނަ އަހަރު ސައިންސްވެރިންނަށް ވަނީ 272 އަހަރު ވެފައިވާ މިބާވަތުގެ މިޔަރެއް ފެނިފައެވެ. އަދި މިހާތަނަށް މިބާވަތުގެ މިޔަރުގެ އުމުރު ސައިންސްވެރިންނަށް ވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ސިކުނޑީގައި އިންފެކްޝަނެއް އުފެދިގެން މަރުވި ކަމަށް ބުނާ މިޔަރުގެ ދިގު މިނުގައި 13 ފޫޓް ހުއްޓެވެ. އެމިޔަރުގެ ބަރުދަނުގައި 285 ކިލޯ ހުއްޓެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިޔަރުގެ މަރާއި ގުޅޭ ގޮތުން ކުރެވުނު ދިރާސާގެ އަލީގައި މިބާވަތުގެ މިޔަރުގެ އިތުރު މައުލޫމާތުތަކެއް ވަނީ ލިބިފައެވެ. މިހާރު ސައިންސްވެރިން ގެންދަނީ އެމައުލޫމާތުތައް ދިރާސާ ކުރަމުންނެވެ.