މަޝްހޫރު އެތައް ފިލްމެއްގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އާ ގުޅޭ ގޮތުން އެނގެނީ ފިލްމީ ވާހަކަތަކެކެވެ. އޭނާ ދިވެހިންނަށް ގެނެސް ދިން މޮޅެތި ފިލްމްތަކުގެ ވާހަކައެވެ.

މިފަހަރު "ވަގުތު މައިޒާން" ޕްރޮގްރާމްގެ ސެޓަށް އައިސް އޭނާ ވަރަށް ގިނަ ވާހަކަތައް ކިޔައި ދިނެވެ.


އިއްލެ ބުނާ ގޮތުން ނަމަ އޭނާއަކީ ކުޑައިރުން ފެށިގެންވެސް ވަރަށް ފިލްމީ ކަންކަމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ.ބަލިވެގެން އެނދުމަތިވާން ޖެހުނު ހިސާބުން ވަރަށް ގިނަ ފިލްމުތައް ބަލައި، އެއީ ކިހިނެއްވާ ކަމެއްތޯ ބަލަން ބޭނުންވި ކަމަށް އޭނާ ބުންޏެވެ.

"ބަލިވެގެން އެނދެއްގައި ބާއްވަން އޮންނަން ޖެހުނީމަ އެއިރު އަބަދު ފިލްމް އަޅުވާފައި އޮންނާތީވެ، އެ ފިލްމްތައް ބަލަމުން ބަލަމުން ގޮސް، ބޭނުންވީ ހަދާފައި ހުންނަ ގޮތާއި، ސުވާލުތަކަކަށް ޖަވާބުލިބެންދެން، އެއިރު ޔޫޓިއުބް ނުހުންނާތީވެ، ބުކްޝޮޕަށް ވެދެގެން ފިލްމް މޭކިންގ ފޮތްތައް ހުންނާނެ ގަނެފައި، އެ އެއްޗެހި ބަލައިގެން އައިޑިޔާސް ހޯދުމުގައި އެއިރުގައި އުޅުނީ". އޭނާ ކިޔައި ދިނެވެ.

އިއްލެއަކީ ކުރިން އިމިގްރޭޝަންގެ ވަޒީފާގައި އުޅުނު މީހެކެވެ. ސްކޫލް ނިންމި ގޮތަށް އޮތް ބޮންޑްގެ ދަށުން ސިފައިންގެ ވަޒީފާއަށް ވަންނަން ޖެހުނީއެވެ. އޭނާ ބޭނުންވީވެސް އެމްއެންޑީއެފްއަށް ވަންނާށެވެ. އެއީވެސް ޑްރާމާ މުބާރާތްތަކުން ވަނަ ވަނައަށް އޭރު އެމްއެންޑީއެފް ދާތީއެވެ.

ނަމަވެސް ތަމްރީންގެ ތެރެއިން ނޭވާ ހިއްލާ ކަންތައް ވާތީ، ބޮންޑް އިންކަމަށް ބުނެ އޭނާ ވަޒީފާއަށް ލީ އިމިގްރޭޝަނަށެވެ.

އޭނާ ކިޔައި ދިން ގޮތުގައި، އެއިރުވެސް ފިލްމީ ކަންކަމަށް އޮންނަ ޝައުުގުވެރިކަމެއްގެ ބޮޑުކަމުން ޓީވީއެމްގެ ޕްރޮޑިއުސަރުންނަށް އިއުލާނު ކުރާއިރު ކުރިމަތިލައެވެ. އެކަމަކު އެކްސްޕީރިއަންްސް ނެތް ކަމަށް ބުނެ ވަޒީފާއެއް ނުލިބެއެވެ.

މަޝްހޫރު ޑައިރެކްޓަރ އިއްލެ

އެކަމަކު އޭނާ ދުލެއް ނުކުރިއެވެ. ދެން އޭނާ ވަޒީފާއަށް ކުރިމަތިލީ ވީޓީވީއަށެވެ. އެކަން ނުވެގެން އެ ދާއިރާއަށް ކިޔަވަން ރާއްޖެއިން ބޭރަށްވެސް ދިޔައެވެ. ވީޑިއޯ ޕްރޮޑަކްޝަންގެ ދާއިރާއިން ރާއްޖެއިން މަތީ ތައުލީމް އޭނާ ހާސިލްކުރިއެވެ. ވީޓީވީން ވަޒީފާ ލިބިި ނުވަ އަހަރު އެތަނުގައި އިއްލެ މަސައްކަތް ކުރިއެވެ. އެކަމަކު އެތަނުން މީހުން މަދު ކުރުމަށް ވަޒީފާއިން ވަކިކުރިއެވެ.

އޭގެ ފަހުންވެސް އަމިއްލަ ކުންފުންޏެއްގައި އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު މިހިސާބުން ނިންމީ މީހުން ކައިރީގައި މަސައްކަތް ކުރުން ދޫކޮށްލާ އަމިއްލައަށް މަސައްކަތުގައި އުޅުމަށެވެ.

އިއްލެގެ ފިލްމީ ރަސްމީ މަސައްކަތް ފަށައިގަަތެވެ. އިއްލެގެ ފުރަތަމަ ފިލްމަކީ "ބަވަތި"އެވެ. މި ފިލްމް ލިޔެ ޑައިރެކްޓް ކުރީ އިއްލެއެވެ. އޭނާގެ އަމިއްލަ ފިލްމް ހައުސް "އައި ފިލްމްސް"ގެ ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމް ހައުސްގެ ފުރަތަމަ ފީޗާ ފިލްމްވެސް މެއެވެ. ސަސްޕެންސް ސައިކޮލޮޖިކަލް ތުރިއްލާ "ބަވަތި"އަކީ އިއްލެގެ އިތުރުން، އާސިމް އަލީ (ސިމްބެ) އާއި އިލްޔާސްގެ ބޭބެ އަހްމަދު ވަހީދު ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.

ބަވަތި ކޮންސެޕްޓްގައި މަސައްކަތްކޮށްފައި ވަނީ އިއްލެގެ އިތުރުން، އެކްޓަރު އަހްމަދު އިފްނާޒް ފިރާގްގެއެވެ. މިއީ ފިލްމީ ދާއިރާއަށް ވަންނަން ފެންބޮވައިގެންފައި ތިބި މި ދެ މީހުންގެ ފުރަތަމަ މަސައްކަތެވެ. ދާއިރާއަށް ވަންނަން އެތައް މަސައްކަތް ކޮށްފައިވާ ދެ ފަންނާނުންނެވެ.

މަޝްހޫރު ޑައިރެކްޓަރ އިއްލެ

"2019 ވަނަ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހު ބަވަތި ރިލީޒް ކުރިއިރު އަސްލު އިއްލެ އެހާ އުއްމީދެއް ނުކުރަން ބަވަތި އެހާ ސަކްސެސްއަކަށް ވާނެ ކަމަކަށް، އިއްލެ އަށް އެނގޭ ފިލްމް އިންޑަސްޓްރީގައި މީހުން ނުކުރާ މަސައްކަތެއްކަން، އެހެންވެ ހިތަކަށް ނާރާ މީހުން އޭތި ބަލައިގަންނާނެ ކަމަކަށް". ހާއްސަކޮށް ޒުވާނުން ވަރަށް ބޮޑަށް އޭތި ބަލައިގަތްކަން ފާހަގަކުރަމުން އިއްލެ ކިޔައި ދިނެވެ.

އިއްލެގެ އިތުރު މަސައްކަތަށް ބަލާއިރު، "ނީނާ"، "މަޒްލޫމް"، "ބިރުވެރި ވާހަކަ" ފަދަ މަސައްކަތްތައް ހިމެނެއެވެ.

މިއީ އިއްލެއާ ގުޅޭގޮތުން އޭނާ ކިޔާދިން ވާހަކަތަކެވެ.

ސުވާލު: އެމްއެންޑީއެފްއަށް ވަޒީފާއަށް ވަންނަން ބޭނުންވީ ކީއްވެ؟

އިއްލެގެ ފުރަތަމަ ވަޒީފާއަކީ އެމްއެންޑީއެފްއެވެ. އޭނާ ބޭނުންވީ އެމްއެންޑީއެފްއަށް ވަންނާށެވެ. އެއީ އެމްއެންޑީއެފްގެ ޑްރާމާތަކުން ވަނަތައް ހޯދާތީއެވެ. އެކަން އޭނާ އެމްއެންޑީއެފްގެ އިންޓަވިއުގައިވެސް ކިޔާދިނެވެ.

"އެމްއެންޑީއެފްއަށް ދިޔައީ ވަރަށް ވަންނަ ހިތުން، އެމްއެންޑީއެފްއަށް ވަންނަން ދިޔަ ސަބަބަކީ އެއިރު އޮފީސްތަކުގެ ޑްރާމާ މުބާރާތްތަކުގައި އެންމެ ކުރީގައި އުޅެނީ އެ މީހުން، އަސްލު ޑްރާމާ ހަދާނެ ފުރުސަތު ލިބޭނެ ކަމަށް، އަސްލު އިންޓަވިއުއަށް ގޮސްފައިވެސް ބުނިން، އެ މީހުން އެހި ކީއްކުރަންހޭ މިތަނަށް ތިއައީ، މަ ބުނިން ތިކޮޅުގެ ޑްރާމާތައް ވަރަށް ސަޅިއޭ، އެހެންވެ ޑްރާމާ ހަދަން ފުރުސަތު ލިބޭނެ ކަމަށޭ މިއައީ". އޭނާ ކިޔާދިނެވެ.

އިއްލެ

ސުވާލު: ވަޒީފާގައި ދިމާވި ހަނދާނުން ނުފިލާ ވަރުގެ ކަމެއް ހިއްސާކޮށްލަ ދީބަ؟

މިއީ އޭނާ އެމްއެންޑީއެފްގައި ތަމްރީނުގައި އުޅުނުއިރު ދިމާވި ކަމެކެވެ.

"އެމްއެންޑީއެފްގެ ޓްރޭނިންގައި ނޭވާހިއްލާކަން އަސްލު އެއިރަކު ނޭނގޭ، މޫދު ދެކެ ބިރުން ވީކަމެއް އަސްލު އެއީ އެކަމަކު މިހާރު އެވެސް ފިލާފައި މިހުރީ މޫދު ދެކެ ބިރެއް ނުގަނޭ. އެއް ދުވަހު ހަމަ ފުންމާލަން ބުނީ، ފަތަން އެނގޭނެއޭ ބުނީ، ފުންމާލިތަނާހެން ނޭވާހިއްލަން ފެށީ".

ސުވާލު: ސްކޫލް ދައުރުގައި ހަނދާން ހުންނަ ކަމެއް ހިއްސާކޮށްލަ ދީބަ؟

ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލްގެ އިތުރުން މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލްކޮށްފައިވާ އިއްލެ ބުނިގޮތުގައި، ސްކޫލްގައި އުޅުނުއިރު އޭނާއަކީވެސް މާ މަޑުން ހުންނަ މީހެއް ނޫނެވެ. އިތުރަށް ފާހަގަކުރީ އިއްލެގެ ދައްތަ ސްކޫލްގެ އޮފީހުގައި އުޅޭ ވާހަކައެވެ.

"އެއް ދުވަހު ސްކޫލްގައި ސަކަރާތް ޖަހައިގެން ޓީޗަރު ބުނި ބޭރުގައި ނީލްޑައުން ކޮށްގެން އޮންނާށޭ، ދެން ކަކޫ ޖަހައިގެން އޮންނަނީ، ފާރު ބުރިއާއި ކްލާހާއި ދޭތެރޭ މި އޮންނަނީ ނީލް ޑައުންކޮށްގެން. އިންދާ އެބަފެނޭ ތިއްތަ، ތިއްތައަށް ފެނިއްޖެޔާ އެނގޭ މި ހަބަރު ގެއާ ހަމައަށް ދާނެ ކަން، އެހެންވެގެން މި އޮންނަނީ ނީލްޑައުންކޮށްގެން އިފާރު ބުރިއަށްވުރެ ތިރިވެގެން، އޯލްމޯސްޓް އޮށޯވެގެން އިއްލެ އޮތީ ތިއްތައަށް ނުފެންނަވެގެން، ނަސީބަކުން ތިއްތައަށް ނުއެއް ފެނޭ، އެކަމަކު ފަހުން އެ ވާހަކަ ތިއްތަ ކައިރީގައި ދެއްކިން".

ތަފާތު ފިލްމްތަކެއް ނެރެދިން އިއްލެ

ސުވާލު: ބަވަތި ފިލްމްގައި ދިމާވި ހަނދާނުން ނުފިލާ ވަރުގެ ކަމެއް ހިއްސާކޮށްލަ ދީބަ؟

"މަޖާ ކަމަކީ އަނެއްކޮޅުން މޫދުގެ ކަންތައްތައް ފެންނަ ފިލްމެއް ބަވަތިއަކީ، ނުޒޫ ގެނބުމާއި، އެކަމަކު ނުޒޫއަކީ ހެސްކިޔާފައި މޫދު ދެކެ ބިރުގަންނަ ކުއްޖެއް އެ ސީންތައް ކުޅެފައިވެސް އެ ހުރީ އެހެން ކުއްޖެއް ލައްވާ ނުޒޫ މޫދަށް ގެނބޭ ސީންވެސް. ނުޒޫ ކްލޯޒްއަޕް ނަގާފައި ހުރީވެސް މޭކަށިގަނޑަށް ފެން ހުންނަ ހިސާބަށް އެންމެން ވަށާލައިގެން ތިބެގެން ނުޒޫ މޫދަށް ލީވެސް، އެހާވެސް ނުޒޫ ބިރުގަނޭ".

ސުވާލު: ސްކޫލް ކުޅިވަރުގެ ހަރަކާތްތަކުގައި އުޅެންތަ؟. ސްކޫލްގައި އުޅުނުއިރު އެންމެ މޮޅީ ކޮން ކަމަކަށް؟

އިއްލެ ފާހަގަކުރީ ސްކޫލްގައި އުޅުނުއިރު އޭނާ ކުޅިވަރުގެ ހަރަކާތްތަކުގައި ނޫޅޭ ވާހަކައެވެ. އަދި ސްކޫލްގައި އުޅުނުއިރު އެންމެ މޮޅީ ވާހަކަ ލިޔަން ކަމަށް ބުންޏެވެ. އަދި ގްރޭޑް 10ގައި އުޅުނުއިރު، ސްކޫލުން އެންމެ ރީތި ވާހަކަ ލިޔުނު ކުއްޖާގެ އިނާމްވެސް ލިބުނެވެ. އަދި ހުރިހާ ސްކޫލްތަކުން އޭނާއަށް ދެވަނަ ލިބުނެެވެ.

އިއްލެ ބުނީ އޭނާ ލިޔުނީ ކޮން ވާހަކައެއްކަން ހަނދާން ނެތް ކަމަށެވެ.

އިއްލެ "ވަގުތު" މައިޒާން ސެޓްގައި

ސުވާލު: ސައިކޮލޮޖިކަލް ތްރިލާ ފިލްމެއްގެ މެއިން ކެރެކްޓާއަކަށް އެންމެ ރަނގަޅީ ނުޒޫ ނޫނީ އައްޒަތަ؟

އިއްލެގެ ފުރަތަމަ ފިލްމްގައިވެސް ފެނިގެން ދިޔަ ގޮތަށް އޭނާ މީގެން ނެގީވެސް ނުޒޫއެވެ.

"އިޓް ޑިޕެންޑްސް އޮންދަ ސްޓޯރީ ލައިން، އައްޒައާ އެ ސްޓޯރީލައިންއާ ގުޅެންޏާ އައްޒައާއެކުވެސް ވޯކް ކުރެވިދާނެ. އެކަމަކު ނުޒޫއާއެކު ވޯކް ކުރެވިފައި އިނީމަ އިއްލެއަށް ޔަގީން %100 ނުޒޫ އޭތި ޑެލިވާކޮށްދޭނެކަން. އައްޒަވެސް ގޯހެކޭ ނުބުނާނަން".

އިއްލެ

ސުވާލު: ފިލްމަކަށް ކެރެކްޓާއެއް ނަގާއިރު އެންމެ އިސްކަން ދޭނީ މީހާ ހުންނަ ގޮތަށް ނޫނީ އެކްޓިންގ ހުނަރަށް؟

މި ސުވާލަށް ޖަވާބުދެމުން އިއްލެ ނެގީ އެކްޓިންއެވެ.

"އެއީ ސިކްސް ޕެކް ލާފައި ހުންނަ ފިިރިހެނެއް ގޮވައިގެން އައިސް އޭނާއަށް އެކްޓް ނުކުރެވެންޏާ އޭނާގެ ބޭނުމެއް ނެތް ދޯ. އެ ކެރެކްޓާއެއް ޕާފެކްޓްކޮށް ޑެލިވާ ވަންޏާ އިއްލެއަށް އޯކޭ ހަމަ".

ސުވާލު: ޗުއްޓީއަށް ދާނީ ރާއްޖެތެރޭގެ ރަށަކަށްތަ ނޫނީ ރާއްޖެއިން ބޭރަށް؟

މި ސުވާލަށް ޖަވާބުދެމުން އިއްލެ ބުނީ އޭނާ ދާނީ ރާއްޖެއިން ބޭރަށް ކަމަށެވެ. އެއީ ޝޮޕިންގ ކުރަން ބޭނުންވާތީ ކަމަށްވެސް ބުންޏެވެ.

ސުވާލު: ހަޔާތުގައި މިހާތަނަށް ކުރެވުނު ކަންތައްތަކުގެ ތެރެއިން ރިގްރެޓް ކުރާ ކަމެއް؟

އިއްލެ ބުނީ، އެއްވެސް ކަމަކަށް ރިގްރެޓް ނުކުރާ ކަމަށެެވެ. އަދި ރިގްރެޓް ކުރިނަމަ މިހާހިސާބަށް ނާދެވޭނެ ކަމަށްވެސް ބުންޏެވެ.

ސުވާލު: ތިއީ ލޯބީގެ ވަރަށް ކާމިޔާބު މީހެއްތަ؟

މި ސުވާލަށް ވަރަށް ފަސޭހައިން ޖަވާބުދިނެވެ. އިއްލެ ބުނީ ބުނެވޭނެ ކަމަށެވެ.

"ބައިވަރު ލޯބި އެބަހުރިދޯ. ފެމެލީ ވައިފް ރައްޓެހިން، ފެމެލީގެވެސް އެންމެންގެ ފޭވަރޭޓަކީ އިއްލެ ވައިފްވެސް ވަރަށް ލޯބިވާކަން އެނގޭ، ރައްޓެހިންވެސް ވަރަށް ލޯބިވޭ". އެހެންވީމަ ލޯބީގައި ނާކާމިޔާބީ އެކޭ ނުބުނެވޭނެ ކަމަށް އިއްލެ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޓޮއިން

    ސޮރީ ބަޓް އައި ޑޯންޓް ނޯ ދިސް އިއްލެ؟

    24
    2
  2. ޙުސާމް

    ތުނބުޅި ދިގުކޮށްގެން ހުރެ، ކަންފަތު މުދި ލައްވާ އަދި އޮރިޔާން ނިވާ ނުވެ ތިބެ ދެޖިންސު މަސްހުނި ކުރުވާ ފިލުމުތަކުގައި ހަރަކާތްތެރި ކުރުވާކުރުވުން ހުއްޓާލާ. ދީނަށް ފުރައްސާރަ ކުރުން ހުއްޓާލުނަށް އާދޭހާއެކު ދަންނަވަން.

    21
    3
  3. Anonymous

    ހާދަ އަވަހަކަށް ތުބުޅި ނުރަ ވެ ކަންކަން ތި ވީ! އޭޖްޑް ފާސްޓަރ ދެން މެނީ

    4
    2
  4. ޙަޒާ

    ރަނގަޅު ވާހަކައެއް.
    އައްޒަ ހީވަަނީ ވެކްސް މިއުޒިއަމަކުން ފިލައިގެން އުޅޭ ބުދެއްހެން.

    12
    1
  5. ރަދީފުލް ކުމާރު

    އިއްލެ ލޯބި މާނަކޮށްލާފާއޮތްގޮތް ވަރަށް ސަޅި. ބައެއްމީހުން ހީކުރޭ ހަމައެކަނިލޯތްބަކީ އިޝްގީލޯތްބޭ.

    15
    3
  6. ާަޖެލީބީން

    ސުވާލްތަކަށް ޖަވާބު ދީފަ ހުރިލެއް ވަރަށް ފުރިހަމަ! އިއްލެއައް މިދާއިރާ ރަގަޅު ގޮތަކައް ބަދަލު ކުރާނެކަމަށް އުންމީދު ކުރަން. ވަރަށް ކާމިޔާބަށް އެދެން!

    5
    3
  7. ސަޓޮ

    ޓެޑްރީގެ އަސްލުނަމަކީ އިއްލެތަ ؟

  8. Anonymous

    ކޮންމެ ހެން އިސްލާމުމްން ނެއް ނޫން ތުބުޅި ދިގު ކުރަނީ ކީ! ހުރިހާ ދީނެއްގެ ވެސް ފާދިރީން ނާ އެނޫން މީސްމީހުން ތުބުޅި ދިގު ކުރޭ! ތުބުޅި އަކުންނެއް ނޫން މުސްލިމް ވަނީ ކީ ވެސް ތުބުޅި ދިގު ނުކުރާ ވ ގިނަ މުސްލިމް ގައުމުތައް ވެސް ވޭ މިސާލަކަށް މިސްރު! ދެން އެމީހަކު ބޭނުން ވިއްޔާ ތުބުޅި ދިގު ކުރާ ކިތައްމެ ބަޔަކު މުޅި ދުނިޔޭގަ އުޅޭ ސޯ މީނަ ތުބުޅި ދިގު ކޮށްގެން ހުރީ ދީނަށް ފުރައްސާރު ކުރަޏްށޭ އެއް ނުބުނެވޭނެ! ކަންފަތު މުދި އާ ތުބުޅި އޭ އޭނަގެ ސިގްނޭޗަރ ސްޓައިލް ކަމަށް ވެދާނެ ނުން ތަ ހުސާމް

    5
    1
  9. ބިއްލެ

    ކާމިޔާބު ޑައިރެކްޓަރެކޭ ނުބުނެވޭނެ.. އެހާ ރީޗެއްނޫން ފިލްމު ތަކެއް.... ތިކަމާ ނޫޅެ ކަސްރަތު ކޮއްލެވޭ ތޯ ބަލާ..

    3
    2