އެޕިސޯޑް: 13

 

ފަސް އެނބުރި ބަލާ ނުލާ ފާރިޝް ހިނގާފައި ގޮސް އެގެއިން ނުކުތެވެ. ނިޒްދާ އަޑުން އަޑު ނަގާ ފެށީ ރޯންށެވެ. ސިޓިންގރޫމްގައި އުޑު ފައިން އިނދެ ނިޒްދާ ރޮމުން ގެންދިޔައީ އޭނާގެ ހިތުގައި ވަރަށް ބޮޑަށް ޖެހިގެންނެވެ. ފާރިޝް ގެއްލިގެން ދާން ނިޒްދާ އެއްވެސް ޙާލެއްގައި ބޭނުމެއް ނުވެއެވެ. ކަމުގެ ޙަޤީޤަތް ނުބަލާ، ޔާއިން ދެކެ އަންނަ ރުޅީގައި ފާރިޝްއާ ދޭތެރޭ ކަންތައް ކުރެވުނީ ނުހަނު ގޯސްކޮށް ކަމުގައި ނިޒްދާއަށް ހަމަ ރަނގަޅަށް ވެސް އެނގި، ޤަބޫލު ކުރެވިއްޖެއެވެ. އެ ހުރިހާ ކަމެއްގެ އިޙްސާސް ނިޒްދާއަށް އެއް ވަގުތެއްގައި، އެއްފަހަރާ ކުރެވުމުން އޭނާ ހުރީ އިންތިހާއަށް ބޮޑަށް އަސަރު ކޮށްފައެވެ. ހިތް ފަޅައިގެންދާ ޙާލުގައި ނިޒްދާ އޭނާގެ ހިތުގައި އޭނާގެ ދެއަތް މަޑުމަޑުން ޖައްސާލުމަށްފަހު ބަލައިލީ އޭނާގެ މަންމަގެ މޫނަށެވެ.

"މަންމާ! އަޅެ ފާރިޝް ހިފަހައްޓަ ބަލަ!"

ނިޒްދާ ރޮމުން ފާތުންގެ މޫނަށް ބަލަހައްޓައިގެން އިނދެ އާދޭސް ކުރަން ފެށިއެވެ. ނިޒްދާގެ ވާހަކަތަކަށް ސަމާލުކަމެއް ދޭން ފާތުން ބޭނުން ނުވާ ފަދައެވެ. ޔޫނުސްގެ ގައިގައި ބައްދައިގަނެގެން ފާތުން ވެސް ރޮމުން ގެންދިޔައީ ޔާއިންއާ ދޭތެރޭ ވިސްނާފައެވެ. ޔާއިން ވާނެ ދެރަ އާއި އެފަކީރުގެ ހިތަށް ކުރާނެ އަސަރު ފާތުންއަށް ވަޒަން ކޮށްލަން ވެސް ދައްޗެވެ. އަމިއްލަ ބަނޑުން ވިހޭ ދަރި ނޫން ކަމުގައި ވިޔަސް، މިއަދާ ޖެހެންދެން ޔާއިން ބެލީ، ފާތުން އޭނާގެ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެއްވެސް ކަމެއް ޔާއިންއަށް އުނިވިޔަ ނުދީ ނުހަނު ލޯތްބާއި އަޅާލުން ދީގެންނެވެ. ޔާއިންއަށްޓަކާ ކޮންމެ ފަދަ ޤުރުބާނީއެއް ވުމަށް ވެސް ފާތުން އާއި ޔޫނުސް ހުންނަނީ އަބަދުވެސް ތައްޔާރަށެވެ. އެކަން ހަމަ ރަނގަޅަށް ވެސް ޔާއިންއަށް އެނގޭނެއެވެ. އެކަމާ ޔާއިން ހެކި ވާނެއެވެ.

ސިޓިންގރޫމްގެ ފާރަށް ޖެހިގަނެގެން ހުރި ޔާއިން ދިޔައީ ދޭތެރެ ދޭތެރެއިން ކަރުނަ ފޮހެމުންނެވެ. ޔާއިންގެ އެންމެ ގާތުގައި ހުރީ ހައިފާއެވެ. ޔާއިންގެ އަތުގައި މަޑުމަޑުން ހިފަހައްޓައިގެން ހައިފާ ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. ޔާއިންއަށް އެވަރުގެ ބޮޑު އިތުބާރެއް އޮތް އިރުވެސް، ނިޒްދާގެ ބަހަށް ހެއްލިގެން މިތަނަށް އާދެވުނީތީއެވެ. ނިޒްދާގެ އަނގައިން ނުކުތް ކޮންމެ ލަފުޒެއް ޔާއިން ފަދައިން ހައިފާއަށް ވެސް ސިހުން ގެނުވިއެވެ. ޤަބޫލު ކުރަން ދަތި، އުނދަގޫ ވާހަކަތަކެއް ނިޒްދާގެ ދުލުން ބޭރު ކުރުމަށްފަހު، ފާތުން އާއި ޔޫނުސްގެ ފަރާތުން އެއިން ކަމަކާ ގުޅޭ ގޮތުން އެއްޗެއް ނުބުނާތީ މިކަމުގައި ކޮންމެވެސް އެހެން ކަމެއް އުޅޭނޭ ހައިފާގެ ހިތް ބުނަން ފެށިއެވެ. މީ ޔާއިންގެ ހިތުގައި ވެސް އުފެދެމުން ދިޔަ ޚިޔާލު ތަކެވެ.

ޔާއިންގެ ސިކުނޑިއަށް އެތައް ސުވާލުތަކެއް ފުނި ޖެހި ޖަމާވަމުން ދިޔައެވެ. އެއިން ކޮންމެ ސުވާލަކުން ޔާއިންގެ މުޅި ޖިސްމަށް ތުރާތައް ލިބެމުން ދިޔައެވެ. ނަމަވެސް އެ ތުރާތަކާ ހަނގުރާމަކޮށްލަ ކޮށްލާ ހުންނާނެ ހިތްވަރެއް ޔާއިންގެ ހަށްޓަކު ނެތެވެ. މިއަދު ޔާއިން ބޭނުން ވަނީ އޭނާގެ ޙަޤީޤަތް އޭނާއަށް އެނގޭށެވެ.

މުޅި ސިޓިންގރޫމުން ރުއިމުގެ އަޑު ނޫން އެހެން އަޑެއް ނީއްވެއެވެ. ނިޒްދާގެ ހިތާއި ސިކުނޑީގައި ވަނީ ހަމައެކަނި ފާރިޝްއެވެ. އޭނާ ހާސްވެ ކަންބޮޑު ވަނީ ވެސް ހަމައެކަނި ފާރިޝްއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުންނެވެ. ފާތުން ހުރީ ޔާއިންގެ ކުރިމަތީގައި ހުއްޓި ހުރެ، ހުރިހާ ވާހަކަތަކެއް ކިޔާދޭން ވަރަށް ބޭނުން ވެފައެވެ. ނަމަވެސް އެ ހިތްވަރު ފާތުންގެ ހަށިގަނޑު ތެރެއިން ނުނިކުތެވެ.

ޔާއިންގެ ހިތުގައި ބިންވަޅު ނެގިފައި ވަނީ ނިޒްދާ އޭނާއަށް ކުރި ދޮގު ތުހުމަތާއި، އޭނާއާ ދޭތެރޭ ކަންތައް ކުރި ގޮތަށް ވުރެ ބޮޑަށް އޭނާ އަކީ މި ޢާއިލާއާ ނުގުޅޭ ފަރާތެއްކަން އެނގުމުން އެ ހިތްދަތި ކަމެވެ. ޢާއިލާ ކަމަށް މިހުރިހާ ދުވަހު ދެކެވުނީ އަސްލު ޢާއިލާ ނޫންކަން އެނގި ހާމަވީމައެވެ.

ދައްތަގެ ރުޅިވެރިކަމުގެ ފޮރުވިފައިވާ ސިއްރު ޔާއިންގެ ކުރިމަތީގައި މި ހާމަވެގެން ދިޔައީ ހާދަ ދުވަހަކަށް ފަހުގައެވެ. ދައްތަ މި ކަންތައް އޭނާގެ ހިތުގެ ހަތަރުފާރުގެ ތެރޭގައި "ލައްކަ" ދުވަހު ތަޅުލާފައި ބާއްވައިފިއެވެ. ޔާއިންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އަތުގެ ނުފުށުން ލޮލުން ފައިބާ ކަރުނަތައް ފޮހެލުމަށްފަހު ޔާއިން ކުރިއަށް ފިޔަވަޅެއް ނެގިއެވެ. މަޑުމަޑުން ހިނގާފައި ޔާއިން ގޮސް ހުއްޓުނީ ފާތުންގެ ކުރިމަތީގައެވެ. ފާތުންއަށް އިސްދަށަށް ޖަހާލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ. ޔާއިންއާ ކުރިމަތިލާން ފާތުންއަށް ފަސްޖެހެވުނީއެވެ. އޭރުވެސް މޫނުމަތީގައި އަތް އަޅައިގެން ނިޒްދާ އިނީ ތަށިމުށިގަނޑުމަތީގައި އިށީންދެގެންނެވެ.

"އަހަރެންގެ މަންމަ އަކީ ކާކު؟"

ޔާއިން ވަރަށް ހިތްވަރުކޮށްލާފައި އަހާލިއެވެ. ޔާއިންގެ ސުވާލު ނިޒްދާގެ ކަންފަތުގައި ޖެހުމާ އެކު، ނިޒްދާ އޭނާގެ މޫނުމަތީގައި އަޅާފައިވާ އަތް ނެގިއެވެ. ޔާއިންގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގި ފާތުން ހަމަ އިސްޖަހައިގެން ހުރީއެވެ.

"އަހަރެންގެ މަންމަ އަކީ ކާކު؟"

ޔާއިން ކުރި ސުވާލު އޭނާ ތަކުރާރު ކޮށްލުމާއެކު، ފާތުންގެ ބަޑި ފަޅައިގެން ދިޔައެވެ. އިސް ނަގާ ޔާއިންއާ ހަތަރުކަޅި ހަމަކޮށްލުމާއެކު ފާތުން ނިކަން ބާރަށް "ދަރިފުޅާ" އޭ ކިޔާ ޔާއިންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ.

"ދަރިފުޅާ!"

ޔާއިންގެ ބޮލުގެ އިސްތަށިގަނޑު މޮޑެލުމަށްފަހު، ޔާއިންގެ ބުރަކަށީގައި ފާތުން ފިރުމާލިއެވެ. ޔާއިން އޭނާގެ ދެއަތުން ފާތުންގެ ބުރަކަށި ވަށާލިއެވެ. އެވަގުތު ޔާއިންގެ ތިރީ ތުންފަތް ދިޔައީ ހިތާމައިގެ ވޭނުން ތުރުތުރު އަޅަމުންނެވެ. އެ މަންޒަރު ބަލަން ހުރި ހައިފާ ދޭތެރެ ދޭތެރެއިން ލޮލުން ކަރުނަ ފޮހެލައެވެ.

"މަންމައަށް މާފު ކުރޭ!"

ފާތުން އޭނާގެ ދެއަތް ޖައްސައިލީ ޔާއިންގެ ދެކޮލުގައެވެ. އަދި ވަރަށް ފުން އަސަރާ އެކުގައި ފާތުން ބަލައިލީ ޔާއިންގެ ދެލޮލަށެވެ. ފާތުންގެ ލޮލުގެ ތެރޭގައި ބޮޑުވެފައިވާ ކަރުނަތައް ފޫއަޅުވާލާފައި ފެންނަނީ ޔާއިންގެ ލޮލުގެ ތެރޭގައި ކެކެމުން ދިޔަ ކަރުނައެވެ. (ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަައިޝް

    ވަރަށް އިންތިޒާރު ކުރެވޭ ވާހަކައެއް

    6
    1